Roadha Mihaaru
ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖަށް

މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ މުވައްޒަފުން އިހުތިޖާޖަށް

09 ނޮވެމްބަރ 2021

ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ސަރުކާރުން ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހިގެން ބައެއް ރިސޯޓުތަކުގެ ބައެއް މުވައްޒަފުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ދެ ރިސޯޓެއްގެ ބައެއް މުވައްޒަފުން ރޭ ހިތްހަމަނުޖެހުމުގެ ޝުއޫރު ފާޅު ކޮށްފައިވާއިރު، އެ މީހުން ހިފައިގެން ތިބި ބައެއް ޕޯސްޓަރުތަކުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިސްތިއުފާއަށް ގޮވާލާފައިވެ އެވެ. އަދި ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައެޅި އަދަދަށް ވުރެ ބޮޑަށް ފައްޔާޒު މިިނިމަމް ވޭޖް ކުޑަކުރެއްވުމުން އެކަމުގެ ކަންބޮޑުވުންތައް ވެސް ފާޅުކޮށްފައިވެ އެވެ.

ރިސޯޓު މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ސަރުކާރުން ވައުދުވި ގޮތަށް މިނިމަމް ވޭޖް 10،000ރ. އަށް ބޮޑު ނުވުމެވެ.

ރޭގައި މުޒާހަރާ ކޮށްފައިވަނީ ދުސިތް ތާނީ އާއި މެރިއޮޓްގެ ވެސްޓިންގަ އެވެ. ރިސޯޓު މުވައްޒަފުންގެ ޖަމިއްޔާ ޓީމުން ބުނީ މިރޭ ވެސް އިތުރު ރިސޯޓުތަކުން ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާ ކުރާނެ ކަމަށެވެ.

ސަރުކާރުން އިއުލާނުކުރި މިނިމަމް ވޭޖުގައިވާ ގޮތުން ކުދި ވިޔަފާރިތަކަށް 4،500ރ. ލިބޭނެ އެވެ. އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިވިލް ސާވިސްގެ އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 7،000ރ. ވަނީ ކަނޑައަޅައިފަ އެވެ. އެންމެ ބޮޑެތި ވިޔަފާރިތަކުގެ މިނިމަމް ވޭޖަކީ 8،000ރ. އެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައިވާ ގޮތުން އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ރިސޯޓުތައް ހިމެނޭނެ އެވެ. އެހެން ކަމުން ގިނަ ރިސޯޓުތަކެއްގެ މިނިމަމް ވޭޖަކަށް 8،000ރ. ލިބޭނެ އެވެ. އެކަމަކު، މިއީ ވޭޖް ބޯޑުން ކަނޑައެޅި ވަރަށް ވުރެ 900ރ. ކުޑަ އަދަދެކެވެ.