Roadha Mihaaru
ބަންގްލަދޭޝްގެ ސެޓެލައިޓް ރާއްޖެއަށް ބޭނުންކުރެވޭނެ

ބަންގްލަދޭޝްގެ ސެޓެލައިޓް ބޭނުންކުރުމުގެ ފުރުސަތު ރާއްޖެއަށް

25 ނޮވެމްބަރ 2021

ބަންގްލަދޭޝްގެ ސެޓެލައިޓް "ބަންގަބަންދު-1" ރާއްޖޭން ބޭނުންކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހުށަހަޅުއްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަންގްލަދޭޝްގެ ސެޓެލައިޓް "ބަންގަބަންދު-1" ރާއްޖޭން ބޭނުންކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު ޝައިހް ހަސީނާ ހުށަހަޅުއްވައިފި އެވެ.

"ބަންގަބަންދު-1" ސެޓެލައިޓަކީ ބަންގްލަދޭޝް އިން ލޯންޗުކުރި ފުރަތަމަ ޖިއޯސްޓޭޝަނަރީ ސެޓެލައިޓެވެ. މި ސެޓެލައިޓުން ކޭޔޫ ބޭންޑައި ސީ ބޭންޑްގެ ހިދުމަތްތައް ފޯރުކޮށްދެވޭނެ އެވެ. އެހެންވެ ބްރޮޑްކާސްޓިން އާއި ޓެލެކޮމިއުނިކޭޝަން ހިދުމަތް ދިނުމަށް މި ސެޓެލައިޓް ބޭނުން ކުރެވޭނެ އެވެ. މިދިޔަ އަހަރުގެ މެއި މަހު ޖައްވަށް ފޮނުވާލި މި ސެޓެލައިޓާ އެކު މުއާސަލާތީ ހިދުމަތް ހޯދަން ބަންގްލާދޭޝް އިން ކުއްޔަށް ނަގާފައިވާ ސެޓެލައިޓް ހިދުމަތްތަކުން 14 މިލިއަން ޑޮލަރު ވަނީ ސަލާމަތްކުރެވިފަ އެވެ.

މި ސެޓެލައިޓް ޖައްވަށް ފޮނވަން 248 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގައި ޝައިހު ހަސީނާއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން ވިޔަފާރީގެ ދާއިރާއިން ފުޅާކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.

ސެޓްލައިޓުގެ ބޭނުންކުރުމުގެ ފުރުސަތު ރާއްޖެއަށް ދިނުމުގެ އިތުރަށް ހަސީނާ ވަނީ ސިއްހީ ދާއިރާ އާއި ޓެކްނިކަލް އެހެން ދާއިރާތަކުން ވެސް އެހީތެރިކަން ދޭނެކަން ހާމަކުރައްވައިފަ އެވެ.

މިދަތުރުގައި ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ބަންގްލަދޭޝްގެ ފައުންޑިން ލީޑަ ޝައިޚް މުޖީބުއްރަޙްމާންގެ 100 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގެ، ތަހުނިޔާ އާއި ހެޔޮއެދުންތައް ބަންގްލަދޭޝްގެ ބޮޑުވަޒީރަށް އަރިސްކުރައްވައިފަ އެވެ.

ނައިބު ރައީސް ވަނީ ބަންގްލަދޭޝްގެ ހެލްތު މިނިސްޓަރު ޒާހިދު މަލީކްއާ ވެސް ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި ވަކި ރޮނގުތަކަށް ހާއްސަވުމަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

މީގެ އިތުރުން ހުނަރާއި ތަޖުރިބާ ހިއްސާ ކުރުމާއި ބަންގްލަދޭޝްގެ ހާއްސަ ޑޮކްޓަރުންނާއި ސިއްހީ މާހިރުން ހިމެނޭ ޓީމެއް ރާއްޖެއަށް ޒިޔާރަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.