Roadha Mihaaru
ބިދޭސީން ގަވާއިދަށް ފެއްތުމުގެ އެހީއަށް އެދިއްޖެ

ބިދޭސީން ގަވާއިދަށް ފައްތަން ބަންގްލަދޭޝްގެ އެހީއަށް އެދިއްޖެ

24 ނޮވެމްބަރ 2021

ރާއްޖޭގައި ގަވާއިދަށް ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގަވާއިދަށް ފެއްތުމުގައި އެހީތެރިވެދިނުމަށް އެ ގައުމުގެ އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް މިނިސްޓަރު އިމްރާން އަހުމަދުގެ ކިބައިން ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި ގަވާއިދަށް ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން ގަވާއިދަށް ފެއްތުމުގައި އެހީތެރިވެދިނުމަށް އެ ގައުމުގެ އެކްސްޕެޓްރިއޭޓްސް ވެލްފެއާ އެންޑް އޯވަސީސް އެމްޕްލޯއިމަންޓް މިނިސްޓަރު އިމްރާން އަހުމަދުގެ ކިބައިން ނައިބް ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފި އެވެ.

ބަންގަލްދޭޝްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފައިސަލް ވަނީ އެ ގައުމުގެ ބޮޑުވަޒީރުގެ އެޑްވައިޒަރާއި ވަޒީރުންނާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

އެކްސްޕެޓްރިއޭޓްސް ވެލްފެއާ މިނިސްޓަރާ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މަސައްކަތްތެރިން ވީ އެންމެ އަވަހަކަށް ރެގިއުލަރައިޒް ކުރުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުންގެ ބޭނުން މިހާރަށް ވުރެ ފަސޭހައިން ހިފުމުގެ ފުރުސަތު އޮތުމުން އެ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމުގައި އެހީއަށް އެދިވަޑައިގަތެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ބައްދަލުވުމުގައި ވަނީ މުވައްޒަފުންގެ "ކްރިޓިކަލް ސްކިލް" އިތުރުކުރުމަށް ޓެކްނިކަލް ޓްރެއިނިން އާއި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކާއި ވޯކް އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމުގައި ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަަށް ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފަ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އެޑްވައިޒަރު ސަލްމާން ރަހްމާނާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ ލާމަރުކަޒީ އުސޫލުން ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް ދިވެހި ސަރުކާރުން އިސްކަންދެމުން އަންނަ ކަމަށާއި ސިއްހީ ހިދުމަތުގެ އެކި ދާއިރާތަކުން ހާއްސަ ވެގެން، ފަންނީ އަދި ވޮކޭޝަނަލް ތަމްރީނާއި، މަތީ ތައުލީމުގެ ފުރުސަތުތައް ވެސް ރާއްޖެއަށް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖެއަށް ފޯރުކޮށްދިނުމުގައި ގުޅިގެން މަސައްކަތްކުރުމަށް ހުރި ފުރުސަތުތަކާ ގުޅިގެން ވެސް މަޝްވަރާކުރެއްވި އެވެ. ރައީސް އޮފީހުން ބުނީ ބަންގްލަދޭޝްގެ ޔޫތު މިނިސްޓަރު އެމްޑީ ޒާހިދު އަހްސަން ރަސަލްއާ ބައްދަލުކުރައްވައި ނައިބު ރައީސް ވަނީ ކުޅިވަރު ދާއިރާ ތަރައްގީކުރުމަށް، އެތުލީޓުންނަށް ހާއްސަ ޓްރެއިނިން ކޭމްޕްތަކާއި، ކުޅިވަރުގެ ދާއިރާގެ އެކި ފަންނުތަކުން ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުންތަކާ ބެހޭ މަޝްވަރާ ވެސް ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކްރިކެޓް އަލުން ކުރިއެރުވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއިރު އެމަނިކުފާނު ވަނީ ރާއްޖޭގައި ކުޅުމަށް އޯލް ސިސްޓާ ބަންގްލަދޭޝްގެ ކްރިކެޓް ޓީމެއް މިހާރު ރާއްޖެ އަތުވެއްޖެ ނަމަ ކުޅިވަރުގެ ރޮނގުން ކުރިއަރާފައިވާ ޒުވާނުންނާއި، އަމިއްލަ ފަރުދުންގެ ސަމާލުކަން ކްރިކެޓަށް ލިބިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދީޕޫ މޮނީ އާ އެކު އޮތް މަޝްވަރާ ބައްދަލުކުރެއްވުމުގައި ސިއްހީ ދާއިރާއާއި އިންޖިނިއަރިން ފަދަ ދާއިރާތަކުން ހާއްސަ ތައުލީމީ ފުރުސަތުތައް އިތުރުކުރުމަށާއި، ތައުލީމީ ރެގިއުލޭޓަރީ ބޮޑީތަކުގައި ސްޓޭންޑާޑް ޕްރެކްޓިސްތައް އުފެއްދުމަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމަށް ބަންގްލަދޭޝް ސަރުކާރުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަން ފާހަގަކުރެއްވި އެވެ.

ފައިސަލް ވަނީ ބަންގްލަދޭޝްގެ ރައީސްގެ އަރިހަށް ވެސް އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފަ އެވެ. ބަންގަލަދޭޝްގެ ރިޔާސީ ގަނޑުވަރުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ފައިސަލް އާއި އެ ގައުމުގެ ރައީސް ވަނީ ދެ ގައުމުގެ ދެމެދު އެއްބާރުލުން އިތުރުކުރުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.