Roadha Mihaaru
"ހަވީރު" މުވައްޒަފުންނަށް ހުކުމްކުރީ އެދިގެނެއް ނޫން"

"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ހުކުމްކުރީ އެދިގެނެއް ނޫން

11 މާޗް 2018

"ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ދައުވާކުރި ފަރާތުން އެދިގެން ނޫން ކަމަށް ދަށު ކޯޓުގައި ދައުވާކުރި އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަންގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

"ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ދައުވާކުރި ފަރާތުން އެދިގެން ނޫން ކަމަށް ދަށު ކޯޓުގައި ދައުވާކުރި އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަންގެ ފަރާތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

"ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ރަޝީދު އާއި ފާރޫގްގެ އިތުރުން މުހައްމަދު ނައީމްގެ ފަރާތުން 2016 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އެ އަހަރު ހުކުމްކުރީ "ހަވީރު" ގައި މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އެ ހުކުމުގައި މުވައްޒަފުންނާ ގުޅޭ ބައި ބާތިލްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ރަޝީދާއި ފާރޫގުގެ ވަކީލް އަބްދުﷲ ނަސީރު ވިދާޅުވީ އެ ދެ ބޭފުޅުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއިރު މުވައްޒަފުންނާ ގުޅޭ ގޮތުން އެފަދަ ހުކުމެއް ކުރަން އެދިފައި ނޯންނާނެ ކަމަށެވެ. އެހެންވެ، އެ ހުކުމުގައި މުވައްޒަފުންނާ ގުޅޭ ބައި އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތްޕުޅުން ފާހަގަކުރެއްވި ކަންކަމަށް އެއްބަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންނާ ގުޅޭ ބައި އިސްތިއުނާފް ކުރަމުން ދައުލަތުން މައިގަނޑު އަށް ނުކުތާއެއް ފާހަގަކުރި އެވެ. އެގޮތުން ވަކި މީޑިއާއެއްގައި މަސައްކަތް ކުރުން ލާޒިމް ކުރެވޭނެ ގާނޫނެއް ރާއްޖޭގައި ނެތުމާއި އެކަމަށް ފިޔަވަޅު އެޅުމުގެ އެއްވެސް ބާރެއް ދައުލަތަށް ލިބިގެން ނުވުމުގެ އިތުރަށް، މުވައްޒަފުންނާ ގުޅޭ ބައި ނިިންމުމުގައި އެ މުވައްޒަފުންގެ ބަހެއް ހޯދާފައި ނެތްކަން ފާހަގަކުރި އެވެ. އަދި މުވައްޒަފުންނާ ގުޅޭ ބަޔަކީ ދަށު ކޯޓުގައި ދައުވާ ކުރިއިރު، ދައުވާކުރި ފަރާތުން އެދިފައި އޮތް ކަމެއް ނޫން ކަން ވެސް ދައުލަތުން ބުނެފައިވެ އެވެ.

"ހަވީރު" ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރާތީ ފާރޫގާއި ރަޝީދުގެ ފަރާތުން އެއްވެސް ޝަކުވާއެއް ދައުލަތުގެ އިދާރާއަކަށް ހުށަހަޅާފައިވޭތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. ޖަވާބުގައި ދައުލަތުން ބުނީ އެފަދަ ޝަކުވާއެއް ހުށަހެޅި ކަމުގެ މައުލޫމާތެއް މިހާތަނަކަށް ނުލިބޭ ކަމަށެވެ.

އެ މައްސަލާގެ ތެރެއަށް ހަވީރުގެ ޗެއާމަން ޑރ. ޒާހިރު ހުސައިން ވެސް ވަނީ ތަދައްޚުލްވެފަ އެވެ. ޒާހިރުގެ ވަކީލް ހުސްނުއް ސުއޫދު ވެސް ވިދާޅުވީ މުވައްޒަފުންގެ މައްޗަށް ކުރި ހުކުމް ބާތިލްކުރަން ދައުލަތުން ފާހަގަކުރި ކަންކަމަށް ތާއީދުކުރައްވާ ކަމަށެވެ.

ފާރޫގާއި ރަޝީދުގެ ފަރާތުންނާއި ޒާހިރުގެ ފަރާތުން ވެސް އެ މައްސަލާގައި ދައުލަތުން ފާހަގަކުރި ކަންކަމަށް އެއްބަސްވުމުން ދައުލަތުން އެދުނީ އެ މައްސަލަ ވީހާ ވެސް އަވަހަކަށް ނިންމައި ދިނުމަށެވެ.

ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ.

ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ރިޔާސަތު ބަލަހައްޓަވާ މައްސަލަ ބަލާ ބެންޗުގައި ދެން ތިއްބަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލީ ސަމީރެވެ.