27 ޑިސެމްބަރ 2020
ފްރާންސަށް އުފަން ކޭޓީ ކާލްބް ރާއްޖެއަށް އެންމެ ފުރަތަމަ އައީ 2001 ވަނަ އަހަރު އެވެ. އޭނާގެ ފިރިމީހާއާ އެކު ކުރި މި ދަތުރުގައި ރާއްޖޭގެ ރީތި މޫދާއި ދިވެހިންގެ މެހެމާންދާރީ ފެނި އަޖައިބުވި އެވެ. އަދި ގައުމަށް އެނބުރި ގޮސް، އަނެއްކާވެސް ރާއްޖެ އަންނަން ނިންމި އެވެ. އެގޮތަށް އޭނާ ވަނީ 30 ފަހަރު ރާއްޖެ އައިސްފަ އެވެ. އޭނާގެ ރައްޓެހިންނާއި ފްރާންސްގެ ގިނަ ބަޔަކަށް އޭނާ ރާއްޖެ ތައާރަފްކޮށްދިނެވެ.
ފްރާންސަށް އުފަން ކޭޓީ ކާލްބް ރާއްޖެއަށް އެންމެ ފުރަތަމަ އައީ 2001 ވަނަ އަހަރު އެވެ. އޭނާގެ ފިރިމީހާއާ އެކު ކުރި މި ދަތުރުގައި ރާއްޖޭގެ ރީތި މޫދާއި ދިވެހިންގެ މެހެމާންދާރީ ފެނި އަޖައިބުވި އެވެ. އަދި ގައުމަށް އެނބުރި ގޮސް، އަނެއްކާވެސް ރާއްޖެ އަންނަން ނިންމި އެވެ. އެގޮތަށް އޭނާ ވަނީ 30 ފަހަރު ރާއްޖެ އައިސްފަ އެވެ. އޭނާގެ ރައްޓެހިންނާއި ފްރާންސްގެ ގިނަ ބަޔަކަށް އޭނާ ރާއްޖެ ތައާރަފްކޮށްދިނެވެ.
ކޮންމެ ފަހަރަކު ވެސް ކޭޓީ ޗުއްޓީ ހޭދަކުރީ ކ. މަހާނައެޅިހުރާގައި ހިންގާ ރިހިވެލި ރިސޯޓްގަ އެވެ. އެރަށަށް އެހާ ހާއްސަ ލޯތްބެއް ޖެހުނީ، އޭނާ ބުނާ ގޮތުގައި، ހިދުމަތްތައް ދިނުމުގައި ގެންގުޅޭ އާދައިގެ ލޯކަލް ގޮތްތަކާ ހެދި އެވެ.
ރިހިވެއްޔަކީ ލަގްޒަރީ ރިސޯޓެއް ނޫނެވެ. ރާއްޖޭގެ ރިސޯޓްތަކުގެ އެންމެ ކުރީގެ ސިފަތައް ފެންނަ މަދު ރިސޯޓްތަކުގެ ތެރޭގައި އެ ރަށް ހިމެނެ އެވެ. ނަމަވެސް ވަށައިގެން އޮތް ރީތި މޫދާއި ހިތްގައިމު ގޮނޑުދޮށަކީ އަމާންކަމާއި ހިމޭންކަން ހޯދަން އަންނަ ބަޔަކަށް ވަރަށް ރަނގަޅު މަންޒިލެއް ކަމަށް ކޭޓީ ދެކެ އެވެ.
އެހާ ގިނަ ފަހަރު ރިހިވެލީގައި ޗުއްޓީ ހޭދަކުރުމުން ރިސޯޓްގެ މުވައްޒަފުންނާއި އޭނާއާ ދެމެދު ގާތް ގުޅުމެއް އޮތީ އުފެދިފަ އެވެ. އެގޮތުން 2017ގައި ރިސޯޓްގެ އިސް މުވައްޒަފަކު، އެރަށް ގަތުމުގެ ހިޔާލު އޭނާއަށް ދިނެވެ. ސަބަބަކީ އޭރު އެރަށް ހިންގަމުން އައި ކާސްޓަވޭ އާއި ރަށުގެ ވެރިން ނިސްބަތްވާ މާހަލް ޓްއާސްއާ ދެމެދު މައްސަލަ ޖެހިފައި އޮތުމެވެ. އެ މުވައްޒަފު ކޭޓީއަށް އެ ހިޔާލު ދިނީ ޗައިނާގެ އިންވެސްޓަރަކު އަތުވެއްޖެ ނަމަ ރަށުގެ އަސްލު ގެއްލުވައިލައި ލަގްޒަރީ ރިސޯޓަކަށް ބަދަލުކޮށްފާނެކަމުގެ ބިރަށެވެ.
"އެ ހިޔާލު ދިނުމުން އަހަންނާއި އަހަރެންގެ ފިރިމީހާ ބިޒްނަސް ޕްލޭނެއް ހަދާ ރަށުގެ ރީތިކަން ސަލާމަތް ކުރުމަށް މަސައްކަތް ފެށިން. އެގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް 10 މީހުންގެ ޓީމަކާ އެކު އައިން،" ކޭޓީ ބުންޏެވެ.
ސޭވް އަ ޑްރީމްގެ ބައެއް ހިއްސާދާރުންނާއި ރިހިވެލީގެ ބައެއް މުވައްޒަފުން
އޭނާ ބުނި ގޮތުގައި އެ ދަތުރުގައި ސަރުކާރުން އެ ރަށް ދޫކޮށްފައިވާ ދިވެހި ކުންފުނި މާހަލް ޓްއާސްގެ އެއް ހިއްސާދާރު ހުސައިން ޝިހާމް އަލީއާ ވެސް ބައްދަލުކުރި އެވެ. އެނބުރި ފުރާންސަށް ދާން ފުރަންވެގެން އެއާޕޯޓްގައި ތިބެ ހުސެއިންއާ ބައްދަލުކޮށް، ރަށަށް އިންވެސްޓްކުރަން ބޭނުން ވާހަކަ ބުނި ކަމަށް، ކޭޓް ކިޔައިދިނެވެ. އޭގެ ފަަހުން ދެން ބޭއްވި ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ފްރާންސް މީހަކާ އިނދެގެން އެ ގައުމުގައި ދިރިއުޅެމުން އަންނަ މާހަލްގެ ހިއްސާދާރެއް ކަމަށްވާ އަދި ހުސެއިންގެ އެއްބަނޑު އެއްބަފާ ދައްތަ ފާތިމަތު ޝިއުނީއާ އެކު އެވެ.
ރިހިވެލި ރިސޯޓަކީ 1979 ގައި، އަލީ ޔޫސުފް، މަޝްހޫރު ނަމުން ނަމަ ދޮންއަލިފުޅު އުފެއްދެވި މާހަލް ޓުއާސް މޯލްޑިވްސްއަށް ދޫކޮށްފައިވާ ރަށެކެވެ. މިހާރު ވަރަށް ބޮޑު އާލާސްކަންފުޅެއްގައި އޮންނެވި ދޮންއަލިފުޅު ވަނީ އޭނާގެ 11 ބޭފުޅުންނަށް ކުންފުނީގެ 30 ޕަސެންޓް ހިއްސާ ދެއްވައިފަ އެވެ. އަނެއް 70 ޕަސެންޓް އޮތީ، އާއިލާގެ ބައެއް ބޭފުޅުން، ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި، "ބައްޕަގެ ނަން މަތީގަ" އެވެ.
އެކަމަކު އެ 70 ޕަސެންޓް ހިއްސާ، އާއިލާގެ އެހެން ބޭފުޅުންނަށް އެނގިވަޑައިނުގެން، ހުސެއިން އާއި އޭނާގެ ބޭބެ މުހައްމަދު ޝިހާމް (ޓާކޫރޭ)ގެ ނަމަށް ބަދަލުކުރައްވާފައިވާ ކަމަށް، އާއިލާގެ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. އެކަމަކު އެ ތުހުމަތުތައް ޓާކޫރޭ ދޮގުކުރައްވަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބައްޕަގެ ހިއްސާ، ހުސެއިން އާއި އޭނާއަށް ދެއްވީ ބައްޕަ އެވެ. އަދި ކުންފުނީގެ ހުރިހާ ކަމެއް ވެސް ހިންގަވަމުން ގެންދަނީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ކޭޓާއި އޭނާގެ ބައިވެރިން ރިހިވެލި "ސަލާމަތްކުރަން" ނުކުތް އިރު، މާހަލްއަށް އޮތީ މާލީ ދަތިތަކާ ކުރިމަތިވެފަ އެވެ. އެހެންކަމުން ހަމައެކަަނި އެ ރިސޯޓް ދެކެ ލޯބިން އަދި އެ ރަށް "ހިމާޔަތްކުރަން" ނުކުތް މީހުންނާ އެކު ކުރިއަށް ދާން މާހަލްގެ އިސް ހިއްސާދާރުން ނިންމެވި އެވެ. އަދި ފްރާންސްގެ ހިއްސާދާރުން ހިމެނޭ ސޭވް ދަ ޑްރީމް އާއި ހުސައިންއާ ދެމެދު ޖޮއިންޓް ވެންޗާ އެގްރީމެންޓެއް ހެދި އެވެ.
ކޭޓީ ބުނީ ރިހިވެލީގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމުގެ އަޒުމުގައި ރަށާ ހަވާލުވި ހުރިހާ ހިއްސާދާރުންނަކީ ވެސް ތިމާވެއްޓަށް ލޯބިކުރާ ބައެއް ކަމަށެވެ. އޭގެ ތެރޭގައި ރިހިވެލީގައި އާދަކޮށް ޗުއްޓީ ހޭދަކުރަމުން އަންނަ އުމުރުން 75 އަހަރުން މަތީގެ ބައެއް މީހުން ވެސް ހިމެނެ އެވެ.
ރިހިވެލީގެ ރީތިކަން ހިމާޔަތްކުރުމުގެ ގޮތުން ގިނަ ޕްލޭންތަކެއް ރޭވި އެވެ. އެގޮތުން ރަށުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމާއި ދަނޑުވެރިކަން ކުރުމާއި ރަށުގެ ކަނޑުގެ ސަރަހައްދުގައި ކޯމަހުގެ ނާސަރީއެއް ހެދުމާއި ޕްލާސްޓިކް ބޭނުންކުރާ ވަރު މަދުކުރުމުގެ ޕްލޭން ވެސް ހެދި އެވެ.
ކޭޓީ ބުނީ އެ ރަށަށް އަންނަ 70 ޕަސެންޓް ޓޫރިސްޓުންނަކީ ރިޕީޓަރުން ކަމަށެވެ. ޔޫރަޕް މީހުންގެ މެދުގައި ރިހިވެލި މަޝްހޫރުވެފައި ވަނީ ގުދުރަތީ ރީތި އަދި އަމާން ރަށެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ބުންޏެވެ.
ކޭޓީ އާއި ފްރާންސްގެ ބައެއް ހިއްސާދާރުންނާއި ރިހިވެލީގެ ބައެއް މުވައްޒަފުން --ފޮޓޯ: ކޭޓީ
"އަޅުގަނޑުމެން މަސައްކަތް ކުރިން ޕާލޭއާ އެކު ވެސް. ވަރަށް ގިނަ އުންމީދުތަކެއް ކުރެވުނު. އެކަމަކު އެގްރީމެންޓްގައި ސޮއިކުރި ފުރަތަމަ ދުވަހުން ފެށިގެން ހުސައިން ގެންދެވީ އެގްރީމެންޓާ ހިލާފުވެ، "އޮޅުވައިލަމުން،" ކަމަށް ކޭޓީ ބުންޏެވެ.
ކޭޓީ ތުހުމަތުކުރާ ގޮތުގައި ހުސައިން އަނބަދުވެސް އުޅުއްވީ އޮޅުވާލައްވައިގެންނެވެ. ފްރާންސްގެ 55 ހިއްސާދާރުން ހިމެނޭ ސޭވް އަ ޑްރީމްއާ އެކު އޭނާ ސޮއިކުރެއްވީ ފެބްރުއަރީ 2018 ގަ އެވެ. އޭގެ ފަހުން އެ މީހުން ވަނީ ރިހިވެއްޔަށް 2.7 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައި ކަމަށް، ކޭޓީ ބުންޏެވެ. އެކަމަކު އޭނާ ތުހުމަތުކުރާ ގޮތުގައި އެގްރީމެންޓްގައި ސޮއިކުރެއްވިތާ ހަ މަސް ނުވަނީސް އެހެން ބަޔަކަށް އެރަށް ވިއްކާލަން ހުސެއިން މަސައްކަތް ކުރެއްވި އެވެ.
އޭނާ ބުނީ މާހަލްގެ ހިއްސާދާރުންގެ މެދުގައި ބޮޑެތި މައްސަލަތައް ޖެހިފައި އޮތް ކަން ވެސް އެނގުނީ މާ ފަހުން ކަމަށެވެ.
ރިހިވެއްޔަށް އެތައް ފަހަރު އައިސްފައިވާ ދެ ޓޫރިސްޓުންނާ އެކު ކޭޓީ (މެދުގައި)
"މައްސަލަަތައް ހައްލުކުރަން އެތައް ފަހަރު އުޅުނިން. އެކަމަކު އެމީހުން [ހުސައިން ޝިހާމް އާއި މުހައްމަދު ޝިހާމް] ކޮންމެ ފަހަރަކު އިތުރަށް ފައިސާ އަތުލީ،" ކޭޓް ބުންޏެވެ.
އޭނާ ތުހުމަތުކުރައްވާ ގޮތުގައި ސޭވް ދަ ޑްރީމް ކުންފުނީގެ އެކައުންޓަކުން އެމީހުންގެ ހުއްދަ ނެތި މި އަހަރު ކުރީކޮޅު 550،000 ޑޮލަރު، މާހަލްގެ ދެ ހިއްސާދާރުން ނެންގެވި އެވެ.
މި ތުހުމަތުތަކާ ބެހޭ ގޮތުން ހުސެންގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އޭނާ ފޯނެއް ނުނަންގަވަ އެވެ. މެސެޖްކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.
ކޭޓީ ބުނީ ކޮވިޑް-19 އައުމުގެ ކުރިން ވެސް ކުންފުނީގެ މާލީ ހާލަތު އޮތީ އެހާ ރަނގަޅަށް ނޫން ކަމަށެވެ. ކުންފުނީގެ ފައިސާ އެހެން ގޮތްގޮތަށް ހުސައިން ބޭނުންކުރައްވާ ކަމަށާއި އޭގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދޭން ވެސް އުނދަގޫވި ކަމަށާއި ކޮވިޑްގެ ހާލަތުގައި އެކަން އިތުރަށް ގޯސްވި ކަމަށް އޭނާ ބުންޏެވެ.
އެކަމަކު "އެންމެ އުނދަގޫ ހާލަތުގައި ވެސް އަހަރެމެން މަސައްކަތް ކުރަނީ މުވައްޒަފުންނާ ވަރަށް ގާތްކޮށް،" ކޭޓީ ބުންޏެވެ.
އޭނާ ބުނާ ގޮތުން އެ މައްސަލަތައް ޓޫރިޒަމް މިނިސްޓްރީއަށް އަންގައިގެން އުޅޭތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ އެވެ.
ކޭޓީ އާއި ފްރާންސްގެ އަނެއް 54 ހިއްސާދާރުން ބޭނުންވަނީ އެގްރީމެންޓްގައި އޮތް ގޮތަށް ރިހިވެލި 2042 އަހަރާ ހަމައަށް ހިންގާށެވެ. އޭނާ މިހާރު ވެސް ހުރީ ރިހިވެލީގަ އެވެ. ކޮވިޑަށް ފަހު އެ ރިސޯޓް އަދި ނުހުޅުވަ އެވެ. އެކަމަކު މާހަލް އިން ބޭނުންވަނީ އޭނާ އެ ރަށުން ބާލައި، ސޭވް އަ ޑްރީމް އަތުން ރަށް އަތުލާށެވެ.
ކޭޓީ ބުނާ ގޮތުގައި އޮޅުވާލައްވައިގެން ހުސައިން ހިންގެވި ކަންކަމަށް އިންސާފު ލިބެން ޖެހޭނެ އެވެ.
"އަހަރެމެން މަސައްކަތް ކުރަނީ ފައިދާ ހޯދާކަށް ނޫން. އެކަމަކު ރަށުގެ ރީތިކަން ހިމާޔަތްކުރަން،" ކޭޓީ ބުންޏެވެ.
އަންނަ އަހަރު ރިޒާވް 705 މިލިއަން ޑޮލަރަށް އަރާނެ
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ލޯނު ނުދެއްކުމުން ހެވީލޯޑްގެ 3 ރަށެއް ވިއްކާލަނީ
އެންމެ ބޮޑު ޓޫރިޒަމް ޕްރޮމޯޝަން އޮންނާނީ އަންނަ އަހަރު
ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއް
1.5 މިލިއަން ޓޫރިސްޓުން، އަމާޒަށް ބާކީ ފަސް ލައްކަ
އީޒްމައިޓްރިޕްއިން ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
ރިސޯޓްތައް ރީޑިވަލޮޕް ކުރަން ދޭ މުއްދަތަށް ބަދަލުތަކެއް
ލޯނު ނުދެއްކުމުން ދޮޅިޔަދޫ ވިއްކާލަން އަންގައިފި