Roadha Mihaaru
ތ.އަތޮޅު ރަށްތަކުގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

ތ. އަތޮޅުގެ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފައްދަނީ

29 ނޮވެމްބަރ 2021

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ނިޒާމެއް ގާއިމުކުރުމަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެންސީއައިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ އަތޮޅުގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދުމަށް "ސޯލާ ޕީވީ-ބެޓެރީ-ޑީސަލް ހައިބްރިޑް" ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ސިނޯ ސޯރް ހައިބްރިޑް ޓެކްނޮލޮޖީއާ އެވެ.

މި މަސައްކަތް ނިމުމުން، އިރުގެ އަލި ބޭނުންކޮށްގެން 2.5 މެގަވޮޓްގެ ހަކަތަ އުފެއްދޭނެ އެވެ. އަދި މި މަސައްކަތުގެ ދަށުން 975 ކިލޮވޮޓުގެ ބެޓެރީ ސިސްޓަމަކާއެކު، 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖަނެރޭޓަރު ކޮންޓްރޯލް ޕެނަލް ވެސް ބަހައްޓާނެ އެވެ.

ކާމިޔާބުކަމާ އެކު މި މަސައްކަތް ނިމުމުން އަހަރަކު 1.2 މިލިއަން ލިޓަރުގެ ޑީސަލް ނުވަތަ ފައިސާ އިން ހިސާބު ހަދާ ނަމަ، 12 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށާއި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް ވެސް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެ އެވެ.

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދާނެ ނިޒާމެއް ގާއިމްކުރަން ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދާނެ ނިޒާމެއް ގާއިމްކުރަން ބަޔަކާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

މި މަސައްކަތް ހަވާލުކުރީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭނުގައި ހިމަނައި، ތެލަށް ބަރޯސާވާ ވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށް ރާއްޖެ އިން ލިބެން ހުރި އިޔާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އޭގެ ބޭނުންކުރުން އިތުރު ކުރަމުން އަންނަ ކަމަށެވެ.

ނެޓް ޒީރޯ އަށް ވާސިލު ވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އިރުގެ އަލިން ހަކަތަ އުފައްދާ، މަދުވެގެން 50 މެގަވޮޓްގެ އިތުރު ހައިބްރިޑް ސޯލާ ސިސްޓަމްތައް ރާއްޖޭގައި ބޭނުންކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ. މިހާރު ރާއްޖޭގައި އިރުގެ އަލިން 36.5 މެގަވޮޓްގެ ހަކަތަ އުފައްދަ އެވެ.