Roadha Mihaaru
ދެ މައްސަލައިގެ ތެރެއަށް ހައި ކޯޓުން ޒާހިރު ވައްދައިފި

ހަވީރު މުވައްޒަފުންނާ ގުޅޭ ދެ މައްސަލައިގެ ތެރެއަށް ވެސް ހައި ކޯޓުން ޑރ. ޒާހިރު ވައްދައިފި

29 އޯގަސްޓް 2016

"ހަވީރު"ގައި ކުރިން އުޅުނު މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ދެ އަހަރަށް މަނާކޮށް ދަށު ކޯޓުން ކުރި ހުކުމާ ގުޅޭ އިސްތިއުނާފް ދެ ޝަރީއަތް ވެސް "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ތަދައްހުލްކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހައި ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"ހަވީރު"ގައި ކުރިން އުޅުނު މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ދެ އަހަރަށް މަނާކޮށް ދަށު ކޯޓުން ކުރި ހުކުމާ ގުޅޭ އިސްތިއުނާފް ދެ ޝަރީއަތް ވެސް "ހަވީރު"ގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ތަދައްހުލްކޮށްގެން ކުރިއަށް ގެންދާ ގޮތަށް ހައި ކޯޓުން ނިންމައިފި އެވެ.

ހައި ކޯޓުން އެގޮތަށް އެންމެ ފުރަތަމަ ނިންމީ އެ ހުކުމާ ގުޅިގެން ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ، އެޓާނީ ޖެނެރަލްގެ ފަަރާތުން އިސްތިއުނާފްކުރި މައްސަލާގަ އެވެ.

އިއްޔެ އެ ކޯޓުން ޒާހިރު ވެއްދީ، "ހަވީރު"ގެ ކުރީގެ ބައެއް މުވައްޒަފުން ހުށަހެޅި އިސްތިއުނާފް މައްސަލައިގެ ތެރެއަށެވެ.

"ހަވީރު"ގެ ތިން ހިއްސާދާރަކު ޒާހިރާ ދެކޮޅަށް ދަށު ކޯޓަށް ހުށަހެޅި މައްސަލާގައި މިދިޔަ ޖޫން މަހު ދަށު ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހާ ހަމައަށް "ހަވީރު"ގައި ތިބި ހުރިހާ މުވައްޒަފުން ކުރިއަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

"ހަވީރު"ގެ ކުރީގެ މުވައްޒަފުންތަކެއްގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރުމުން ބޭއްވި ދެ ވަނަ އަޑުއެހުމުގައި ޝަރީއަތުގެ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށް ގެންދާނީ ޒާހިރު ވެސް އެ މައްސަލައިގެ ތެރެއަށް ތަދައްޚުލްކޮށްގެން ކަމަށެވެ.

މައްސަލަ އިސްތިއުނާފްކޮށްފައިވަނީ "ހަވީރު"ގެ ކުރީގެ މުވައްޒަފުންތަކެއް ކަން ކަށަވަަރުކުރަން އެއްބަސްވުންތައް ހުށަހަޅަން ވެސް ފަނޑިޔާރުންގެ ބެންޗުން އިއްޔެ އެންގެވި އެވެ.

"ހަވީރު"ގެ ބައެއް މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތަކެއް ދަށު ކޯޓަށް ކުރިން ހުށަހަޅާފައި އޮތް ނަމަވެސް އޭގެ ތެރޭގައި މައްސަލަ އިސްތިއުނާފްކުރާ މުވައްޒަފުންގެ އެއްބަސްވުންތައް ނުހިމެނޭ ކަމަށް ފަނޑިޔާރުން ވިދާޅުވި އެވެ.

ދަށު ކޯޓަށް ހުށަހެޅީ، "ހަވީރު"ން ވަކިވުމަށް ފަހު ވަކި މުއްދަތެއްގައި އެހެން މީޑިއާއެއްގައި މަސައްކަތްކުރަން ހުރަސްއަޅާ މާއްދާއެއް އެއްބަސްވުމުގައި ހިމެނޭތޯ ބަލާށެވެ. އެކަމަކު ހަވީރު މީޑިއާ ގްރޫޕާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ ވަޒީފާ އިން ވަކިވަންޏާ އެއް މަަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށެވެ. އަދި ވަޒީފާ އިން ވަކިކުރިޔަސް އަމަލްކުރަން ޖެހެނީ އެގޮތަށެވެ. އެހެން އެއްވެސް މީޑިއާއެއްގައި މަސައްކަތްކުރަން ހުރަސްއެޅޭ މާއްދާއެއް ނޯވެ އެވެ.

އިސް ފަނޑިޔާރު އަބްދުﷲ ދީދީ ރިޔާސަތު ބަލަހައްޓަވާ މައްސަލަ ބަލާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަލީ ސަމީރެވެ.