Roadha Mihaaru
ރިހިވެލީގެ ސަބްލީޒް: ފްރާންސް މީހުންނަށް ނާކާމިޔާބު

ރިހިވެލީގެ ސަބްލީޒް މައްސަލަ: ހައި ކޯޓުގައި ވެސް ފްރާންސް މީހުންނަށް ނާކާމިޔާބު

01 ޑިސެމްބަރ 2021

ރިހިވެލި ރިޒޯޓުގެ ސަބްލީޒް ބާތިލުކުރި މައްސަލައިގައި ފްރާންސްގެ ހިއްސާދާރުންގެ ކުންފުންޏަށް ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް އިއްޔެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރިހިވެލި ރިޒޯޓުގެ ސަބްލީޒް ބާތިލުކުރި މައްސަލައިގައި ފްރާންސްގެ ހިއްސާދާރުންގެ ކުންފުންޏަށް ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް އިއްޔެ ހައި ކޯޓުން ހުކުމްކޮށްފި އެވެ.

މާހަލް ޓުއާސް ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ ކ. މަހާނައެޅިހުރާގައި ރިހިވެލި ރިޒޯޓު ހިންގަން އެ ރަށް ސަބްލީޒްކުރީ މާހަލްގެ ހިއްސާދާރަކާއި ފްރާންސްގެ ޓޫރިސްޓުންތަކެއް ވެގެން އުފެއްދި ސޭވް ދަ ޑްރީމް ފްރާންސް ކުންފުނީގެ 50-50 ހިއްސާ އޮންނަ ގޮތަށް ހެދި "ސޭވް ދަ ޑްރީމް މޯލްޑިވްސް" ކިޔާ ކުންފުންޏަކަށެވެ. މާހަލްއިން ސޭވް ދަ ޑްރީމް މޯލްޑިވްސްއާ އެކު ހެދި ސަބްލީޒް އެއްބަސްވުން މިދިޔަ އަހަރު މާހަލްއިން ބާތިލު ކުރުމުން ސޭވް ދަ ޑްރީމް ފްރާންސުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. ސިވިލް ކޯޓުން އެ މައްސަލަ ކުރިއަށް ގެންގޮސް ހުކުމްކުރީ މާހަލްއާ އެއްކޮޅަށެވެ.

ފްރާންސްގެ މީހުންގެ ފަރާތުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ކުރި ހުކުމުގައި ނިންމީ މި މައްސަލައިގައި ދައުވާކުރުމުގެ ހައިސިއްޔަތު ސޭވް ދަ ޑްރީމް ފްރާންސަށް ނެތް ކަމަށެވެ. އަދި އެކަމާ ހެދި ސިވިލް ކޯޓުގެ ހުކުމް ވެސް ބާތިލު ކުރާށެވެ.

ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ މައިގަނޑު ސުވާލަކީ ސަބްލީޒް އެއްބަސްވުން ބާތިލުކުރަން މާހަލްއިން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވި ޓާމިނޭޝަން ނޯޓިސް ސައްހަތޯ އެވެ. ނަމަވެސް، މި މައްސަލައިގައި ދައުވާކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ނޫން ކަމާއި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުންކަން ހުކުމުގައި ފާހަގަކުރި އެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރީ ކޮންޓްރެކްޓެއްގެ ބައިވެރިއެއް ނޫން ފަރާތަކަށް އެ ކޮންޓްރެކްޓެއްގެ ދަށުން ދައުވާ ކުރުމުގެ ހައްގު އަދި ދައުވާ ރައްދުވުމުގެ ހައްގު ވެސް ލިބިގެން ނުވާނެ ކަމެވެ.

"ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ބިނާވަނީ މާހަލް ޓުއާސް އާއި ސޭވް ދަ ޑްރީމް މޯލްޑިވްސްއާ ދެމެދު އޮތް ސަބްލީސް އެގްރީމެންޓް ބާތިލުކޮށް ފޮނުވި ޓާމިނޭޝަން ނޯޓިސްގެ މައްޗަށް ކަމަށްވާއިރު، ބުނެވިދިޔަ އެއްބަސްވުމުގެ ބައިވެރިއެއްކަމަށް ގާނޫނީ ގޮތުން ބެލެވެން ނެތް ފަރާތަކަށް އެ ނޯޓިހާ ގުޅިގެން އެ ދައުވާކުރުމުގެ ހައިސިއްޔަތު އޮތް ކަމަކަށް، އިސްވެ ބުނެވިދިޔަ ކޮންޓްރެކްޓް ލޯ އާއި ކޮމްޕެނީ ލޯގެ އުސޫލުތަކަށް ރިއާޔަތްކޮށް ބެލި ބެލުމުން އަހުރެންނަކަށް ގަބޫލެއްނުކުރެވެ އެވެ." ހުކުމުގައިވެ އެވެ.

ރިހިވެލީގެ ސަބްލީޒް މާހަލްއިން ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމުން ރަށާ މާހަލްއިން ހަވާލުވި ފަހުން އެ ރަށުގައި ފްރާންސްގެ ކުންފުނީގެ ފަރާތުން ހުރި ކެތީ ކެލްބް އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ރިހިވެލީގެ ސަބްލީޒް މާހަލްއިން ބާތިލު ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމުމުން ރަށާ މާހަލްއިން ހަވާލުވި ފަހުން އެ ރަށުގައި ފްރާންސްގެ ކުންފުނީގެ ފަރާތުން ހުރި ކެތީ ކެލްބް އެކަމާ ދެކޮޅަށް ވާހަކަ ދައްކަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ކުރިން މާހަލްއިން ރިހިވެލި ސަބްލީޒް ކުރި ކާސްޓްއަވޭ ކުންފުނިން މާހަލްއަށް ދައުވާ ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް މާހަލްއިން ރަށް ސަބްލީޒް ކުރުމުން ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މައްސަލައިގެ ތެރެއަށް ސޭވް ދަ ޑްރީމް ފްރާންސްއިން ތަދައްހުލްވެ، ވަގުތީ އަމުރަކަށް އެދުނެވެ. އެކަމަކު، އެ ކުންފުންޏަށް އެފަދަ އަމުރަކަށް އެދުމުގެ ހައިސިއްޔަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާކަން ހައި ކޯޓުން ފާހަގަ ކުރި އެވެ.

ސޭވް ދަ ޑްރީމް ފްރާންސަށް މި މައްސަލައިގައި ދައުވާ ކުރެވޭނެ ހައިސިއްޔަތު އޮތްކަން ސިވިލް ކޯޓާއި ހައިކޯޓުގެ އެކިއެކި ގަޒިއްޔާތަކުގައި މީގެ ކުރިން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ވަކީލު ނާޒިމް ސައްތާރު ކޯޓުގައި ވިދާޅުވި ނަމަވެސް، ހައި ކޯޓުގެ ހުކުމުގައި ވަނީ ހައިސިއްޔަތު ލިބިގެންވާ ގޮތެއް އެ ކުންފުންޏަށް ބުނެދެވިފައި ނުވާ ކަމަށެވެ.

ނާޒިމް މިއަދު "މިހާރު"އަށް ވިދާޅުވީ، ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

މާހަލްއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލު ކުރިޔަސް މާހަލްއަށް ގެއްލުމެއް ނެތެވެ. އެ ކުންފުނިން ސަބްލީޒް ބާތިލު ކުރި ކުރުން ދެމި އެބަ އޮތެވެ. އެ ކުންފުނިން މިހާރު ވަނީ ރަށް އޮޕަރޭޓު ކުރަން ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދުގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުންޏާ ހަވާލުކޮށްފަ އެވެ. މިހާރު ބީޗްއެކްސްގެ ދަށުން އެތަނުން ހިދުމަތް ދޭން ވެސް ފަށައިފި އެވެ.

ރިހިވެލީގެ ސަބްލީޒް ބާތިލު ކުރި މައްސަލަ ޖެހުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓު ހިއްސާ އޮންނަ މާހަލްގެ ދިވެހި ހިއްސާދާރު، ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާކުރި 550،000 ޑޮލަރު އެކައުންޓުން ނެގުމަށް ފަހު، ނުދައްކާ ކަމަށް ބުނާ މައްސަލަގަނޑެއް ފެންމަތިވި ފަހުންނެވެ. ނަމަވެސް، މިކަން ކޯޓުގައި ސާބިތެއް ނުވެ އެވެ.

މާހަލް އިން ބުނާ ގޮތުގައި ސަބްލީޒް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސް އިން ދައްކަން ޖެހޭ ކުލި ނުދައްކާތީ އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ވެސް ނުދެއްކި ރަށް އަތުލުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެ އެވެ.