16 ޖެނުއަރީ 2019
ނޫސްވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި އަހްމަދު އަބްދުﷲ ސައީދު، "ހަވީރު" އާއި "މިހާރު" އަށް ކޮށްދެއްވި ޚިދުމަތުގެ އަގު އިއްޔެ ވަޒަންކޮށްފި އެވެ.
ނޫސްވެރިކަމުގައި ދިގު މުއްދަތެއް ހޭދަކުރެއްވި އަހްމަދު އަބްދުﷲ ސައީދު، "ހަވީރު" އާއި "މިހާރު" އަށް ކޮށްދެއްވި ޚިދުމަތުގެ އަގު އިއްޔެ ވަޒަންކޮށްފި އެވެ.
މީގެ، 15 އަހަރު ކުރިން "ހަވީރާ" ގުޅިވަޑައިގަތް އަހްމަދު ނޫސްވެރިކަން ދޫކޮށްލެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. "ހަވީރު" ހުއްޓާލަން މަޖުބޫރުވުމުން ނެރުނު "މިހާރު" ގައި ދެ އަހަރު މަސައްކަތް ކުރެއްވުމަށް ފަހު އޭނާ ވަކިވެވަޑައިގަތީ ރައީސް އޮފީހުގެ އިސް މަގާމަކަށް ވަޑައިގަތުމަށެވެ.
އަހުމަދު މިހާރު ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގަ އެވެ.
އޭނާ "ހަވީރު" އާއި "މިހާރު" އަށް ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރަން "މިހާރު"ގައި ބޭއްވި ހަފުލާގައި، "ހަވީރު" ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން، ހާއްސަ މެހެމާނެއްގެ ގޮތުން، ބައިވެރިވެވަޑައިގަތެވެ. ދެ ނޫޙަށް އޭނާ ކޮށްދެއްވި ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ފިލައެއް ވަނީ އަރުވައިފަ އެވެ.
ލިއުންތެރިކަމުގައި އަހުމަދުގެ ދެއްކެވި ނަމޫނާ އާއި ކޮށްދެއްވި ޚިދުމަތް ބަލައިގަނެ ޒާހިރު އޭނާއަށް ޝުކުރު އަދާކުރެއްވި އެވެ.
ނޫސްވެރިކަމުގެ ދާއިރާ އަށް އަހުމަދު ވެންނެވީ "މިއަދު" ނޫހުންނެވެ. އޭގެ ފަހުން އޭރު މަޝްހޫރުވި ހަފުތާ މަޖައްލާއެއް ކަމަށްވާ "އުދަރެސް"ގައި އިސްކޮށް އުޅުއްވި އެވެ. "ހަވީރު"އާ ގުޅިވަޑައިގަތީ 2004 ގަ އެވެ. އޭގެ ފަހުން "މިހާރު" އިން ވަކިވެވަޑައިގަތުމާ ހަމައަށް އަހުމަދު ގެންދެވީ ޝައުގުވެރި، އާއްމުންނަށް ބޭނުންތެރި، މުހިއްމު ލިއުންތަކެއް ލިއުއްވަމުންނެވެ. އޭގެ އިތުރުން ލިއުންތައް އެޑިޓް ކުރައްވައި ނޫސްވެރިން އުފެއްދެވުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ.
"މިހާރު"ގެ ބައެއް މުވައްޒަފުންނާއި "ހަވީރު"ގެ ކުރީގެ ޗެއާމަން ޑރ. ޒާހިރުއާ އެކު އަހުމަދު ފޮޓޯއަކަށް ހުއްޓިގެން
"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފް، އަހްމަދު ސިފަކުރެއްވީ، ރާއްޖޭގެ ގިނަ ނޫސްވެރިންނާ ޚިލާފަށް، ހުރިހާ ދާއިރާއަކަށް ވެސް ލިއުއްވަން ކުޅަދާނަ ބޭފުޅެއްގެ ގޮތުގަ އެވެ. ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވީ ފަލަކީ އިލްމާ ގުޅޭ ގޮތުން އަހްމަދުގެ ލިއުއްވުންތަކެވެ. ރާއްޖޭގައި އެ ދާއިރާ އިން ލިއުއްވަނީ މަދު ބޭފުޅެކެވެ.
"ލިއުންތެރި ކަމުގައި އަހުމަދަކީ ތަފާތު ހުނަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ހަތަރު ބަސް ދެނެވަޑައިގެން ހުންނެވުމަކީ ލިއުންތައް މުއްސަނދިވުމުގެ އެއް ސަބަބު. އަރަބި ރަނގަޅަށް ދެނެވަޑައިގަންނަވާ، އިނގިރޭސި، އުރުދޫ ވެސް އެނގިވަޑައިގަންނަވާ،" މޫސަ ވިދާޅުވި އެވެ.
"އަހުމަދު ކަހަލަ ލިއުންތެރިޔަކު ވަރަށް ނުފެންނާނެ. އަޅުގަނޑުމެންނާ އެކު އެހާ ދުވަހު މަސައްކަތްކުރައްވާފައި އެހެން ދާއިރާއެއް ހިޔާރުކުރެއްވިޔަސް، އަހުމަދު ކުރެއްވި މަސައްކަތް އަބަދުވެސް ހަނދާން ހުންނާނެ."
އަހްމަދު ވަނީ ގާނޫނީ ދާއިރާއިން މާސްޓާސް ހައްދަވައިފަ އެވެ. އޭނާއަކީ އިސްލާމިކް މިނިސްޓްރީގައި އޮންނަ ހަނދު ސާބިތުކުރާ ކޮމެޓީގެ މެމްބަރެކެވެ. ފަލަކީ އިލްމާ ގުޅޭ ޝައުގުވެރި އަދި މައުލޫމާތު މުއްސަނދި ގިނަ ލިއުއްވުންތަކެއް އަހްމަދު ލިއުއްވި އެވެ. އެފަދަ ހުނަރުތަކާ އެކު ނޫސްވެރިކަމަށް އަހްމަދު ކޮށްދެއްވީ އަގުހުރި ޚިދުމަތެއް ކަމަށް މޫސަ ވިދާޅުވި އެވެ.
އާ މަގާމަކަށް ވަޑައިގަތަސް "މިހާރު" އަކީ އޭނާއާ ގާތް ތަނެއް ކަމަށް އަހްމަދު ވިދާޅުވި އެވެ. ބޮޑެތި މައްސަލަތަކަށް ލޯ ހުޅުވި ތަފާތު ނަޒަރިއްޔާތަކުން ވިސްނަން ފުރުސަތު ލިބި ބަދަލަކަށް ލިއުއްވުންތައް ގެނެސްދެއްވުނީ "ހަވީރު" އާއި "މިހާރު"ގެ މެނޭޖްމަންޓުގެ އެއްބާރުލުމާ އެކު ކަން ފާހަގަކުރެއްވި އެވެ.
"ވަރަށް ބޮޑަށް ޝުކުރު ދަންނަވަން މި ލިބުނު ފުރުސަތަށް،" އަހުމަދު ވިދާޅުވި އެވެ.
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި ސިކުނޑި
"ހަވީރު" މައްސަލައިން ބޮޑު ބޭއިންސާފެއް ފެނޭ: ހުކުމް
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް
ހަވީރު މައްސަލާގައި ޝިފާގުގެ ނުރުހުން އެޗްއާރުސީއެމަށް
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
"ކޯޓުތައް މެދުވެރިކޮށް ދަނީ މީޑިއާ އިނދަޖައްސާލަމުން"
"ހަވީރު"ގެ ހުކުމާ މެދު ހައިރާންވޭ، ފިޔަވަޅެއް ނޭޅޭނެ
"ހަވީރުގެ މުވައްޒަފުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް"
"މިހާރު"އާ ހަމައަށް އަޅުގަނޑުމެންގެ ދަތުރު