Roadha Mihaaru
ދިއްފުށީފަޅުގެ މަސައްކަތް މަޑުޖެއްސުމުގެ އަމުރެއް ނުދިން

ދިއްފުށީފަޅުގެ މަސައްކަތް މަޑުޖައްސާލުމުގެ އަމުރެއް ހައި ކޯޓުން ނުދިން

10 ނޮވެމްބަރ 2022

ކ. ދިއްފުށީފަޅުގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ކ. ދިއްފުށީފަޅުގައި ރިސޯޓް ތަރައްގީ ކުރުމުގެ މަސައްކަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.

ދިއްފުށީ ފަޅުގައި ރިސޯޓެއް ހަދަން ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލަށް ސަރުކާރުން 2015 ވަނަ އަހަރު ކުއްޔަށް ދިނުމަށްފަހު 2017 ވަނަ އަހަރު ސަރުކާރުން އެތަން އަތުލި މައްސަލަ ހާމިދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ އެތަން އަތުލީ ރަނގަޅަށް ކަމަށެވެ.

އެ މައްސަލަ އިސްތިއުނާފް ކުރުމަށް ފަހު އިސްތިއުނާފް ނިމެންދެން، އެތަނުގައި އެހެން ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓާލުމަށާއި އަދި އިތުރު ބަޔަކަށް ކުއްޔަށް ނުދިނުމުގެ އަމުރަކަށް ހާމިދުގެ ފަރާތުން ހައި ކޯޓުގައި އެދުނެވެ.

ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އާންމު އުސޫލުން ވަގުތީ އަމުރެއް ނެރެދެވޭނީ ބަދަލު ދީގެން ވެސް ގެއްލުން އިއާދަ ނުކުރެވޭނެ ފަދަ ހާލަތްތަކުގައި އެކަނި ކަމަށެވެ. އަދި ދިއްފުށީ ފަޅުގައި އެހެން ފަރާތަކުން މަސައްކަތް ކުރިޔަސް، ބަދަލު ދޭންޖެހުނަސް ބަދަލު ދެވިދާނެ ފަދަ ކަންކަން ކަމަށާއި އެހެންވެ، އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުމެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިއްތިފާގުން ނިންމެވި އެ ނިންމުމުގައިވަނީ ދިއްފުށީފަޅުގެ މަސައްކަތް ހުއްޓާލުމުގެ އަމުރެއް ނެރެ ނުދެވޭނެ ކަމަށެވެ.