Roadha Mihaaru
"ކޯޓުތައް މެދުވެރިކޮށް ދަނީ މީޑިއާ އިނދަޖައްސާލަމުން"

ސަރުކާރުން ދަނީ ކޯޓުތައް މެދުވެރިކޮށް މީޑިއާ އިނދަޖައްސާލަމުން: އާރުއެސްއެފް

04 ޖުލައި 2016

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރުން އެނގިގެން ދަނީ މިނިވަން މީޑިއާ އިނދަޖައްސާލުމަށް ސަރުކާރުން ޝަރުއީ ދާއިރާ ބޭނުން ކުރަމުން ގެންދާކަން ކަމަށް ރިޕޯޓާސް ވިތައުޓު ބޯޑާޒް (އާރުއެސްއެފް) އިން މިއަދު ބުނެފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރުން އެނގިގެން ދަނީ މިނިވަން މީޑިއާ އިނދަޖައްސާލުމަށް ސަރުކާރުން ޝަރުއީ ދާއިރާ ބޭނުން ކުރަމުން ގެންދާކަން ކަމަށް ރިޕޯޓާސް ވިތައުޓު ބޯޑާޒް (އާރުއެސްއެފް) އިން މިއަދު ބުނެފި އެވެ.

ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ އެންމެ ބޮޑު ޖަމިއްޔާގެ އޭޝިއާ ޕެސިފިކް ޑެސްކުގެ ވެރިޔާ ބެންޖަމިން އިސްމާއިލް ވިދާޅުވި ގޮތުގައި "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން އެއްވެސް މީޑިއާއެއްގައި މަސައްކަތް ނުކުރެވޭ ގޮތަށް ހެދުން އެއީ އެއްވެސް ތާކުން ތާކު ނުޖެހޭ ކަމެކެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ އަމުރުގެ ސަބަބުން އަސާސީ ހައްގަކުން ނޫސްވެރިން މަހުރޫމް ވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިހެން ކަންކަން ވަމުން ދާ ނަމަ ޑިމޮކްރެސީ ނެތިގެން ގޮސް، ހުދުމުހުތާރު ވެރިކަމެއް ފުރާ ފުރިހަމަ ވާނެ. އެހެންވެ، މި މަގުން ކުރިއަށް ވަޑައިގަތުން ރައީސް [އަބްދުﷲ ޔާމީން އަބްދުލް] ގައްޔޫމް ހުއްޓަވާލައްވަން ޖެހޭ،" އިއްޔެގެ ހުކުމާ ގުޅިގެން ބެންޖަމިން މީޑިއާތަކަށް ފޮނުއްވި ކޮމެންޓެއްގައި ވިދާޅުވި އެވެ.

ނޫސްވެރިންނަށް ހުރި ދަތިތަކާ ދެކޮޅަށް ނޫސްވެރިން މިދިޔަ އޭޕްރީލް މަހު އަޑުއުފުލަނީ.

ނޫސްވެރިންނަށް ހުރި ދަތިތަކާ ދެކޮޅަށް ނޫސްވެރިން މިދިޔަ އޭޕްރީލް މަހު އަޑުއުފުލަނީ.

ސިވިލް ކޯޓުގެ ހުކުމާ އެކު، މިދިޔަ ފެބްރުއަރީ މަހާ ހަަމަ އަށް "ހަވީރު"ގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި ވަޒީފާ އަދައެއް ނުކުރެވޭނެ އެވެ. އެއާ ހިލާފަށް، އެ ތަނުން މީހަކު އެހެން މީޑިއާއެއް ނުވަތަ މީޑިއަކާ ގުޅުން ހުރި ތަނެއްގައި މަސައްކަތް ކުރާ ކަމަށް ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުންނަށް ފެނިއްޖެ ނަމަ، އެކަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައި އެ މުއައްސަސާތަކުން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ކޯޓުން އަމުރުކޮށްފައިވެ އެވެ.

"މިހެން ކަންކަން ވަމުން ދާ ނަމަ ޑިމޮކްރެސީ ނެތިގެން ގޮސް، ހުދުމުހުތާރު ވެރިކަމެއް ފުރާ ފުރިހަމަ ވާނެ." ބެންޖަމިން

ހޯމް މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު އަނިލް ރޭ ވިދާޅުވެފައި ވަނީ ކޯޓުން އެ ގޮތަށް އެންގިއަސް ގާނޫނީ ގޮތުން އެ މުވައްޒަފުން އެހެން ތަނެއްގައި ވަޒީފާ އަދާ ކުރުން މަނާ ނުކުރެވޭނެ ކަމަށެވެ.

އެ ވާހަކައާ ގުޅިގެން ސިވިލް ކޯޓުން މިއަދު ވަނީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އެ ކޯޓުން ވަނީ އަނިލްގެ އެ ވާހަކަ ބާތިލް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ބާތިލު ނުކުރާހާ ހިނދަކު އެ ހުކުމަށް އަމަލު ކުރަން އަމުރުުކޮށްފަ އެވެ.