Roadha Mihaaru
އެމްޑަބްލިއުއެސްސީން 73 ޒުވާނުން ތަމްރީންކޮށްދޭނެ

އެމްޑަބްލިއުއެސްސީން 73 ޒުވާނުން ތަމްރީންކޮށްދޭނެ

01 ޑިސެމްބަރ 2021

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޑަބްލިއުއެސްސީން 73 ޒުވާނުންނަށް ވަޒީފާގެ ތަމްރީން ދޭން ޔޫތު މިނިސްޓްރީއާ އެކު މިއަދު އެއްބަސްވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެމްޑަބްލިއުއެސްސީން 73 ޒުވާނުންނަށް ވަޒީފާގެ ތަމްރީން ދޭން ޔޫތު މިނިސްޓްރީއާ އެކު މިއަދު އެއްބަސްވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

މި އެެއްބަސްވުމުގެ ދަށުން ފުރަތަމަ ދެ ބެޗުގައި 17 ދާއިރާއަކުން 73 މީހުން ތަމްރީން ކުރާނެ އެވެ. މީގެ ތެރޭގައި އެމްޑަބްލިއުއެސްސީގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ 15 މުވައްޒަފުން ވެސް ހިމެނޭނެ އެވެ.

ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ނިންމާ ދަރިވަރުންނަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި ޕްރޮގްރާމް ކުރިއަށްދާ މުއްދަތުގައި ހާއްސަ އެލަވެންސެއް ވެސް ލިބޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މީޑިއާއާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ތަމްރީނުތައް ދޭނީ އެ ކުންފުނީގެ ތަޖުރިބާކާރުން ކަމަށެވެ. ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު މި ޕްރޮގްރާމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެމްޑަބްލިއުއެސްސީގެ އުއްމީދަކީ މި ޕްރޮގްރާމުގެ ސަބަބުން، މުޖުތަމައުގައި ވަޒީފާގެ ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް އެ ފުރުސަތު ތަނަވަސްކޮށްދީ، މުޖުތަމައުގައި ބޭނުން ހިފޭ ޒުވާނުންނަށް ހަދައި، މަސައްކަތްތެރިންތަކެއް ބިނާ ކުރުން. ގައުމީ ސަނަދުގެ ލެވެލް ތިނެއްގެ ސެތްފިކެޓެއް ލިބިގެންދާ ކަމީ އެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް،" ޝާހް ވިދާޅުވި އެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް މީހުން ނަގާނީ ޔޫތު މިނިސްޓްރީއަށް މިކަމަށް އެދި ހުށަހަޅާ މީހުންގެ ތެރެއިންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި މި ޕްރޮގްރާމް ހިންގާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

މި ޕްރޮގްރާމުގައި ތަމްރީނުގެ އިތުރުން ތިއަރީ ބައެއް ވެސް ކުރިއަށްދާނެ އެވެ. ތިއަރީ ބައިގެ ހަރަދުތައް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.