Roadha Mihaaru
އާ މެނޭޖްމަންޓުން ރިހިވެލި ބަދަލުކޮށްލައިފި

އާ މެނޭޖްމަންޓުން ރިހިވެލި ބަދަލުކޮށްލައިފި

22 ނޮވެމްބަރ 2021

ތިލަ ފަޅަކާއި އެ ފަޅުގައިވާ ކުޑަ ދެ ރަށަކާ އެކު ރިސޯޓު ހިންގަން މާހަލް ޓުއާސް ކުންފުންޏަށް މީގެ ސާޅީހަކަށް އަހަރު ކުރިން ދޫކުރި ކ. މަހާނައެޅިހުރާ ކިތަންމަހާ ވެސް ރީއްޗެވެ. އެކަމަކު، ފާއިތުވި ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ރިހިވެލިގެ ނަމުގައި ހިންގާ މި ރަށް ކޯޓު "ހަނގުރާމަތަކެއް"ގެ މެދުގައި ބެދި މާހަލް އަށް ރަށުން އެކަށީގެންވާ މަންފާއެއް ނުލިބުނެވެ. މި މައްސަލަގަނޑުގެ ތެރޭގައި ރަށް މަރާމާތުނުކޮށް ދޫކޮށްލާފައި އޮތުމުގެ ސަބަބުން ރަށް ވީރާނާވެ، އިމާރާތްތަކާއި މުދަލަށް ވަރަށް ބޮޑަށް ގެއްލުންވި އެވެ. އަދި ރަށުގެ ގޮނޑުދޮށުން ބައެއް ވެސް ވަރަށް ބޮޑަށް ގިރައިގެން ދިޔަ އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މި ރަށް ހިންގަން މާހަލްއިން ހަވާލު ކުރި ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓް ހިއްސާ އޮންނަ ފްރާންސްގެ ބަޔަކާ މައްސަލަ ޖެހި، މާހަލްއިން ސަބްލީޒް އެއްބަސްވުން ބާތިލުކޮށް އެ މީހުން އަތުން ރަށް އަތުލުމުން، އެ މީހުން ދިޔައީ ކޯޓަށެވެ. އަދި ފްރާންސް މީހުން އެދުނު ގޮތަށް ސިވިލް ކޯޓުން އެ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރުމުން، މައްސަލަ ބަލައި ނިމެންދެން މާހަލްއަށް ރަށާ ހަވާލުނުވެވުނެވެ. އަހަރެއްހާ ދުވަސް ފަހުން މާހަލް އަށް ރަށް ލިބުނީ ސިވިލް ކޯޓުން މިދިޔަ އޮގަސްޓުގައި މާހަލްއާ އެއްކޮޅަށް ހުކުމް ކުރުމުންނެވެ.

ފްރާންސްގެ މީހުން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ވިއްދާފައި އޮތަސް، މަޑުނުވެ ރަށް ހިންގައިގެން މަންފާއެއް ހޯދޭތޯ މާހަލްއިން މަސައްކަތް ފެށި އެވެ. ދައުލަތަށް ދައްކަން ޖެހޭ ފައިސާތައް ދައްކެން ވެސް އޮތީ އެހެންނެވެ. ރިޒޯޓު ހިންގަން ހަވާލު ކުރީ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުންޏާ އެވެ. ރިސޯޓު ކޮންސްޓްރަކްޝަންގެ ވިޔަފާރީގެ އިތުރުން އެހެން ވިޔަފާރިތައް ވެސް ކުރައްވަ ދޮންބެގެ ބެއްލެވުމުގެ ދަށުން ރަށް މަރާމާތުކޮށް މި ޕީކް ސީޒަނުގައި ރިޒޯޓު ހުޅުވަން ވަނީ އަމާޒު ހިފައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ)ގެ މަސްލަހަތު އޮންނަ ބީޗްއެކްސް ކުންފުނިން ރިހިވެލި ހިންގުމަށް ވަމުންދާ ތައްޔާރީތައް އޭނާ "މިހާރު"އަށް ކިޔައިދެއްވަނީ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ރަށަށް ދިޔުމުން ރަށަށް ގެނެސްފައި ހުރި ބަދަލުތައް ދައްކައި، ރަށުގެ ޓުއާއެއް "މިހާރު" އަށް ދެއްވީ ވެސް ރިސޯޓު އޮޕަރޭޓް ކުރުމުގެ މަސައްކަތް ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރައްވަން އުޅުއްވާ ދޮންބެ އެވެ. ރިހިވެލީގައި ކުރިން ވީރާނާވެފައި ހުރި އެތައް ތަނެއް އާކޮށް، ތައާރަފު ކުރި އާ ކަންތައްތަކުގެ ވާހަކަ އޭނާ ކިޔައިދެއްވި އެވެ.

ބޮޑު "އޯވާހޯލް" އެއް

ރަށަށް އަރައިގެން ދިޔަ އިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަނީ ރަށުގެ ދިގު ފާލަމާ ގުޅިފައި ހުންނަ ޑައިވިން ލޮޖް އެވެ. ކުރިން ފަން ވެއްޓި ޑެކުގައި ބާގަނޑުތައް ހުރި އެތަން މިހާރު ފަން ޖަހައި އާ ކޮށްފި އެވެ. ވެލި އަޅައި ހަދާފައި ހުރި ރަށުގެ ދިގު ފާލަމުގެ ދެ ފަރާތުގައި ބޮކި ހަރު ކުރަން އެތަން ވެސް ހުރީ ކޮނެ ވަޔަރު އަޅަން ތައްޔާރުކޮށްފަ އެވެ.

ފާލަމުން ރަށާ ދިމާލަށް ހިނގަމުން ދިޔަ އިރު، ކައިރިކޮށްފައި އޮތް ސަޕްލައި ދޯންޏަކުން އެއްޗެހި ބަރުކޮށްގެން ދެކޮޅަށް ގާޑިއާ ދެމުމުގައި ބިދޭސީންތަކެއް އުޅުނެވެ. މިއީ ކޮންޓްރެކްޓް މަސައްކަތަށް ގެނެސްގެން އުޅޭ މީހުންނެވެ. ދޮންބެ ވިދާޅުވި ގޮތުގައި މި ރަށުގައި ކުރިން ތިބި މުވައްޒަފުންނަށް ވެސް އާ މެނޭޖްމަންޓުގެ ދަށުން ވަޒީފާ އަދާ ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. ގިނަ ބަޔަކު އެ ހުށަހެޅުން ގަބޫލުކޮށް ރިހިވެލީގައި މަޑު ކުރި އެވެ. އޭގެ ތެރޭގައި ފްރާންސަށް ނިސްބަތްވާ މުވައްޒަފަކު ވެސް ހިމެނެ އެވެ. "މިހާރު"ގެ ނޫސްވެރިން ރަށަށް ފޭބި އިރު މަރުހަބާ ކިޔަން އައިސް ހުރީ ވެސް އޭނާ އެވެ.

ރިހިވެލީގައި ކުރިން މަސައްކަތް ކުރި ބައެއް މުވައްޒަފުންނަށް ވެސް ވަނީ އާ މެނޭޖްމަންޓުގެ ދަށުން މަސައްކަތް ކުރުމުގެ ފުރުސަތު ދީފައި: މަޑު ކުރި މުވައްޒަފުންގެ ތެރޭގައި ފްރާންސްގެ މުވައްޒަފަކު ވެސް ހިމެނޭ -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރިން ފުނިފުންޏަށް ފަރުނީޗަރުތައް ޖަހާފައި ހުރި ކޮޓަރިތައް މިހާރު ހުރީ ތަރުތީބުކޮށް ހިދުމަތް ދޭން ގާތްގަނޑަކަށް ތައްޔާރަށެވެ. ކޮޓަރިތަކުގެ އިމާރާތްތަކަށް ސާޅީހަކަށް އަހަރު ވިޔަސް އެތެރެ ވަރަށް ޒަމާނީ އެވެ.

ކުރިން ނެތް ބައެއް ސާމާނު ވެސް މިހާރު ކޮޓަރިތަކަށް ވައްދައިފި އެވެ. އަލަށް ގެންނަ އެއްޗެހީގެ ތެރޭގައި ކޮންމެ ކޮޓަރިއަކަށް ޓީވީ އާއި، އޭސީ އާއި، ފޯނާއި، ކޮފީ މެޝިނާއި، ތިޖޫރި އާއި މިނީ ބާ ހިމެނެ އެވެ. އޭސީ ހަރުކުރަން ބައެއް ދޮރުތައް ބަދަލުކޮށް ބިއްލޫރި ކުޑަދޮރުތައް ވެސް ވަނީ ޖަހައިފަ އެވެ. ކޮންމެ ކޮޓަރިއެއްގައި ފަޔާ އެލާމް ވެސް ހަރު ކުރުމުގެ މަސައްކަތަށް ވަޔަރުތައް އެޅުމަށް ބިންގަނޑު ވެސް ހުރީ ކޮނެފަ އެވެ.

ރިހިވެލީގެ ކޮޓަރިއެއްގެ އެތެރެ: ކުރިން ވީރާނާވެފައި ހުރި މި ކޮޓަރިތައް އާކޮށް، ބައެއް ޒަމާނީ ތަކެތި ވެސް ކޮޓަރިތަކަށް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިހިވެލީގެ ކޮޓަރިއެއްގެ އެތެރެ: ކުރިން ވީރާނާވެފައި ހުރި މި ކޮޓަރިތައް އާކޮށް، ބައެއް ޒަމާނީ ތަކެތި ވެސް ކޮޓަރިތަކަށް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރިސޯޓުގެ މައި ވޯޓާ ފްރަންޓް ރެސްޓޯރެންޓު ވެސް މިހާރު ހުރީ މަރާމާތުކޮށް ނިންމައިފަ އެވެ. އެތަނުގައި ވެސް ކުރިއަށް ދިޔައީ އެންމެ ފަހުގެ ޒީނަތްތެރި ކުރުމުގެ މަސައްކަތެވެ. އެގޮތުން ރެސްޓޯރެންޓުގެ ޑެކުގެ މެދުގައި މޫދު ފެންނަ ގޮތަށް ހަދާފައި ހުންނަ ތަން ފުންކޮށް އެތަނަށް ކުދި މަސްތައް އަންނަ ފަދަ ގާތައް ވަނީ ޖަހައިފަ އެވެ.

ބާގަނޑުތައް ހެދިފައި ހުރި ރިސޯޓުގެ ބާގެ ފުރާޅު މަރާމާތުކޮށް، ހުރީ އާ ފަން ޖަހައިފަ އެވެ. މަތިމައްޗަށް ޖަހާފައި ހުރި ގޮނޑިތައް ރީއްޗަށް އަތުރާލައި އެތަން ވެސް ހުރީ ތައްޔާރަށެވެ. އެތަނަށް ދިޔަ އިރު ތަނުގެ ކައުންޓަރު ހެދުމުގެ މަސައްކަތާއި ކަރަންޓުގެ މަސައްކަތުގައި ދިވެހި ޒުވާނުންތަކެއް އުޅުނެވެ.

ކުރިން ފުރާޅުގައި ބާގަނޑުތައް ހެދި ރިސޯޓުގެ ބާ މިހާރު ހުރީ މުޅިންހެން ބަދަލުކޮށްލާފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކުރިން ފުރާޅުގައި ބާގަނޑުތައް ހެދި ރިސޯޓުގެ ބާ މިހާރު ހުރީ މުޅިންހެން ބަދަލުކޮށްލާފައި -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފާއިތުވި ދެ މަހުގެ ތެރޭގައި ކުރި މަސައްކަތުން ރަށް ގިރުމުގެ މައްސަލަ އަށް ވެސް ވަނީ ހައްލެއް ގެނެސްފަ އެވެ. އީއައިއޭ އެއް ހަދައި، ހުއްދަ ހޯދައިގެން ރަށުގެ އެއްކޮޅުން ވެލިތައް ޕަމްޕު ކުރަނީ ކުރިން ގިރާފައި އޮތް ސަރަހައްދަށެވެ. އެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިއްޖެ އެވެ. ދެން އޮތީ ވެލިގަނޑު އެއްވަރުކޮށް ސާފު ކުރުމެވެ.

ރަށް ގިރާ ސަރަހައްދާ ދިމާލުން ފަޅުތެރޭގައި ކުރިން ބަހައްޓާފައި ހުރި ގާ ތޮށި ނަގައި މިހާރު ހުރީ ޒަމާނީ ފެންވަރުގެ ރިވެޓްމެންޓު ޖަހައިފަ އެވެ. އެ ދިމާލުން މިހާރު ކޮންމެ ވެސް ވަރަކަށް ބީޗަށް ވެލި އަރަމުންދާ ކަމަށް ދޮންބެ ވިދާޅުވި އެވެ.

ކުރިން ރިހިވެލީގައި ގިރާފައި ހުރި ތަނަކަށް ރަށުގެ އެހެން ފަރާތަކުން ވެލި އަޅައިފައި: ރަށް ގިރުމުގެ މައްސަލައަށް ވެސް މި ވަގުތަށް ވަނީ ހައްލެއް ގެނެވިފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ކުރިން ރިހިވެލީގައި ގިރާފައި ހުރި ތަނަކަށް ރަށުގެ އެހެން ފަރާތަކުން ވެލި އަޅައިފައި: ރަށް ގިރުމުގެ މައްސަލައަށް ވެސް މި ވަގުތަށް ވަނީ ހައްލެއް ގެނެވިފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މި ރަށުގެ ފަޅު ތެރޭގައި އޮންނަ ދެ ރަށް ވެސް ހިމެނެނީ ރިހިވެލީގެ އިހުތިސާސްގެ ތެރޭގަ އެވެ. އެކަމަކު، އެ ދެ ރަށް ތަރައްގީ ކުރުމުގެ ވިސްނުން ދޮންބެގެ އަދި ނެތެވެ. ސަބަބަކީ އެ ދެ ރަށަކީ ވެސް އެކި ބާވަތް ބާވަތުގެ ދޫނިތައް އުޅޭ ރަށަކަށް ވުމެވެ. ރިހިވެލީގައި އުޅޭ އިރު ގަސްގަހުގެ މަތިން އިވޭ ދޫނިތަކުގެ ގޮވެލިތަކަކީ އެ ދެ ރަށުން އަންނަ ދޫނިތަކުގެ އަޑެވެ. ރަށުން އެ ސިފަ ގެއްލިގެންދާން އޭނާ އެދިވަޑައެއް ނުގަނެ އެވެ.

ހުޅުވަން ހުރަހެއް ނެތް

ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރިހިވެލި ހުޅުވަން ތައްޔާރުވަމުންދާއިރު ރިހިވެލީގެ ސަބްލީޒް ބާތިލު ކުރި މައްސަލަ އަދިވެސް ހައި ކޯޓުގައި ދަނީ ކުރިއަށެވެ. ސަބްލީޒް ބާތިލު ކުރި މައްސަލަ ޖެހުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ 50 ޕަސެންޓު ހިއްސާ އޮންނަ މާހަލްގެ ދިވެހި ހިއްސާދާރު، ފްރާންސްގެ ހިއްސާދާރުން ކުންފުނީގެ އެކައުންޓަށް ޖަމާ ކުރި 550،000 ޑޮލަރު އެކައުންޓުން ނެގުމަށްފަހު ނުދައްކާ ކަމަށް ބުނާ މައްސަލަގަނޑެއް ފެންމަތިވި ފަހުންނެވެ. ވައްކަމެއް ކަމަށް ފްރާންސް މީހުން ބުނާ މިކަން ކޯޓުގައި ސާބިތެއް އަދި ނުކުރެވެ އެވެ.

ހައި ކޯޓުގައި މައްސަލަ ހިނގަނިކޮށް މާހަލްއިން ރަށް އެހެން ބަޔަކަށް ދީފާނެތީ ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ސިވިލް ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދުނަސް، ހައި ކޯޓުން ނިންމާފައި ވަނީ އެފަދަ އަމުރެއް ނުދޭށެވެ. އެއީ އެފަދަ އަމުރެއް ނެރެފި ނަމަ ރަށް ނުހިންގި، ދައުލަތުން ރަށް ނަގައިފި ހާލަތެއްގައި ދެ ފަރާތަށް ވެސް ގެއްލުންވާނެތީ އެވެ.

ރިހިވެލީގެ ބީޗް ފްރަންޓް ރެސްޓޯރެންޓު ވެސް މިހާރު ވަނީ މަރާމާތުކޮށްފައި: އެތަނަށް ކުރިން ނެތް ބަދަލުތަކެއް ވެސް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ރިހިވެލީގެ ބީޗް ފްރަންޓް ރެސްޓޯރެންޓު ވެސް މިހާރު ވަނީ މަރާމާތުކޮށްފައި: އެތަނަށް ކުރިން ނެތް ބަދަލުތަކެއް ވެސް ވަނީ ގެނެސްފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ސޭވް ދަ ޑްރީމް މޯލްޑިވްސްއިން އެދުނު ގޮތަށް ވަގުތީ އަމުރު ނެރުނު ނަމަ އެއީ ބީއެޗްއެކްސް އަށް އެޅޭނެ ބޮޑު ހުރަހެކެވެ. އެކަމަކު، ދެން ހުރަހެއް އެޅޭނީ މާހަލްއިން ސަބްލީޒް ބާތިލު ކުރި މައްސަލަ ހައި ކޯޓުން ފްރާންސް މީހުންނާ އެއްކޮޅަށް ނިމިއްޖެ ނަމަ އެވެ.

މިހާރު މަރާމާތުގެ މަސައްކަތާއި އެހެނިހެން ތައްޔާރީތައް ނިމުމުން ރަށް ހުޅުވަން އެއްވެސް ހުރަހެއް ނެތެވެ. ޓޫރިޒަމް މިނިސްޓްރީން ރަށުގެ އިންސްޕެކްޝަން ހަދައި މިހާރު ވަނީ ބީޗްއެކްސް އަށް އޮޕަރޭޓިން ލައިސަންސް ވެސް ދޫކޮށްފަ އެވެ.

ރިހިވެލި ރިޒޯޓުގެ ކޮޓަރިއެއް މަރާމާތުކޮށް ހިދުމަތް ދޭން ތައްޔާރުކޮށްފައި: މީގެ އެތައް އަހަރެއް ކުރިން އެޅި މި ކޮޓަރިތަކުގެ އެތެރެ މިހާރު ވަނީ ޒަމާނީ ފެންވަރަށް ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ރިހިވެލި ރިޒޯޓުގެ ކޮޓަރިއެއް މަރާމާތުކޮށް ހިދުމަތް ދޭން ތައްޔާރުކޮށްފައި: މީގެ އެތައް އަހަރެއް ކުރިން އެޅި މި ކޮޓަރިތަކުގެ އެތެރެ މިހާރު ވަނީ ޒަމާނީ ފެންވަރަށް ހަދާފައި -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މާހަލްއިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ރަށް ދައުލަތުން ނެގި ނަމަ އެ ހިސާބުން މުޅި މި މަސައްކަތް ހުއްޓޭނެ އެވެ. އެ ކުންފުނިން ކުއްޔާއި ޓެކްސް ފަދަ ފައިސާ އަދާ ނުކުރުމުން ކަމާ ބެހޭ ފަރާތްތަކުން އެތައް ފަހަރަކު އިންޒާރު ވެސް ދިނެވެ. އެ ކުންފުނިން ބުނާ ގޮތުގައި އެ ފައިސާ ނުދެއްކުނީ ސޭވް ދަ ޑްރީމް މޯލްޑިވްސްއިން ސަބްލީޒް ކުލި މާހަލް އަށް ނުދައްކާތީ އެވެ.

އެކަމަކު، މިހާރު މާހަލްއިން ވަނީ ދައުލަތަށް ނުދައްކާ ހުރި ކުލި ބަހާލައިގެން ދައްކާ ގޮތަށް ހަމަޖައްސައި އޭގެން ފުރަތަމަ ޕޭމަންޓު ދައްކައިފަ އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ޓެކްސްތައް ވެސް ދައްކާފައިވާ ކަމަށް ވެ އެވެ.

ރިހިވެލި އަލުން ހިންގަން ފަށާކަން އެތަނަށް ފާއިތުވި އަހަރުތަކުގައި ތަކުރާރުކޮށް އަންނަމުންދާ ޓޫރިސްޓުންނަށް ވެސް މިހާރު އެނގިއްޖެ އެވެ. މިހާރުއްސުރެ ބުކިންތައް އަންނަމުންދާ ކަމަށް ދޮންބެ ވިދާޅުވި އެވެ. ކުރީގެ އޮޕަރޭޓަރުން ބްލެކް ލިސްޓުކޮށްފައި ތިބި ބައެއް މީހުން ވެސް އަންނަން ބޭނުންވެގެން މެސެޖުކޮށްފައި އެބަ ހުއްޓެވެ.