Roadha Mihaaru
ހަސީނާ  ވަޑައިގެންފި، ރަސްމީ ބައްދަލުވުންތައް މާދަމާ

ބޮޑުވަޒީރު ހަސީނާ ރާއްޖެ ވަޑައިގެންފި، ރަސްމީ ބައްދަލުވުންތައް މާދަމާ

22 ޑިސެމްބަރ 2021

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، މީގެ ކުޑައިރުކޮޅެއް ކުރިން ހަސީނާ ވަޑައިގަތުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ ފޮރިންް މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރު އަހުމަދު ހަލީލެވެ.

ބަންގްްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެންނެވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް

ބަންގްްލަދޭޝްގެ ބޮޑުވަޒީރު ޝައިޚު ހަސީނާ މިއަދު ރާއްޖެއަށް ވަޑައިގެންނެވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް

އެއާޕޯޓުން ހަސީނާ ވަޑައިގަތީ މަޑުކުރައްވަން ހަމަޖެހިފައިވާ ރިސޯޓަށެވެ. ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ހަސީނާގެ ދަތުރުފުޅުގެ ރަސްމީ އެއްވެސް ހަރަކާތެއް މިއަދަކު ނޯންނާނެ އެވެ. މި ދަތުރުފުޅުގެ ރަސްމީ ބައްދަލުވުންތައް އޮންނާނީ މާދަމާ ކަމަށް ވާތީ ހަސީނާ މާލެއަށް ވަޑައިގަންނަވާނީ ހެނދުނު އެވެ. ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަތަކާއި ރައްޔިތުންގެ މަޖިލީހުގައި ހަސީނާ ތަގުރީރު ކުރެއްވުން ވެސް މާދަމާ އޮންނާނެ އެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ހަސީނާގެ ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރާ އިރު މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމަކީ މިހާރު ވެސް ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތައް ކަން ރައީސް އޮފީހުން އޭރު ފާހަގަކުރި އެވެ.

"ދެ ގައުމުގެ ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާ އެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާ ވެގެންދާނެ އެވެ،" ރައީސް އޮފީހުން މިދިޔަ ހޯމަދުވަހު ބުންޏެވެ.

ބަންގްލަދޭޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި ހަސީނާގެ ދަތުރުގައި އެ ގައުމުން ސިއްހީ ދާއިރާގެ މާހިރުން ގެންނަން ރާއްޖެއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ވަޑައިގެންނެވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ވަޑައިގެންނެވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އޭނާއަށް މަރުހަބާ ވިދާޅުވަނީ. ފޮޓޯ: ރައީސް އޮފީސް

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޫމިންއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ބުނީ، ރާއްޖެއާ އެކު ސޮއިކުރަން ނިންމާފައިވާ އެއްބަސްވުންތަކުގެ ތެރޭގައި ބައެއް ޓެކްސްތައް ލުއިކުރުމާއި ކުށްވެރިން ބަދަލުކުރުމާއި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ކަމަށެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ މެދުގައި ހާރިޖީ ގުޅުން ގާއިމްކުރީ ސެޕްޓެމްބަރު، 22، 1978 ގަ އެވެ.