19 ނޮވެމްބަރ 2022
ރާއްޖޭގެ ވަރަށް ގިނަ ނޫސްވެރިން މަސައްކަތަށް ނުކުތްއިރު އެ ބައެއްގެ އަތުގައި ހިފައިގެން ކުރިއަށް ދާނެ ތަޖުރިބާކާރު އެޑިޓަރުން ތިއްބެވެ. އެކަމަކު 1983 ވަނަ އަހަރު، އޭރު ޅަފަތުގައި އޮތް 'ހަވީރު' ނޫހުގެ ޕާޓްޓައިމް ރިޕޯޓަރެއްގެ ގޮތުން އަލީ ރަފީގް މަސައްކަތް ފެށްޓެވި އިރު، މަގުދައްކާނެ ތަޖުރިބާކާރުންތަކެއް ނެތެވެ. އޭރު އެޑިޓަރުންގެ ގޮތުގައި ތިއްބެވީ ލިޔުންތެރިންނާއި ތަރުޖަމާކުރާ މީހުންނެވެ. ނޫސްވެރިކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔެއް ނޫނެވެ.
ރާއްޖޭގެ ވަރަށް ގިނަ ނޫސްވެރިން މަސައްކަތަށް ނުކުތްއިރު އެ ބައެއްގެ އަތުގައި ހިފައިގެން ކުރިއަށް ދާނެ ތަޖުރިބާކާރު އެޑިޓަރުން ތިއްބެވެ. އެކަމަކު 1983 ވަނަ އަހަރު، އޭރު ޅަފަތުގައި އޮތް 'ހަވީރު' ނޫހުގެ ޕާޓްޓައިމް ރިޕޯޓަރެއްގެ ގޮތުން އަލީ ރަފީގް މަސައްކަތް ފެށްޓެވި އިރު، މަގުދައްކާނެ ތަޖުރިބާކާރުންތަކެއް ނެތެވެ. އޭރު އެޑިޓަރުންގެ ގޮތުގައި ތިއްބެވީ ލިޔުންތެރިންނާއި ތަރުޖަމާކުރާ މީހުންނެވެ. ނޫސްވެރިކަމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބަޔެއް ނޫނެވެ.
ހަމައެކަނި އެކަމެއް ނޫނެވެ. އެއީ 'ހަވީރު' ނޫހަށް ބޮޑެތި ހުރަސްތަކެއް ވެސް ކުރިމަތިވި ދުވަސްވަރެކެވެ. ނޮވެލްޓީން އޮފްސެޓުން ޗާޕުކުރަމުން އައި ނޫސް ކުރިމަތިވި މައްސަލައަކާ އެކު ޗާޕުކުރަން ޖެހިފައި އޮތީ އަތުން އަނބުރާ ގެސްޓެޓްނާ މެޝިނަކުން އޭފޯ ސައިޒު ކަރުދާހަށެވެ.
އެކަމަކު އެއީ މާޔޫސްކަމަކަށް ނުހައްދަވައި އަލީ އެކަންކަން ނެންގެވީ ނޫސްވެރިކަމުން ކުރިއަށް ވަޑައިގަތުމަށް ޗެލެންޖެއްގެ ގޮތުގަ އެވެ.
ޕާޓްޓައިމް ނޫސްވެރިއެއްގެ ގޮތުން، އެ ދުވަސްވަރު ރާއްޖެ ވަޑައިގެންނެވި ބޭރުގެ އިއްޒަތްތެރިންނާ އިނގިރޭސި ބަހުން އިންޓަވިއު ކުރައްވައި، ނިއުސް ކަވަރޭޖްތައް ހެއްދެވި އެވެ. އޭގެ ތެރޭގައި ފަލަސްތީނުގެ ލީޑަރު ޔާސިރު އަރަފާތާއި މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުގެ ދަތުރުފުޅު ހިމެނެ އެވެ.
އަލީ އައިޓީ ފެއާއެއްގައި 'ހަވީރު ނެޓް' ނިޒާމު ދައްކާލަނީ.
އަދި ނޫސްވެރިއެއްގެ ޒިންމާގެ އިތުރުން، އެ ނޫސް އަމިއްލަ ފައި މައްޗަށް ތެދުވާން ކުރި މަސައްކަތުގައި ހިންގުންތެރިއެއްގެ ޒިންމާ ވެސް އަލީ ނެންގެވި އެވެ.
ނަތީޖާއަކަށްވީ، އެންމެ ޒަމާނީ ޗާޕު މެޝިން ގެނެސް، 1986 ވަނަ އަހަރު 'ހަވީރު' އިން އަމިއްލަ ޗާޕުހާނާއެއްގައި ނޫސް ނެރެން ފެށިތާ އަހަރެއްގެ ތެރޭ، 1987 ވަނަ އަހަރު އަލީ އަށް އެ ނޫހުގެ އެޑިޓަރުކަން ލިބިވަޑައިގަތުމެވެ.
ނޫހުގެ ވެރިޔަކީ އަލީގެ ބޮޑުބޭބެ ޑރ. މުހައްމަދު ޒާހިރު ހުސެއިނެވެ. އެމަނިކުފާނަކީ އޭރު ވަޒީރަކަށް ވުމާ އެކު، ދުވަހުން ދުވަހަށް ނޫސް ހިންގެވުމަށް އެކަށީގެންވާ ވަގުތު ދެއްވޭކަށް ނޯވެ އެވެ. އޭގެ ސަބަބުން ޒުވާން އަލީ އަށް އިތުބާރުކުރައްވައި އެޑިޓޯރިއަލް މަސައްކަތުގެ އިތުރުން ވަރަށް ގިނަ އެހެން ޒިންމާތައް އޭނާއާ ޒާހިރު ހަވާލުކުރެއްވެވި އެވެ.
އަލީގެ އެޑިޓަރުކަމުގެ ދަށުން 'ހަވީރު' ނޫސް ކުރިއަށް ހިނގައިގަތީ އާދަޔާހިލާފު ސްޕީޑެއްގަ އެވެ. އެންމެ ފުރަތަމަ ތައާރަފުކުރެއްވީ ލޮލަށް ފަސޭހަ، ހިތްގައިމު ލޭއައުޓެކެވެ. ޒަމާނީ އެޑިޓޯރިއަލް އޮނިގަނޑެއްގެ ތެރެއިން ނިއުސްރޫމް ހިންގަވަން ފެށްޓެވި އެވެ. އެޑިޓޯރިއަލް މީޓިންތައް ތައާރަފުކުރެއްވެވި އެވެ. ނޫސްވެރިންނަށް އިން-ހައުސް ތަމްރީންތަކާއި ރާއްޖޭން ބޭރުގެ ތަމްރީން ހޯދައިދެއްވި އެވެ. ބޮޑެތި ކަވަރޭޖްތަކަށް ހާއްސަ 'ހަފުތާގެ ހަވީރު' ފެށްޓެވި އެވެ. ނިއުސް ސްޓައިލަށް ހަބަރުތައް ގެނެސްދޭން ފަށައި ފީޗާ ރިޕޯޓްތައް ޖަހަން ފެށްޓެވި އެވެ. ރާއްޖޭން ބޭރުގެ އިވެންޓްތަކަށް ނޫސްވެރިން ފޮނުވައިގެން ފުޅާ ދާއިރާއެއްގައި ކަވަރޭޖް ހަދަން ވެސް ފެށީ އެ ދުވަސްވަރެވެ.
އަލީ (ވ) 'ހަވީރު' ގެ ނޫސްވެރިންނާ އެކު ގަލޮޅު ދަނޑުގައި އިވެންޓެއް ލައިވްކުރަނީ.
މީގެ އިތުރުން ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަކާއި ލިޔުންތެރިކަމާއި ލޭއައުޓުގެ ސްޓައިލް ގައިޑެއް ތައާރަފުކުރެއްވެވި އެވެ. މިއީ މި ސަރަހައްދުގެ ގައުމުތަކަށް ބެލި ނަމަވެސް އެ ދުވަސްވަރާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އެ ނޫހުގެ ކުޑައިގެ ދަށުން އިނގިރޭސި ބަހުން ހާއްސަ އަދަދުތަކާއި މަޖައްލާތައް ނެރުއްވި އެވެ. އަލީގެ އެޑިޓަރުކަމުގެ ދަށުން 'ހަވީރު' އިން ރާއްޖޭގެ ނޫސްވެރިކަމަށް ދެއްވި އެންމެ އެއް ބޮޑު އެއް ހަދިޔާއަކީ 2001 ވަނަ އަހަރު ތައާރަފްކުރެއްވި "ހުވާސް" މަޖައްލާ އެވެ. އެއީ ނޫސްވެރިކަމުގެ ލުއި ހަބަރުތަކާއި ފީޗާ ރިޕޯޓް ލިޔުމުގެ ވަށްޓަފާޅި ބަދަލުކޮށްލި މަޖައްލާއެކެވެ.
އަލީ ވަނީ އެ ނޫހުގެ ހިޔާވަހިކަމުގެ ދަށުން ކުޅަދާނަ އެތައް ނޫސްވެރިންތަކެއް ދާއިރާ އަށް ނެރުއްވައިފަ އެވެ. އޭގެ ތެރެއިން ގިނަ ނޫސްވެރިންނަކީ މިހާރު ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ އެޑިޓަރުންނަށެވެ. މޫސާ ލަތީފާއި މުހައްމަދު ޝަހީބާއި އާދަމް ހަލީމާއި އިސްމާއީލް ނަސީރާއި ހިލްއަތު ރަޝީދާއި އާސިޔަތު މުހައްމަދު ސައީދު ފަދަ ފުންނާބު އުސް ނޫސްވެރިންނެވެ. މީގެ ތެރެއިން މޫސަ އަކީ، 23 އަހަރަށް ފަހު 2010 ވަނަ އަހަރު އަލީ 'ހަވީރު' ގެ އެޑިޓަރުކަމުން ވަކިވެވަޑައިގަތުމުން އެ ޒިންމާއާ ހަވާލުވެވަޑައިގެންނެވި ކުޅަދާނަ ނޫސްވެރިޔާ އެވެ.
އަލީ އަކީ ރަތްގަލަމެއް ހިއްޕަވައިގެން ކުށް ކަނޑުއްވަން ހުންނަވާ އެޑިޓަރެއްގެ ބަދަލުގަައި ލިޔުމުގެ ސްޓައިލް ބަދަލުކުރެއްވި އެޑިޓަރެކެވެ. އަދި ނޫސްވެރިން ލިޔާ ހަބަރާއި ރިޕޯޓްތަކަށް، ވަރުގަދަ ސުރުހީތައް ދެއްވި އެޑިޓަރެއް ވެސް މެ އެވެ. ދުވަހުން ދުވަހަށް ނޫސް ހިންގެވުމުގެ ބުރަ ޒިންމާ ނަންގަވަން ޖެހިވަޑައިގަތުމުން އަލީ ރަފީގަށް ލިޔުއްވެވެނީ ނިސްބަތުން މަދުންނެވެ. އެކަމަކު ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ފޭރާން މޮޅު، އިލްމީ ލިޔުންތަކެއް ލިޔުއްވި އެވެ. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މޮޅު ފީޗާތަކެއް ލިޔުއްވި އެވެ. އޭގެ ތެރޭގައި ތާރީހާ ގުޅޭ ދިރާސީ ލިޔުންތައް ހިމެނެ އެވެ.
ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު ދުނިޔެ އަށް އަންނަމުން ދިޔަ ޓެކްނޮލޮޖިކަލް ބަދަލުތައް ދިވެހިންނަށް އަލަސް އަލީ ހުންނެވީ އެ ހުރިހާ ކަމަކަށް ރޯފިލައިފަ އެވެ. އެގޮތުން އޭރު ވެސް ވިސްނަވަމުން ގެންދެވީ އެ ބަދަލުތަކުގެ ތެރެއިން ނޫސްވެރިކަމުގައި ޖެއްސޭނީ ކޮން ކުލައެއްތޯއާ މެދުގަ އެވެ. އޭގެ ނަތީޖާއަކީ، ކޮމްޕިއުޓަރުން ހަބަރު ކިޔޭނެ ނިޒާމެއް 1994 ވަނަ އަހަރު ރާއްޖެ އަށް ތައާރަފްކުރެއްވުމެވެ. "ހަވީރު" ނޫހުގައި ހުންނަ ހަބަރުތައް އިންޓްރާނެޓް މެދުވެރިކޮށް ކޮމްޕިއުޓަރުން ކިޔޭނެ ގޮތް ހެދުމަށް "ހަވީރު ނެޓް" ތައާރަފްކުރެއްވި އިރު ރާއްޖޭގައި ކޮމްޕިއުޓަރު ވެސް ނުހަނު މަދެވެ. އެކަމަކު އެކަމަށް ބޮޑު ތަރުހީބެއް ލިބުނެވެ. މޯޑަމެއް ބޭނުންކޮށްގެން ޑައިލްއަޕް ކަނެކްޝަނަކުން ވަދެ ނޫސް ކިޔަން 150 މީހުން ސަބްސްކްރައިބްކުރި އެވެ.
ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލް 'ހަވީރު' ނެޓް ތައާރަފުކޮށްދެއްވަނީ.
އަދި ޖެހިގެން އައި އަހަރު ރާއްޖެ އަށް އިންޓަނެޓް ތައާރަފްވުމާ އެކު، 1997 ވަނަ އަހަރު "ހަވީރު އޮންލައިން" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިއުސް ވެބްސައިޓެއް ގާއިމްކުރެއްވި އެވެ. އޭރު އޮންލައިން ނޫސްވެރިކަން ދެކުނު އޭޝިއާ އަށް ވެސް ވަރަށް އަލެވެ. ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ނޫސް ކަމަށްވާ އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ވެސް އޮންލައިން އެޑިޝަނެއް ހެދީ އޭގެ އަހަރެއް ކުރިންނެވެ.
އިންޓަނެޓާއި ކޮމްޕިއުޓަރު އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ދިވެހިން އަޑުނާހާ ޒަމާނެއްގައި "ހަވީރު އޮންލައިން" އިން އިންގިލާބީ ބަދަލެއް ގެނައީ ހަމައެކަނި ނޫސްވެރިކަމަކަށް އެކަންޏެއް ނޫނެވެ. ރާއްޖޭގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަށް ވެސް މެ އެވެ. އެއީ ނޫސްވެރިކަމަށް ހިދުމަތްކުރުމުން ހިތްވަރު ދިނުމުގެ އިނާމު އެ އަހަރު ހާސިލްކުރެއްވި އަލީގެ ނޫސްވެރިކަމުގެ ހަޔާތުގެ އެންމެ ވަރުގަދަ އުސްއައްޔެެވެ.
އިންޓަނެޓުގައި ބޭނުންކުރާނެ ފޮންޓް ނެތުމުން އެންމެ ފުރަތަމަ "ހަވީރު އޮންލައިން" އަށް ހަބަރުތައް އަރުވަނީ ގްރެފިކް އިމޭޖެއްގެ ގޮތުގަ އެވެ. އެކަމަކު 2000 ވަނަ އަހަރު ފޮންޓެއް ތައާރަފްކޮށް ޓެކްޓްސްގެ ގޮތުގައި ހަބަރުތައް ލާން ފެށި އެވެ. އޭރު ވެބްސައިޓަށް ލަނީ ހަމައެކަނި މަދު ހަބަރުތަކެކެވެ. އެކަމަކު މަޑުމަޑުން ތަރައްގީކުރަން ފެށި އެވެ. އެގޮތުން 2000 ވަނަ އަހަރު މާލޭގައި ބޭއްވި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ހިނގަމުން ދިޔަ ގޮތް ވަގުތުން ވެބްސައިޓަށްލި އެވެ. ނޫސް ޗާޕުވުމުން، ނޫހުގެ ހަބަރުތައް ލަމުން ދިޔަ ދިއުން ބަދަލުކޮށް 2009 ވަނަ އަހަރު ވެބް ނޫހެއްގެ ގޮތުގައި، އަލީގެ އެޑިޓަރުކަމުގެ ދަށުން 'ހަވީރު އޮންލައިން' ރަޖިސްޓްރީކޮށް ވަގުތުން ވަގުތަށް ހަބަރު ލާން ފެށި އެވެ. އެ ހިސާބުން ރާއްޖޭގައި އޮންލައިން ނޫސްތައް ގިނަވެ މި ދާއިރާ ފުޅާވެގެން ދިޔަ އެވެ.
'ހަވީރު އޮންލައިން' އަހަރުން އަހަރަށް ތަރައްގީކޮށް އެންމެ ފަހުގެ ވެބް ފީޗާތައް ހިމެނުމަކީ އަލީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވި ކަމެކެވެ. އެކަމަށް ބޭރު ދުނިޔޭގެ އޮންލައިންތައް ދިރާސާކުރެއްވި އެވެ. އެގޮތުން ޓްވިޓާ އާއި ފޭސްބުކް ނެގުމަށް ފަހު، ރާއްޖޭގެ އެންމެ ބޮޑު ޕަބްލިކް ޑިސްކޯސްގެ ގޮތުގައި "ހަވީރު އޮންލައިން" ގެ ކޮމެންޓް ސެކްޝަން، ފަހުން "މިހާރު" ގެ ކޮމެންޓް ސެކްޝަން އޮތުމުގެ ފަހަތުގައި ހުންނެވީ އަލީ އެވެ.
ރާއްޖޭގެ ނޫސްވެރިކަމާއި ޓެކްނޮލޮޖީ ގުޅުވައިދީ އަދި ނޫސްވެރިކަމަށް އާ ހިޔާލުތައް ގެނެސްދީ ނޫސްވެރިންގެ ސިކުނޑިތައް ހުޅުވާލި އެޑިޓަރުގެ ގޮތުގައި އަލީ ވެގެންދިޔައީ މި ދާއިރާ އިން އިލްމު ހޯއްދެވުމަށް ކުރެއްވި މަސައްކަތާ އެކު އެވެ. އެގޮތުންް މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން ނޫސްވެރިކަމުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ފަހުން އަލީ ފަސް އެނބުރި ބައްލަވާފައެއް ނުވެ އެވެ.
މާސްޓާސް ޑިގްރީ 2003 ވަނަ އަހަރު ހާސިލްކުރެއްވީ ނިއުޒީލެންޑުގެ ކެންޓަބަރީ ޔުނިވާސިޓީންނެވެ. މާސްޓާސްގެ ތީސީސް ބިނާކުރެއްވީ އޮންލައިން ނޫސްވެރިކަމަށެވެ. އަދި އެ ކޯހުން މަތީ ވަނައެއް ހޯއްދެއްވުމުން ޕީ.އެޗް.ޑީ ހައްދަވަން ފުރުސަތު ލިބިވަޑައިގަތެވެ. ނޫސްވެރިކަމުގެ ރޮނގުން ޑޮކްޓަރޭޓް ސަނަދު ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަށް 2007 ވަނަ އަހަރު ވެވަޑައިގެންވީ، ހަނގުރާމަ ކުރާ ގައުމުތަކުގެ ސަރުކާރު ތަކުންނާއި އަސްކަރިއްޔާއިން ހަބަރުތަކަށް ނުފޫޒު ފޯރުވާ ވަރުގެ މައްޗަށް ހެއްދެވި ފުރިހަމަ ދިރާސާއާ އެކު އެވެ.
މަޑުމައިތިރި މިޒާޖެއްގެ އަލީ ފާހަގަކުރެއްވީ އިލްމާއި ތަޖުރިބާއާ އެކު އަދި ހިލްމު ވެސް ބޭނުންކުރައްވައިގެން މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން އަލީއާ އެކު މަސައްކަތްކުރި މީހުން ފާހަގަކުރަނީ އޭނާ އަކީ އެންމެ ގޮވައިގެން އުޅެން ދެނެވަޑައިގަންނަވާ އަދި ގޮންޖެހުންތަކާ ކުރިމަތިލައްވައި ރަނގަޅު ނިންމެވުންތައް ނިންމެވި ޕްރޮފެޝަނަލެއްގެ ގޮތުގަ އެވެ. އަބަދުވެސް ހުންނެވީ ދެ ތިން ފިޔަވަޅު ކުރީގަ އެވެ. ޔޫއޭއީގައި ނޫސްވެރިކަން ކިޔަވައިދެއްވަމުން އަންނަ އެސޯސިއޭޓް ޕްރޮފެސަރެއްގެ ގޮތުގައި މިވަގުތު މަސައްކަތްކުރައްވާ ކުރެއްވުން އެއީ އެކަމުގެ އަލި ގަދަ ހެއްކެކެވެ.
އަލީ (ވ) 1992 ވަނަ އަހަރު 'ހަވީރު' ނިއުސްރޫމުގައި އޭރު އެ ނޫހުގެ ރިޕޯޓަރު އަދި ފަހުން އެޑިޓަރުކަން ކުރެއްވި މޫސާ ލަތީފަށް އިރުޝާދު ދެެއްވަނީ.
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތް 80 ވަނަ އަހަރާ ދިމާލަށް ދަތުރުކުރާއިރު، މި ދާއިރާ އިން މިހާތަނަށް ރާއްޖެ ހޯދި ބޮޑެތި ކުރިއެރުންތަކުގެ ކްރެޑިޓް އެންމެ ބޮޑަށް ހައްގުވާ އެއް ފަރާތަކީ އަލީ އެވެ. މި ޒަމާނުގެ ނޫސްވެރިކަމުގެ ސްޓައިލާއި، އޮންލައިން ނޫސްވެރިކަން ރާއްޖެ އަށް ތައާރަފްކުރައްވައި، އަދި ނޫސްވެރިކަމުން ޕީ.އެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެހި ދިވެއްސަށް، ވެވަޑައިގަތުމުގެ ޝަރަފް ހޯއްދެވި ފަހުރުވެރި ބޭފުޅަކީ އެއީ އެވެ.
ޔޫއޭއީ ގައި ނޫސްވެރިކަން ކިޔަވައިދެއްވަމުން، އަލީ އަންނަނީ "ދައުރު" ނޫހުގެ އެޑިޓޯރިއަލް ޑިރެކްޓަރުގެ ޒިންމާ ވެސް ނަންގަވަމުންނެވެ. އަދި އެ ނޫހަށް އޭނާ އަންނަނީ ޝައުގުވެރި ލިޔުންތައް ވެސް ލިޔުއްވަމުންނެވެ. އޭގެ ތެރޭގައި، އަލީ އެންމެ ޝައުގުވެރިވެވަޑައިގަންނަވާ ދާއިރާތައް ކަމަށްވާ ތަފާސްހިސާބު ބޭނުންކޮށްގެން ލިޔާ ފީޗާތަކާއި ތާރީހުގެ ފީޗާތައް ހިމެނެ އެވެ.
ނޫސްވެރިކަމަށް އަލީ ކޮށްދެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް ދިވެހި ސަރުކާރުން ވަނީ އޭނާ އަށް ނޫސްވެރިކަމުގެ ރަންޔޫބީލް އަހަރު، 1993 ގައި ރަންގަލަން އަދި އަލިމަސްޔޫބީލް އަހަރު 2018 ގައި އަލިމަސްގަލަން ދެއްވައިފަ އެވެ. އަދި އަލީގެ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ ހަފުތާގައި ވަނީ ލައިފްޓައިމް އެޗީޗްމަންޓް އެވޯޑް ދީފަ އެވެ.
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
މޫސާ ލަތީފަށް، ނޫސްވެރިކަމުގެ ޝަރަފުވެރިކަމުގެ އިނާމު
'ހަވީރު' ނޫސް ހިންގޭގޮތް ވުމުން އެމްޖޭއޭގެ މަރުހަބާ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
އިތުބާރާ އެކު "މިހާރު" އާ ވިސްނުންތަކަކަށް
އަހުމަދުގެ ނޫސްވެރިކަމުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި
ހަވީރު މުވައްޒަފުންގެ ހުކުމް ލިޔުނީ އަލީ ހަމީދު
ހަވީރު މުވައްޒަފުންގެ ހައްގު ހިފެހެއްޓި މައްސަލަ ބަލަނީ