01 ފެބުރުއަރީ 2023
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން އެކި ދާއިރާތަކުން ތަމްރީނު ކުރުމަށް އެމްއޭސީއެލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން އެކި ދާއިރާތަކުން ތަމްރީނު ކުރުމަށް އެމްއޭސީއެލުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
އެއީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ފަށާފައިވާ ގައުމީ އެޕްރެންޓިސްޝިޕްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ. ގިނަ ޒުވާނުންތަކަކަށް ވަޒީފާ ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
އެމްއޭސީއެލުން ބުނީ، ތިން އަހަރު ދުވަހުގެ ތެރޭގައި 225 މީހަކަށް އެ ކުންފުނިން ތަމްރީނު ދޭނެ ކަމަށެވެ. ފުރަތަމަ ބުރުގައި ތަފާތު 20 ދާއިރާއަކުން 75 މީހަކަށް ތަމްރީނާއި ތަޖުރިބާ ހޯދަައި ދޭނެ އެވެ. ހަ މަސް ދުވަހުގެ އެ ތަމްރީނު ޕްރޮގްރާމްގައި އެމްއޭސީއެލްގެ 50 މުވައްޒަފަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެޕްލައި ކުރި މީހުންގެ ތެރެއިން ހޮވޭ 25 ޒުވާނުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައެއް ބައިވެރިން މިއަދުގެ ރަސްމިއްޔާތުގައި.---ފޮޓޯ: އެމްއޭސީއެލް
ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީ ގުޅިގެން އެމްއޭސީއެލުން ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެތެނީ ގައުމީ ސަނަދުގެ އޮނިގަނޑު ތިނަކަށެވެ. އެއީ މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑްތަކާ އެއް ފެންވަރުގެ ޕްރޮގްރާމެއް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށީ ހުޅުލެ އައިލެންޑް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީ އާއި އެމްއޭސީއެލުން ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރި އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ތޯހާ (ކ) އާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް މިއަދު ސޮއިކުރެއްވުމަށް ފަހު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އެމްއޭސީއެލް
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާ ތަނެއް ކަމަށާއި އެ ތަނަށް ގެންނަ އުމްރާނީ އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ އެއްވަރަށް ތަމްރީނު ލިބިފައިވާ ފަންނީ މުވައްޒަފުން ލިބުމަކީ ކުރިމަތިވާ ގޮންޖެހުމެއް ކަމަށެވެ. އެކަމަކު، ސަރުކާރުގެ ވައުދާ އެއްގޮތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަކީ އެމްއޭސީއެލަށް ލިބޭ ލުޔެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް ވިދާޅުވިގޮތުގައި، ރާއްޖޭގައި ގިނަ އަދަދެއްގެ ވަޒީފާ ލިބެން ހުއްޓަސް ފަންނީ ގާބިލް ޒުވާނުން މަދެވެ.
އޭނާ ވިދާޅުވީ، އެ ކަމަށް ލުޔެއް ހޯދުމަށް ސަރުކާރުން ފަށާފައިވާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމާއެކު، އެކި ސަބަބުތަކާ ގުޅިގެން ރަސްމީ ތައުލީމީ ނިޒާމުން އެކަހެރި ވެފައިވާ މީހުންނަށް ތަމްރީނުދީ، ވަޒީފާގެ ފުރުސަތުތައް ހުޅުވޭނެ ކަމަށެވެ. އޭގެ ނަތީޖާއަކީ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދުން ކަމަށް ހުސައިން އިސްމާއިލް ވިދާޅުވި އެވެ.
އެމްއޭސީއެލަކީ ދައުލަތުގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެއް ތަނެވެ. އެ ކުންފުނީގައި މިހާރު ވެސް 3،500 އަށް ވުރެ ގިނަ މުވައްޒަފުން އުޅެ އެވެ.
ފެނަކައިން އަހަރަކު 120 ޒުވާނުން ތަމްރީން ކުރަނީ
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ސީ-ޓު-އެއާ ހިދުމަތުން 1،000 ޓަނުގެ މުދާ ބޭރަށް
އަޒަރުބައިޖާން އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް
އެއާ އަރަބިއާގެ ޝެޑިއުލް ދަތުރުތައް ފަށައިފި
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އެމްއޭސީއެލްއިން ފަޔާ ފައިޓަރުން ތަމްރީނުކޮށްފި
ޓޫރިޒަމްގެ ޕީކް ސީޒަނަށް އެމްއޭސީއެލްއިން ތައްޔާރުވަނީ
މެލޭޝިއާ އެއާލައިންގެ ދަތުރުތައް އަލުން ފަށަނީ