Roadha Mihaaru
ރިހިވެލީގެ ސަބް ލީސް ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް

ރިހިވެލި ރިސޯޓްގެ ސަބް ލީސް ބާތިލްކުރީ ރަނގަޅަށް: ހައި ކޯޓް

19 އޯގަސްޓް 2018

ރިހިވެލި ބީޗް ރިސޯޓް ސަބް ލީސް އުސޫލުން ހިންގަން ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަން ހިންގަމުން އައި ކުންފުނި އަތުން އެރަށް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިހިވެލި ބީޗް ރިސޯޓް ސަބް ލީސް އުސޫލުން ހިންގަން ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަން ހިންގަމުން އައި ކުންފުނި އަތުން އެރަށް އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށްފި އެވެ.

ކ. މާހަނައެޅިހުރާގައި ހިންގަމުން އަންނަ ރިހިވެލި ރިސޯޓަކީ މާހަލް ޓުއާސް މޯލްޑިވްސް ކިޔާ ކުންފުންޏަކަށް ސަރުކާރުން ދޫކޮށްފައި އޮތް ރަށެކެވެ. އެ ކުންފުނިން ވަނީ އެތަން ސަބް ލީސްކޮށް، ކާސްޓްއަވޭ މޯލްޑިވްސް ކިޔާ ކުންފުންޏަކަށް 2014 ގައި ދީފަ އެވެ. އެކަމަކު މާހަލް ޓުއާސް އިން މިދިޔަ ޖެނުއަރީ މަހު ވަނީ ސަބް ލީސް އެއްބަސްވުން ބާތިލްކޮށް، ކާސްޓްއަވޭ ކުންފުނި އަތުން އެރަށް އަތުލައިފަ އެވެ.

އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އޭޕްރީލް މަހު ހުކުމް ކޮށްފައި ވަނިކޮށް، ކާސްޓްއަވޭ އިން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް މިދިޔަ އަންގާރަ ދުވަހު ނިންމީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ސަބް ލީސް އެއްބަސްވުމުގެ ދަށުން ކާސްޓްއަވޭ ކުންފުނިން ދައްކަން ޖެހޭ ފައިސާ ގަވާއިދުން ދައްކަމުން ގޮސްފައިނުވާ ކަން ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގޭ ކަމަށާއި ހެޑް ލީސް ރެންޓާއި ސަބް ލީސް ރެންޓް އެއްބަސްވުމާ އެއްގޮތަށް ނުދައްކައިފި ނަމަ އެއީ އެއްބަސްވުން ބާތިލް ކުރެވިދާނެ ހާލަތެއް ކަން އެއްބަސްވުމުން އެނގޭ ކަމަށެވެ.

މީގެ އިތުރުން އެއްބަސްވުމެއްގެ ބައިވެރިއަކު ޒިންމާއެއް އަދާނުކުރާ ކަމަށް ބުނެ، އެއްބަސްވުން ބާތިލް ކުރުމުގެ ބާރު އަނެއް ބައިވެރިއަކަށް ލިބޭނީ އެއްބަސްވުމުގައި އެގޮތަށް ބަޔާން ކޮށްފައިވާ ނަމަ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާއިރު، ކުލީގެ ފައިސާ ނުދައްކާ ނަމަ ރިހިވެލީގެ ސަބް ލީސް ބާތިލް ކުރުމުގެ ބާރު އެ އެއްބަސްވުމުގެ ދަށުން ދީފައި އޮތް ކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކާސްޓްއަވޭގެ ފަރާތުން އެދިފައި އޮތީ އެއްބަސްވުން ބާތިލްކުރެވޭނީ އެ ކުންފުނިން ކޮށްފައިވާ ޚަރަދާއި ނަގާފައިވާ މާލީ ޒިންމާތަކާއި އެއްބަސްވުން ބާތިލް ކުރުމުގެ ސަބަބުން ލިބޭނެ ގެއްލުން ދިނުމަށް ފަހު ކަމަށް ކަނޑައަޅައި ދިނުމަށެވެ. އެކަމަކު ހައި ކޯޓުގެ ހުކުމުގައި ވަނީ އެ އެއްބަސްވުން ބާތިލްކުރީ އެއްބަސްވުމާ ޚިލާފަށް ކަމަށް ބެލެވެން ނެތުމުން ގެއްލުމުގެ ބަދަލު ނަގައި ދެވޭނެ ތަނެއް ނެތް ކަމަށެވެ.