Roadha Mihaaru
ފުލުހުން ލައްވައި ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ

ރިސޯޓްތަކަށް ފުލުހުން އަރައި މިނިމަމް ވޭޖް ތަންފީޒުކުރާ ހާލަތަށް ނުދާނެ: ފައްޔާޒް

08 ނޮވެމްބަރ 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅި މިނިމަމް ވޭޖް ތަންފީޒުކުރުމާ މެދު ސުވާލު އުފެދުނަސް ރިސޯޓްތަކަށް ފުލުހުން އަރުވައި މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅި މިނިމަމް ވޭޖް ތަންފީޒުކުރުމާ މެދު ސުވާލު އުފެދުނަސް ރިސޯޓްތަކަށް ފުލުހުން އަރުވައި މިނިމަމް ވޭޖް ތަންފީޒުކުރަން ޖެހިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް އިއުލާންކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ މި ވާހަކަ ދައްކާތާ އެތައް އަހަރެއް ފަހުން ވޭޖް ކަނޑައެޅުމުން ވެސް ހިތްހަމަނުޖެހުންތަކެއް ހުރެދާނެ ކަމަށެވެ. އެކަމަކު ޖުމްލަކޮށް މިނިމަމް ވޭޖުން އެންމެންނަށް އޮތީ ފައިދާ ކަމަށާއި މިކަމާ މެދު ހިތްހަމަނުޖެހުމެއް އުޅޭ ނަމަ ދައްކަން ޖެހޭނީ އަންނަ ރިޔާސީ އިންތިހާބުގެ ވޯޓުން ކަަމަށް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ރާއްޖޭގައި ތަންފީޒު ވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މިހާރު އޮތް އުސޫލުގައިވާ ގޮތުން މިނިމަމް ވޭޖް ނުދޭ ފަރާތްތަކުގެ މައްސަލަ ހުށަހަޅަން ޖެހޭނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރު ފައްޔާޒަށް ލަފާ ދެއްވީ މިދިޔަ މަހު އެވެ. އެ ބޯޑުގެ ލަފަޔާ ގުޅިގެން މަޓީން ވަނީ ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ފައްޔާޒު ވިދާޅުވީ މަޓީގެ ކަންބޮޑުވުން ބަލައިގަތް އިރު މިނިމަމް ވޭޖް ފައިނަލް ކުރީ ވެސް އެކަންކަމަށް ބަލައިގެން ކަމަށެވެ.

"ހުރިހާ ރިސޯޓުތަކަކީ ފައިދާވާ ރިސޯޓުތަކެއް ވެސް ނޫން. 50 އަކަށް ރިސޯޓު އެބައޮތް ރަނގަޅަށް ފައިދާވާ. އަދި 50 އަކަށް ރިސޯޓު އެބައޮތް ކޮވިޑުން ލިބުނު ގެއްލުމުން އަރައިނުގަނެވި. އެ މީހުންނަށް އިތުރު ކޮސްޓް ބާޑަންއެއް މިއަންނަނީ. އަޅުގަނޑުމެންގެ ސަރުކާރަށް އެމީހުންނަށް ލުއިތަކެއް ދޭނެ ގޮތްތަކެއް ވެސް އޮތީކީ ނޫން،" އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖް އިއުލާނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މިއީ ވިޔަފާރިތަކަށް އިތުރުވާ ހަރަދެއް ކަމަށް ސަރުކާރަށް އެނގޭ ކަމަށް މިނިސްޓާ ފައްޔާޒު ވިދާޅުވި--ފޮޓޯ: ފަޔާޒް މޫސާ/މިހާރު

މިނިމަމް ވޭޖް އިއުލާނުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. މިއީ ވިޔަފާރިތަކަށް އިތުރުވާ ހަރަދެއް ކަމަށް ސަރުކާރަށް އެނގޭ ކަމަށް މިނިސްޓާ ފައްޔާޒު ވިދާޅުވި--ފޮޓޯ: ފަޔާޒް މޫސާ/މިހާރު

އިކޮނޮމިކް މިނިސްޓަރު މިއަދު އިއުލާނުކުރި މިނިމަމް ވޭޖް ބެހިފައިވަނީ ހަތަރު ބަޔަށެވެ. ކުދި ވިޔަފާރިތަކަށް މިނިމަމް ވޭޖެއްގެ ގޮތުގައި 4،500ރ. ކަނޑައަޅާފައިވާ އިރު އެންމެ ބޮޑެތި ވިޔަފާރިތަކަށް ކަނޑައަޅާފައިވަނީ 8،000ރ. އެވެ. ސިވިލް ސާވިސް މުވައްޒަފުންނާއި މެދު ފަންތީގެ ވިޔަފާރިތަކުގެ މިނިމަމް ވޭޖެއްގެ ގޮތުގައި 7،000ރ. ކަނޑައަޅާފައިވެ އެވެ.

އޭނާ ވިދާޅުވީ، ވިޔަފާރި މިނިމަމް ވޭޖާ އެކު ވިޔަފާރިތަކަށް ވެސް ބޮޑު ހަރަދެއް ހޭދަވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ބައެއް ރިސޯޓުތަކުގެ ހަރަދު 26 މިލިއަން ރުފިޔާއަށް މިނިމަމް ވޭޖާ އެކު ބޮޑުވާނެ ކަމަށް އަންދާޒާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިކަން ލުއި ކޮށްދިނުމަށް ސަރުކަރުގެ ތެރެއިން ވިޔަފާރިތަކަށް އިތުރު ލުއި ގޮތްތައް ގެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ސަރުކާރުން ދޭން ޖެހޭ ހިދުމަތްތައް އަވަސް ކުރުން ހިމެނެ އެވެ.

"އެބޭފުޅުން [ރިސޯޓް ހިންގާ ފަރާތްތަކުން] ވެސް އާންމު ރައްޔިތުން ވެސް، ވަޒީފާ އަދާކުރައްވާ ފަރާތްތަކުން ވެސް އަޅުގަނޑުމެން މި ނިންމި ނިންމުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ ވޯޓުން އެކަން ނިންމީމަ އޮންނާނީ ރަނގަޅަށް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޓީގެ ކަންބޮޑުވުންތަކެއް ހުއްޓަސް ސަރުކާރުގެ ނިންމުމަށް އެ ބޭފުޅުން ވެސް ތަބާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ. އޭނާ އެދިވަޑައިގަތީ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހުންތައް ހުރި ނަމަ ވޯޓުން އެކަން ދެއްކުމަށް. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއިލް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ. އޭނާ އެދިވަޑައިގަތީ މިނިމަމް ވޭޖާ މެދު ހިތްހަމަނުޖެހުންތައް ހުރި ނަމަ ވޯޓުން އެކަން ދެއްކުމަށް. --ފޮޓޯ:ފަޔާޒް މޫސާ/މިހާރު

"އޮޓަމޭޓް ކޮށްގެން ހިދުމަތްތައް ދިނުން އަވަސް ކުރަން އެބަ ވިސްނަން. ހަމައެއާއެކު ބޭނުން ނޫން ގަވައިދުތަކާއި ރިކުއާމަންޓްތައް އުވާލަން. މިސާލަކަށް ޓޫރިޒަމް މިނިސްޓްރީން އެބަ މަސައްކަތް ކުރަން ރިސޯޓު ލައިސަންސް ފަސް އަހަރަށް ދިނުމުގެ ބަދަލުގައި ލީޒް ޕީރަޑްއަށް ދޭން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރިސޯޓު ކުލި ކުޑަ ނުކޮށްދީ ހުރި ފަރާތްތަކަށް އިތުރަށް ކުލި ކުޑަކޮށްދޭން ވަނީ ހަމަޖެހިފަ އެވެ.

ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖާ އެކު ވިޔަފާރިތަކަށް ކުރިމަތިވާ އުނދަގޫތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަންކަން ކުރާނީ ކޮން ގޮތަކަށް ކަމެއް ކަނޑަނާޅާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯނުތަކަށް މިއާ ގުޅިގެން ވަކި ލުއި ދިނުމުގެ ވިސްނުމެއް ނެތް. އެހެން ނަމަވެސް އަބަދުވެސް ލުއި ދެވެން އޮތް ހާލަތެއްގައި ކޮންމެހެން މިނިމަމް ވޭޖް ނޫނަސް އެހީވާނަން. އަޅުގަނޑުމެންގެ ދައުލަތުގެ ފެންވަރު ހުރި ގޮތުންތާ އެ ކަމެއް ކުރެވޭނީ. އަޅުގަނޑުމެންގެ ދައުލަތް މުއްސަދި ނަމަ ހިލޭ އެފައިސާ ދިނީސް،" އޭނާ ވިދާޅުވި އެވެ.