Roadha Mihaaru
ރާއްޖެ އަށް ހާއްސަ ސެންޓު "ކޮކެށި" ތައާރަފް ކޮށްފި

ރާއްޖެ އަށް ހާއްސަ ސެންޓު "ކޮކެށި" ތައާރަފް ކޮށްފި

05 ޖޫން 2016

ރާއްޖެ އަށް ހާއްސަކޮށްގެން ފްރާންސްގެ ކުންފުންޏަކުން "ކޮކެށި"ގެ ނަމުގައި ލިމިޓަޑް އެޑިޝަން ސެންޓެއް ތައާރަފް ކޮށްފި އެވެ.

މަރިޔަމް ސާލިޔާ މަރިޔަމް ސާލިޔާ

ރާއްޖެ އަށް ހާއްސަކޮށްގެން ފްރާންސްގެ ކުންފުންޏަކުން "ކޮކެށި"ގެ ނަމުގައި ލިމިޓަޑް އެޑިޝަން ސެންޓެއް ތައާރަފް ކޮށްފި އެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ޑިއުޓީ ފްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ސެންޓު ތައާރަފް ކޮށްދީފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަަމް އުނޫޝާ (ކިޑީ) އެވެ.

"ކޮކެށި" ސެންޓު ފުޅި ފަރުމާ ކޮށްފައިވަނީ ދިވެހި ސަގާފީ ހެދުމުގައި ތިިބި އަންހެނުން ރަމްޒު ކޮށްދޭ ގޮތަށެވެ. މި ބްރޭންޑުގެ ތިން ވައްތަރެއްގެ ފުޅި ހުންނަ އިރު ކޮންމެ ފުޅިއެއް ވެސް ފަރުމާ ކޮށްފައި ވަނީ ތަފާތު ކޮށެވެ. އަދި މި ފުޅި އަކީ ސެންޓު ހުސްވުމުން ސުވެނިއާއެއްގެ ގޮތުގައި ބޭނުންކުރެވޭނެ ފުޅިތަކެކެވެ.

ރާއްޖެ އަށް ހާއްސަ ކޮށްގެން ފްރާންސްގެ ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ "ކޮކެށި" ސެންޓު ފުޅި: މި ސެންޓު ލިބެން ހުންނާނީ ހަމައެކަނި ޑިއުޓީ ފްރީ ފިހާރަތަކުގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ރާއްޖެ އަށް ހާއްސަ ކޮށްގެން ފްރާންސްގެ ކުންފުންޏަކުން ތައްޔާރު ކޮށްފައިވާ "ކޮކެށި" ސެންޓު ފުޅި: މި ސެންޓު ލިބެން ހުންނާނީ ހަމައެކަނި ޑިއުޓީ ފްރީ ފިހާރަތަކުގައި. -- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މި ތިން ސެންޓުގައި ވެސް ހުންނަނީ ތަފާތު ތިން ވަހެކެވެ. އެގޮތުން، ފިނިފެންމާ، ހުވަނދުމާ އަދި އެމްބާގެ ވަސް ހިމެނެ އެވެ.

މިއަދުން ފެށިގެން މި ސެންޓު އާންމުންނަށް ވެސް ގަންނަން ލިބޭނެ އެވެ. އެކަމަކު، މި ސެންޓު ވިއްކާނީ ހަމައެކަނި ރާއްޖޭގައި، ޑިއުޓީ ފްރީ ފިހާރަތަކުން ނެވެ. އައިއެންއައިއޭގައި ހުންނަ ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ މުދާ، ރާއްޖޭގެ އެހެން ފިހާރަތަކަށް ވުރެ ހެޔޮ އަގުގައި ލިބޭނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވަނީ ހާއްސަ ޕްރޮމޯޝަނެއް ފައްޓަވައި ދެއްވާފަ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން އެމްއޭސީއެލްގެ ފިހާރަތަކުން ލިބެން ހުންނަ ބައެއް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އާދިލް ވިދާޅުވި އެވެ. އަދި އެމްއޭސީއެލްގެ ތިން އައުޓްލެޓް ކަމަށްވާ ޑިއުޓީ ފްރީ ފިހާރަތަކާއި އެރައިވަލް ފިހާރަ އަދި ސީއައިޕީ ލައުންޖް ފިހާރަ އިން ގަންނަ ކޮންމެ އެއްޗަކަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ އެ ކުންފުންޏަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. އަދި މިއީ ޑިއުޓީ ފްރީ ފިހާރަތަކުގައި މިހާ ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ކުރިއަށް ގެންދާ ފުރަތަމަ ޕްރޮމޯޝަނެވެ.