Roadha Mihaaru
ހިޔާލު ފާޅުކުރުން ހަނިކުރަން އެޗްއާރްސީއެމް ދެކޮޅު

ހިޔާލުފާޅުކުރުމުގެ ބައި ބިލުން އުނިކުރަން އެޗްއާރުސީއެމުން ހުށަހަޅައިފި

06 އޯގަސްޓް 2016

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ގާނޫނު އަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންދާ ގޮތަށް އޮތް މާއްދާތައް އުނިކޮށް އަބުރު ރައްކާތެރިކުރުމުގެ ހަރުދަނާ ނިޒާމެއް އެކުލަވާލެވޭނެ ގޮތަކަށް ބިލް އެކުލަވާލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލުގައި ގާނޫނު އަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެގެންދާ ގޮތަށް އޮތް މާއްދާތައް އުނިކޮށް އަބުރު ރައްކާތެރިކުރުމުގެ ހަރުދަނާ ނިޒާމެއް އެކުލަވާލެވޭނެ ގޮތަކަށް ބިލް އެކުލަވާލަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ހުށަހަޅައިފި އެވެ.

އެ ކޮމިޝަނުން މިގޮތަށް ހުށަހެޅިއިރު އެ ބިލަށް ހިޔާލުފާޅުކުރަން ހުޅުވާލި ފުރުސަތު މަޖިލީހުގެ ކޮމެޓީން ވަނީ "ބާތިލްކޮށްފަ" އެވެ.

އެޗްއާރުސީއެމުން ވަނީ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގެއްލޭ ގޮތަށް ބިލުގައި ހިމަނާފައިވާ މާއްދާތަކާ މެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ. އެ ކޮމިޝަނުން ބުނީ ހިޔާލުފާޅުކުރުމަކީ ގާނޫނު އަސާސީން ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ހައްގަކަށް ވާއިރު އެ ހައްގަށް ހުރަސްއެޅޭ ގޮތަށް ބިލުގައި ކަނޑައަޅާފައިވާ ޖޫރިމަނާގެ އަދަދުތަކަކީ ނިސްބަތުން ބޮޑު އަދަދުތަކެއް ކަމަށެވެ.

"މިފަދަ ބޮޑެތި އަދަދުތަކެއް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅިގެން ދިއުމަކީ މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ ކަމެއް ކަން ފާހަގަކުރެވެ އެވެ،" އެޗްއާރުސީއމުން ހުށަހެޅި ހިޔާލުތަކުގައިވެ އެވެ.

އަބުރާ ބެހިގެން ލިބޭ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000ރ. އިން ފެށިގެން ދެ މިލިއަން ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި އޮތް މާއްދާ ބާތިލްކުރަން ވެސް އެޗްއާރުސީއެމުން ލަފާ ދިނެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، ޖޫރިމަނާ އެހާ ބޮޑުކޮށް ބިލުގައި ހިމަނާފައި ވަނީ، އެހެން ފިޔަވަޅުތައް އެޅުމުގެ އިތުރުން ކަމަށް ވާތީ އެވެ. އަދި އިސްތިއުނާފްގެ ކުރިން ފައިސާ ދައްކާ ގޮތަށް ބިލުގައި ހިމަނާފައި އޮތް ގޮތް ބަދަލުކޮށް އިސްތިއުނާފްގެ މަރުހަލާ ނިމުމުން ފައިސާ ދައްކާ ގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅައިފަ އެވެ.

އެއީ، އެޗްއާރުސީއެމުން ބުނިގޮތުގައި، އެކަމުގެ ސަބަބުން ދެ ފަރާތަށް ވެސް ގެއްލުންތަކެއް ލިބިދާނެތީ އެވެ.

ޖޫރިމަނާގެ ފައިސާ ނުދައްކައިފި ނަމަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދާގޮތަށް ކަނޑައަޅާފައި އޮތް އޮތުން ވެސް ބަދަލުކޮށް، އެއީ މަދަނީ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދަން އެޗްއާރުސީއެމުން ވަނީ ލަފާދީފަ އެވެ.

އަބުރުގެ ބިލް ދިރާސާކުރުމަށް އެކުލަވައިލި ވަގުތީ ކޮމިޓީން މިހާރު ވަނީ ނޫސްވެރިންނާއި ބައެއް މިނިވަން މުއައްސަސާތައް ހާޒިރުކޮށް ޚިޔާލު ހޯދައިފަ އެވެ. އަދި އެ ބިލާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފުރުސަތު ހުޅުވައިލުމަށް ފަހު، ކޮމިޓީން ނިންމާފައިވަނީ އެ ފުރުސަތު ބަންދު ކުރުމަށާއި، އާންމުންގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބިފައިވާ ނަމަ، އެ ޚިޔާލެއް ބާތިލު ކުރުމަށެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލުގައި އަބުރާ ބެހުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު މީޑިއާގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ދީފައި އޮތީ މީޑިއާގެ ކަންކަން ބަލަހައްޓާ މުއައްސަސާތަކަށެވެ. އެގޮތުން އަބުރާ ބެހިގެން މީހެއްގެ އަދަބަކަށް 50،000ރ. އާއި 2،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ، ތިން މަހާއި ހަ މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ. މި ބިލަށް ރާއްޖޭގެ ނޫސްވެރިންނާއި އާންމުންގެ އިތުރުން ބޭރުގެ ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ބިލުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރަން ނޫސްވެރިން އިސްވެ ތިބެ އަންނަނީ "27ގެ ދިފާއުގައި"ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ވެސް ހިންގަމުންނެވެ.