Roadha Mihaaru
މަރާމާތަށް ފަހު ރިހިވެލި ރިސޯޓު ހުޅުވައިފި

މަރާމާތަށް ފަހު ރިހިވެލި ރިސޯޓު ހުޅުވައިފި

28 ނޮވެމްބަރ 2021

ކޯޓުގެ މައްސަލަގަނޑެއްގެ ތެރޭގައި ބެދި، ކުރިން ނުހިންގި އޮތް ރިހިވެލި ރިސޯޓު މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ކޯޓުގެ މައްސަލަގަނޑެއްގެ ތެރޭގައި ބެދި، ކުރިން ނުހިންގި އޮތް ރިހިވެލި ރިސޯޓު މަރާމާތަށް ފަހު އަލުން ހުޅުވައިފި އެވެ.

މާހަލް ޓުއާސް ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ މި ރަށް ހިންގަން ބީޗްއެކްސް ކުންފުންޏާ ހަވާލު ކުރުމުން، އެ ކުންފުނިން އެންމެ ފަހުގެ ތައްޔާރީތައް ނިންމައި ގެސްޓުންނަށް މަރުހަބާ ކިޔާފައި ވަނީ އިއްޔެ އެވެ. ރަށަށް ދިޔަ ފުރަތަމަ ޓޫރިސްޓުންނަށް ސަގާފީ ހަރަކާތްތަކާއެކު، މަރުހަބާ ކިޔުމަށް ފާލަންމަތީގައި ހާއްސަ ހަރަކާތެއް ބޭއްވި އެވެ.

ބީޗްއެކްސް އަކީ ފުވައްމުލަކު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ވާއިރު، މާހަލް އިން ބީޗްއެކްސްއާއެކު ހަދާފައި ވަނީ ސަބްލީޒްގެ ބަދަލުގައި ހަމައެކަނި އޮޕަރޭޓު ކުރުމުގެ އެއްބަސްވުމެކެވެ.

ކުރިން ރިހިވެލި ރިސޯޓް ހިންގަމުން އައީ "ރިހިވެލި ބީޗް ރިސޯޓް"ގެ ނަމުގަ އެވެ. ނަމަވެސް، ބީޗްއެކްސްގެ ދަށުން ހިންގަނީ "ރިހިވެލި މޯލްޑިވްސް ރިސޯޓް"ގެ ނަމުގަ އެވެ.

ރިހިވެލި ނުހިންގައި އޮތުމުގެ ސަބަބުން އެ ރަށުގެ އިމާރާތްތައް ވީރާނާވެ އެކި ވަރުގެ ގެއްލުންތައް ވި އެވެ. އަދި ރަށުގެ ބައެއް ވަރަށް ބޮޑަށް ގިރައި ވެސް ލި އެވެ. އެކަމަކު، މިހާރު ގިރައިލި ބަޔަށް ވެލި އަޅައި އިއާދަކޮށްފައިވާއިރު ރިސޯޓުގެ އިމާރާތްތައް ވެސް ވަނީ އާކޮށްފަ އެވެ.

ރިހިވެލި ހިންގަން ފަށާފައިވާއިރު، މާހަލް ޓުއާސް އިން ރިހިވެލި ހިންގަން ކުރިން ހަވާލު ކުރި ސޭވް ދަ ޑްރީމް މޯލްޑިވްސްއާއެކު ހެދި ސަބްލީޒް އެއްބަސްވުން މާހަލްއިން ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިހާރު އަންނަނީ ބަލަމުންނެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިމި ދެން އޮންނާނީ ހުކުމް ކުރުމެވެ.

ރިހިވެލި ރިޒޯޓު އަލުން ހުޅުވުމުން އައި ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ރިހިވެލި

ރިހިވެލި ރިޒޯޓު އަލުން ހުޅުވުމުން އައި ފުރަތަމަ ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ފޮޓޯ: ރިހިވެލި

މާހަލް އިން ބުނާ ގޮތުގައި ސަބްލީޒް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ދައްކަން ޖެހޭ ކުލި ނުދައްކާތީ އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދެއްކި ރަށް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ.

ސަބްލީޒް ބާތިލު ކުރި މައްސަލަ ޖެހުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓު ހިއްސާ އޮންނަ މާހަލްގެ ދިވެހި ހިއްސާދާރު، ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާކުރި 550،000 ޑޮލަރު އެކައުންޓުން ނެގުމަށް ފަހު، ނުދައްކާ ކަމަށް ބުނާ މައްސަލަގަނޑެއް ފެންމަތިވި ފަހުންނެވެ. ނަމަވެސް، މިކަން ކޯޓުގައި ސާބިތެއް ނުވެ އެވެ.

އެއްބަސްވުން ބާތިލުކުރި މައްސަލަ ބަލައި ނިމެންދެން ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ހައި ކޯޓުގައި އެދުނަސް އެ ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނެރެނުދޭށެވެ.

އެގޮތަށް ނިންމީ އެފަދަ އަމުރެއް ނެރެފި ނަމަ، ރަށް ނުހިންގި ދައުލަތަށް ލިބެން ޖެހޭ ކުލި ނުދެއްކުމުން ދައުލަތުން ރަށް އަތުލާ ހާލަތެއްގައި ދެ ފަރާތައް ވެސް ގެއްލުން ވެދާނެތީ އެވެ.