13 ޖޫން 2022
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަން ޖެހުނު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ބަލައިނުގަތުމަކީ ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ނިންމުމެއް ކަމުގައި ފެންނާތީ ކުރީގެ ނިންމުން ބާތިލްކޮށް އަލުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ މިއަދު ދީފި އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް "ހަވީރު" ހުއްޓާލަން ޖެހުނު ހުކުމް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ބަލައިނުގަތުމަކީ ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ނިންމުމެއް ކަމުގައި ފެންނާތީ ކުރީގެ ނިންމުން ބާތިލްކޮށް އަލުން އިސްތިއުނާފަށް ހުށަހެޅުމުގެ ހުއްދަ މިއަދު ދީފި އެވެ.
މައްސަލަ އަލުން އިސްތިއުނާފަށް ހުށަހަޅަން ހުއްދަ ދިނުމަށް ނިންމެވީ މައްސަލަ ބެއްލެވި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިއްތިފާގުންނެވެ.
"ހަވީރު" ނޫހަކީ "ހަވީރު ނިއުސް އެޖެންސީ"ގެ މިލްކެއް ކަމަށާއި އެ އޭޖެންސީގެ ހިއްސާދާރުންނަކީ ޒާހިރުގެ އިތުރުން އިބްރާހިމް ރަޝީދު މޫސާ އާއި ފާރޫގް ހަސަން އަދި މުހައްމަދު ނައީމް ކަމަށް ހައި ކޯޓުން 2015ގައި ހުކުމް ކުރުމުން، ޒާހިރުގެ އިތުރުން އަނެއް ތިން ބޭފުޅުން ބައިވެރިނުކޮށް "ހަވީރު" ނުހިންގަން ސިވިލް ކޯޓުން އަމުރުކުރި އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި "ހަވީރު ނިއުސް އެޖެންސީ" ރަޖިސްޓްރީކުރުމުގެ މާކުރިން ޑިސެމްބަރު 28، 1978 ގައި ޑރ. ޒާހިރުގެ މަސްއޫލްވެރިކަމުގެ ދަށުން "ހަވީރު" ނޫސް ރަޖިސްޓްރީކޮށް ނެރެން ފަށާފައިވާ ކަމަށެވެ. މި ނޫހުގެ މިލްކުވެރިކަން އެއްވެސް އިރަކު، އޯގަސްޓް 11، 1983 ގައި ރަޖިސްޓްރީކުރި ހަވީރު ނިއުސް އެޖެންސީ (ހަނާ މޯލްޑިވްސް) ގެ ދަށަށް ބަދަލުކޮށްފައިވާ ކަމުގެ ހެއްކެއް ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި މި ހަނާ މޯލްޑިވްސްގެ ރަޖިސްޓްރީއަށް ބެލުމުން އެއީ ޒާހިރުގެ މައްޗަށް ދައުވާކުރި އަނެއް ތިން ބޭފުޅުންގެ ނަމުގައި އޮތް އެއްޗެއްކަމާއި ޒާހިރުގެ ނަން ވެސް އޭގައި ނެތް ކަމަށް ބުނެފައިވެ އެވެ.
● ހަނާ މޯލްޑިވްސް އިން ރަޖިސްޓްރީކޮށްގެން ނެރެފައިވާ ނޫހެއް ނުވަތަ ކޮށްފައިވާ އެފަދަ އެއްވެސް މަސައްކަތެއް ނުވަތަ ވިޔަފާރިއަކާ ގުޅުން ހުރި ލިޔެކިޔުމެއް އަދި ހެއްކެއް ހުށަހަޅާފައެއް ނެތް
● ކުރިން ރަޖިސްޓްރީކޮށްފައިވާ ނޫހެއް، ނޫސް އެޖެންސީއެއް، ނުވަތަ އެ ނޫން ވެސް ވިޔަފާރިއެއް ނުވަތަ މުދަލެއްގެ މިލްކުވެރިކަން އެ އެޖެންސީއަށް ބަދަލުކުރުމާ މެދު އެއްވެސް ކަމެއް، ހަނާ މޯލްޑިވްސް އުފެއްދުމުގެ އެއްބަސްވުމުގައި ފާހަގަކޮށްފައި ނެތްކަން
● ޑރ. ޒާހިރު އާއި ހަނާ މޯލްޑިވްސްއާ އެކުގައި ހިއްސާވިކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް.
ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވަނީ ހައި ކޯޓުން ނޫހުގެ މިލްކުވެރިކަމާ މެދު އުފައްދާފައިވާ ސުވާލުތަކަށް ސުޕްރީމް ކޯޓުން އިސްތިއުނާފީ މަރުހަލާގައި ގާނޫސީ ޖަވާބެއް ލިބެންޖެހޭ ފަދަ ގާނޫނީ ބަހުސެއް އެބަ އޮތް ކަމަށެވެ. މިއީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ބަލައިގަންނަންޖެހޭ ގާނޫނީ ނުކުތާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައުޔުގައިވެ އެވެ.
"މިފަދަ ނުކުތާއެއް ފާހަގަކޮށްފައި ވަނިކޮށް އެފަދަ ކަމެއް ނެތް ކަމުގައި ބަލައި މި މައްސަލަ އިސްތިއުނާފުކުރުމުގެ ހުއްދަ ދޭން ނުފެންނަ ކަމަށް ނިންމާފައިވާ ނިންމުމަކީ އެކަމުގެ ސަބަބުން ފާޅުކަންބޮޑު ބޭއިންސާފެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި ދެކެން،" ފަނޑިޔާރު މަހާޒް ރައުޔުގައި ވިދާޅުވި އެވެ.
ހައި ކޯޓުން ހުކުމް ކުރުމުގައި، ހަވީރު ނޫހާއި އެތަނުގެ މުދަލުގެ މިލްކުވެރިންނަކީ ކޮބައިކަން ސަރުކާރުގެ އިދާރާތަކުގައިވާ ރަޖިސްޓްރީތަކުން ބަލައި ކަށަވަރުކޮށްފައި ނެތުމުން ގާނޫނީ ޝަހުސެއްގެ މުދާ އެ ފަރާތަކަށް އެނގުމެއް ނެތި އަދި އެ ފަރާތެއްގެ ބަހެއް ނެތި އެހެން ފަރާތަކަށް ބަދަލުވެދާނެ ހާލަތެއް އުފެދޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މި ކަންކަމަށް ބަލައި ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ހުއްދަ ނުދޭން ނިންމާފައި ވަނީ ހައި ކޯޓުގެ ހުކުމް ގާނޫނާ ހިލާފް ކަމަށް ބެލެވޭ އަދި އެ ނިންމުން ބިނާކޮށްފައިވާ އަސާސްތަކާ މެދު ސުވާލު އުފެދޭ ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އޮއްވާ ކަމަށެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުން ބާތިލްކޮށް އިސްތިއުނާފަށް 30 ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ ހުއްދަ ޑރ. ޒާހިރަށް ދޭން ނިންމެވީ އެވެ.
"ހަވީރު" ހުއްޓާލި އިރު އޭގެ މިލްކުވެރކަން އޮތް ހަވީރު މީޑިއާ ގްރޫޕަށް ވެސް މި މައްސަލައަށް ތަދައްޚުލްވުމުގެ ހައްގު ސުޕްރީމް ކޯޓުގައި އަލުން އިސްތިއުނާފް ކުރުމުން ލިބޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
"ހަވީރު ނިއުސް އެޖެންސީ"ގެ ހިއްސާދާރުން ފުރަތަމަ މައްސަލަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެ ކޯޓުން ހުކުމްކުރީ "ހަވީރު"ގައި އެއިން އެއްވެސް ބޭފުޅެއްގެ ހިއްސާއެއް ނެތް ކަމަށެވެ. އެކަމަކު ހައި ކޯޓުގެ އިސްތިއުނާފް ކުރި މައްސަލަ ފުރަތަމަ ބެލި ބެންޗު ބަދަލުވެ، ދެ ވަނަ ބެންޗުން އިއްވި ހުކުމުގައި، "ހަވީރު" ހެދީ "ހަވީރު ނިއުސް އެޖެންސީ"ގެ މިލްކަކަށެވެ. އެކަމަކު "ހަވީރު"އަކީ ސީދާ ޑރ. ޒާހިރުގެ ބެއްލެވުމުގެ ދަށުން އެމަނިކުފާނުގެ މަސްއޫލުވެރިކަމުގައި ހިންގަމުން އައި ނޫހެކެވެ. އުމުރުން 35 އަހަރުގެ ނޫހުގެ ތަރައްގީއަށް ނެގި ހުރިހާ ލޯނެއް ބޭންކްތަކުން ދޫކޮށްފައި ހުރީ ވެސް ޑރ. ޒާހިރުގެ ނަންފުޅުމަތީގަ އެވެ. އޭގައި "ހަވީރު ނިއުސް އެޖެންސީ"ގެ އެއްވެސް ދައުރެއް ނެތެވެ.
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
އަހުމަދުގެ ނޫސްވެރިކަމުގެ ޚިދުމަތުގެ އަގު ވަޒަންކޮށްފި
ހަވީރު މައްސަލަ އަށް ހަވީރު މީޑިއާ ގްރޫޕް ވައްދައިފި
ހަވީރުގެ މައްސަލަ އިން ހަވީރު މީޑިއާ ގުރޫޕު ބޭރުވެއްޖެ
'ހަވީރު' ނޫސް ހިންގޭގޮތް ވުމުން އެމްޖޭއޭގެ މަރުހަބާ
ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި ސިކުނޑި
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް
"ހަވީރު"ގެ ހުކުމް ބާތިލް، އަލުން ބަލަން އަންގައިފި
"ތި ފޮޓޯ ޖަހަން ޖެހޭނީ އަޅުގަނޑު މަރުވީމަ"
ދެ މައްސަލައިގެ ތެރެއަށް ހައި ކޯޓުން ޒާހިރު ވައްދައިފި