Roadha Mihaaru
ރިސޯޓް މުވައްޒަފުންގެ ދަށް މުސާރަ އަށް 10،000ރ.

ރިސޯޓް މުވައްޒަފުންގެ ދަށް މުސާރަ އަށް 10،000ރ. ޖެހޭ

06 އޮކްޓޯބަރ 2021

ރިސޯޓް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ ވަރަކީ ގަޑިއަކަށް 42.79ރ. ކަމަށް ހަމަޖެއްސުމަކީ، ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ އަދަދު ބަލައިގަންނަ ކަމަށް ޓީމް އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރިސޯޓް މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ ވަރަކީ ގަޑިއަކަށް 42.79ރ. ކަމަށް ހަމަޖެއްސުމަކީ، ރިސޯޓްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ އަދަދު ބަލައިގަންނަ ކަމަށް ޓީމް އިން ބުނެފި އެވެ.

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޓީމްގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާކިރު (މާއްޓެ) ވިދާޅުވީ އެ ޖަމިއްޔާ އިން މީގެ އަހަރުތަކެއް ކުރިން ފެށިގެން ވެސް ވަކާލާތު ކުރަމުން އައީ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

މިނިމަމް ބޯޑުން ނިންމާފައިވާ ގޮތުން، ރިސޯޓްތައް ހިމެނެނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގަ އެވެ. އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގައި ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކެވެ. އެތަންތަނުން ކޮންމެ ގަޑިއަކަށް 42.79ރ. ދޭން ޖެހޭ އިރު، އެއީ 30 ދުވަހަށް ނުވަތަ މަހަކަށް 10،200ރ. އެވެ.

ޓީމް އިން މި އަދަދު ސިފަ ކުރަނީ، ރިސޯޓް މުވައްޒަފުންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.

މާއްޓެ ވިދާޅުވީ، މިނިމަމް ވޭޖް ބޯޑުން މި ނިންމި ނިންމުމާ އެކު ރިސޯޓު މުވައްޒަފުންގެ މުސާރައިން ބޮޑު ބަދަލެއް ފެންނާނެ ކަމަށެވެ. ސަބަބަކީ މިނިމަމް ވޭޖް ގިންތިކުރި އިރު ރިސޯޓްތައް ހިމެނޭނީ އެންމެ ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ކަމަށް ވާތީ އެވެ.

ރިސޯޓުތަކުގައި އެންމެ ކުޑަ އުޖޫރަ ލިބޭ މުވައްޒަފުންނަކީ ގާޑެނާސް އާއި ޕަބްލިކް އޭރިއާ އެޓެންޑެންޓުންނެވެ. އެ މުވައްޒަފުންނަށް އާންމުކޮށް ލިބެނީ 200 އެއްހާ ޑޮލަރު (3،000ރ.) އެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް ގޮވާލާ ހިންގި ހަރަކާތެއްގެ ތެރެއިން. ރިސޯޓް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައަކަށް 8،900ރ.-

މިނިމަމް ވޭޖެއް ކަނޑައެޅުމަށް ގޮވާލާ ހިންގި ހަރަކާތެއްގެ ތެރެއިން. ރިސޯޓް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައަކަށް 8،900ރ.-

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. ދެހާސް ފަނަރައިން ފެށިގެން އަޅުގަނޑުމެން އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައި ކަންތައް މިއީ. ރިސޯޓުގެ ހުރިހާ މުވައްޒަފުން ވެސް މިގެނައި ބަދަލާ މެދު ހިތްހަމަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓާގެ އެންމެ ކުޑަ އުޖޫރަ ގިންތި ކޮށްފައިވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކުދި ވިޔަފާރިތަކާއި މެދުފަންތި، އަދި އެންމެ ބޮޑެތި ވިޔަފާރިތަކެވެ.

މިނިމަމް ވޭޖް ބޯޑުން ނިންމާފައިވާ ނިންމުން ތަންފީޒު ކުރަން ފަށާނީ އިކޮނޮމިކް މިނިސްޓަރު އެ ލަފާ އެޕްރޫވް ކުރެއްވުމުންނެވެ.