Roadha Mihaaru
900ރ. މަދު، ރިސޯޓް މުވައްޒަފުން ހިތްހަމައެއްނުޖެހޭ

900ރ. މަދު، ރިސޯޓް މުވައްޒަފުން ބުނަނީ އިންސާފެއް ނޫނޭ!

09 ނޮވެމްބަރ 2021

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ގަދައަށް ވަކާލާތު ކުރި އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިނިމަމް ވޭޖެގެ ނަން ވެސް "ހޭލައްވާލީ" އެ މީހުންނެވެ. އެ މީހުން އަބަދުވެސް ބުނަމުން އަންނަނީ ރިސޯޓްތަކަށް ލިބޭ އާމްދަނީ އަށް ބަލާއިރު، އެ މީހުންނަށް އެންމެ މަދުވެގެން ވެސް ހައްގު މިންވަރަކީ މަހަކަށް 600 ޑޮލަރު ކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ ގަދައަށް ވަކާލާތު ކުރި އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މިނިމަމް ވޭޖެގެ ނަން ވެސް "ހޭލައްވާލީ" އެ މީހުންނެވެ. އެ މީހުން އަބަދުވެސް ބުނަމުން އަންނަނީ ރިސޯޓްތަކަށް ލިބޭ އާމްދަނީ އަށް ބަލާއިރު، އެ މީހުންނަށް އެންމެ މަދުވެގެން ވެސް ހައްގު މިންވަރަކީ މަހަކަށް 600 ޑޮލަރު ކަމަށެވެ.

އެކަމަކު މިނިމަމް ވޭޖް އިއްޔެ ކަނޑައެޅި އިރު އެވަރެއް ނުވެ އެވެ. ޓޫރިޒަމް ދާއިރާ އަކީ އެންމެ މަތީ ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ވިޔަފާރިއަކަށް ވިޔަސް، އެންމެ ދަށް މުސާރައިގެ ގޮތުގައި ހަމަޖެހުނީ މަހަކަށް 8،000ރ. އެވެ. މިއީ، މިނިމަމް ވޭޖް ބޯޑުން ލަފާ ދިން ވަރަށް ވުރެ 900ރ. މަދު އަދަދެކެވެ.

އެހެންވެ، މި އަދަދަކީ އެންމެ ރަނގަޅު އަދަދު ނޫން ކަމާއި، އެއީ ހައްގު މިންވަރު ނޫން ކަމަށް ބުނެ، މި ރިޕޯޓަށް ވާހަކަ ދެއްކި ބައެއް މުވައްޒަފުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ރާއްޖޭގެ ނަން މަޝްހޫރު ރިސޯޓެއްގައި މަސައްކަތް ކުރާ ތޯހާ ނަސީމު ބުނީ، ރިސޯޓުތަކުގެ މުވައްޒަފުންނަށް ވައުދުވި ވަރު ސަރުކާރަށް ހަމަޖައްސައި ނުދެވުނު ކަމަށެވެ. އެކަމަކު އޭނާ ބުނީ ބޯޑުގެ ނިންމުން ރަނގަޅު ކަމަށާއި އެ އަދަދު ބަދަލު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިނިމަމް ވޭޖު އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިނިމަމް ވޭޖް ގަރާރު"ގައި ސޮއިކުރައްވަނީ -.. ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މިނިމަމް ވޭޖު އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް "މިނިމަމް ވޭޖް ގަރާރު"ގައި ސޮއިކުރައްވަނީ -.. ފޮޓޯ: ފަޔާޒް މޫސާ /މިހާރު

މިނިމަމް ވޭޖް އިއުލާންކުރި އިރު ގެނައި ބަދަލުތަކާ ދޭތެރޭ، ޓޫރިޒަމް ދާއިރާގެ ޖަމިއްޔާ "ޓީމް" ގެ ވެސް ހިތްހަމަނުޖެހުން އެބައޮތެވެ. އެތަނުން ވެސް ދެކެނީ ބޯޑުން ދީފައިވާ ލަފައާ އެއްގޮތަށް ސަރުކާރުން ނިންމި ނަމަ މުވައްޒަފުންގެ މުސާރަ އަށް ހެޔޮ ބަދަލެއް އައީސް ކަމަށެވެ. ހަމަ އެގޮތަށް މިނިމަމް ވޭޖާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށް ބައެއް ރިސޯޓްތަކުގައި ވެސް މުވައްޒަފުން އަންނަނީ ހިތްހަމަނުޖެހުންތައް ފާޅުކުރަމުންނެވެ. ރިސޯޓްތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ސޯޝަލް މީޑިއާ އަށް އެ މީހުންގެ އިހުސާސްތައް ބަންޑުކޮށްލި އެވެ.

"މިއީ އިންސާފެއް ނޫން. އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ކަންމަތީ ފިހާރައެއްގައެއް ނޫން. ދުނިޔޭގެ ފެންވަރުގެ އެންމެ މަތީ ރިސޯޓްތަކުގައި. މިތަނުގައި ދޭ މުސާރަ ވެސް ވާން ޖެހޭނީ އެކަށީގެންވާ އަދަދަކަށް،" ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފަކު ކުރި ޕޯސްޓެއްގައި ވެ އެވެ.

ހައްގުތައް ދޭން ގޮވާލައި ރިސޯޓް މުވައްޒަފުންތަކެއް ފިނޮޅެއްގައި ޝުއޫރު ފާޅުކުރަނީ -- ފައިލް ފޮޓޯ

ހައްގުތައް ދޭން ގޮވާލައި ރިސޯޓް މުވައްޒަފުންތަކެއް ފިނޮޅެއްގައި ޝުއޫރު ފާޅުކުރަނީ -- ފައިލް ފޮޓޯ

އެހެން މުވައްޒަފަކު ބުނީ ވޭޖް އެޑްވައިޒަރީ ބޯޑުގެ ނިންމުން ތަންފީޒު ކުރި ނަމަ، ޓޫރިޒަމް ދާއިރާގެ 70 ޕަސެންޓް ދިވެހި މުވައްޒަފުންނަށް އޭގެ ބަދަލުތައް މުސާރައިން ފެންނާނެ ކަމަށެވެ.

"މީ ހަމަ ރިސޯޓު މުވައްޒަފުންގެ މޫނުގައި ކޮޅުފައިން ޖެހުން ފަދަ ކަމެއް. މިހާރު އޮތް ގޮތުން ސަރުކާރުގެ ވައުދު ވެސް ނުފުއްދޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ބުނީ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވީ ވައުދު ފުއްދުނު ކަމަށް އެއްވެސް ވަރަކަށް ގަބޫލު ނުކުރާ ކަމަށެވެ. މަޖިލިސް އިންތިހާބުގައި ރިސޯޓު މުވައްޒަފުންގެ މިނިމަމް ވޭޖަކަށް 10،000ރ. ދޭނެ ކަމަށް ވައުދުވެފައިވެ އެވެ.

މުވައްޒަފުންނަށް 12،000ރ. އެއް ނުލިބޭނެ

ރާއްޖޭގެ ރިސޯޓުތައް ބެހިފައިވަނީ އެކި ފަންތިތަކަށެވެ. އެންމެ ލަގްޒަރީ ރިސޯޓުތަކުގައި އާދައިގެ ވަޒީފާތަކުގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކަށް 350-450 ޑޮލަރު ލިބުނު ނަމަވެސް އެންމެ ދަށްފަންތީގެ ރިސޯޓުތަކުގެ އާދައިގެ ވަޒީފާތަކުގެ އަސާސީ މުސާރައަކަށް 150-200 ޑޮލަރު ވެސް ލިބެ އެވެ. މި ގެންނަ ބަދަލާ އެކު އިކޮނޮމިކް މިނިސްޓަރު ވިދާޅުވާ ގޮތުން އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފުންނަށް، ސާވިސް ޗާޖާ އެކު، 12،000ރ. ލިބޭނެ އެވެ. އެހެން ނަމަވެސް ރިސޯޓުތަކުގައި މަސަައްކަތް ކުރާ ބައެއް މުވައްޒަފުން ބުނަނީ މިވަރުގެ މުސާރައެއް ލިބޭނީ މަދު ރިސޯޓެއްގައި މަސައްކަތް ކުރާ ބަޔަކަށެވެ.

"ހަމަ ގައިމުވެސް ހޮނޑާފުށި، ދޮންވެލި ފަދަ ތަންތަނުގައި އުޅޭ މީހުންނަށް އެވަރެއް ނުލިބޭނެ. އެއީ ކަނޑައެޅިގެން އޮޅުވާލުމެއް،" ރިސޯޓު މުވައްޒަފަކު ބުންޏެވެ.

މިނިމަމް ވޭޖް އިއުލާންކުރުން ލަސްވެގެން ކުރިން ބަޔަކު ހަޅުތާލު ކުރަނީ -- ފައިލް ފޮޓޯ

މިނިމަމް ވޭޖް އިއުލާންކުރުން ލަސްވެގެން ކުރިން ބަޔަކު ހަޅުތާލު ކުރަނީ -- ފައިލް ފޮޓޯ

މިިނިސްޓަރުގެ ވާހަކަ އަށް ރައްދު ދެމުން ރިސޯޓެއްގެ މެނޭޖަރަކު ބުނީ، ދިވެހި އަދި ލަންކާ މީހުން ހިންގާ އާދައިގެ ރިސޯޓުތަކުން ވެސް މިނިމަމް ވޭޖަކަށް 8،000ރ. ލިބުނު ނަމަވެސް އެލަވަންސްތަކާ އެކު 12،000ރ. ހަމަނުވާނެ ކަމަށެވެ.

"މި ލިބެނީ 200 ޑޮލަރު ބޭސިކް މުސާރަ އަށް. ދެން ސާވިސް ޗާޖަށް ލޯ ސީޒަންގައި ލިބޭނީ 75 ޑޮލަރު ވެސް. ސަތޭކަ ޑޮލަރު ގިނަ ފަހަރަށް ހަމަ ނުވާނެ. އެހެންވީމަ 12،000ރ. ހަމަވުމަކީ ވާނެ ކަމެއް ނޫން،" އޭނާ ބުންޏެވެ.

އޭނާ ބުނީ 12،000ރ. ހަމަވާނީ ހަމައެކަނި ލަގްޒަރީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް އެކަނި ކަމަށެވެ.

މިނިމަމް ވޭޖް އިއުލާންކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒު ވިދާޅުވީ، މިނިމަމް ވޭޖްގެ ގޮތުގައި މަހަކަށް 8،000ރ. ހަމަޖެއްސުމާ އެކު، ސާވިސް ޗާޖާ އެކު ރިސޯޓް މުވައްޒަފުންނަށް މަހަކު 12،000ރ. ލިބޭނެ ކަމަށެވެ. މި މިނިމަމް ވޭޖްގެ ސަބަބުން ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ 16،000 ދިވެހިންގެ ތެރެއިން 13،000 މީހުންނަށް ފައިދާވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

އެޑްވައިޒަރީ ބޯޑުން ކަނޑައެޅި މިިނިމަމް ވޭޖަކީ ވެސް ސަރުކާރުގެ ހުށަހެޅުމެއް

ވޭޖް އެޑްވައިޒަރީ ބޯޑުގެ މަސަައްކަތްތެރިން ތަމްސީލު ކުރައްވާ ޓީމްގެ ސެކްރެޓަރީ ޖެނެރަލް މަރުޒޫގް ޒާކިރް (މާއްޓެ) ވިދާޅުވީ، އެޑްވައިޒަރީ ބޯޑުން ފާސްކުރި އަދަދުތަކަކީ ވެސް ސަރުކާރުން އޭރު ހުށަހެޅި ހުށަހެޅުމެއް ކަމަށެވެ. އެހެން ނަމަވެސް އަނެއްކާ ވެސް އެއަށް ބަދަލު ގެނައުމަކީި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓަރު މި ބަދަލުތައް ގެންނެވުމަށް ފަހު ބޯޑަށް އަންގަވާ ވެސް ނުލައްވާ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ގާނޫނުގައިވާ ގޮތުން ވޭޖް ބޯޑުން ނިންމާ ނިންމުމަށް ރިޔާއަތްކޮށް މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ބާރު ދީފައި އޮތީ އިކޮނޮމިކް މިނިސްޓަރަށެވެ. މާއްޓެ ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެއިން އެތައް ބަޔަކަށް ފައިދާވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ބޮޑު އަދަދެއް ދެވެން އޮއްވާ ކުޑަ އަދަދެއްް ދޭން ނިންމުމުން އެއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިމަމް ވޭޖް ބޯޑުން ލަފާ ދިން ވަރަށް ވުރެ 900ރ. މަދުން ރިސޯޓުތަކުގެ ބައެއް މުވައްޒަފުންނަށް ދޭން ނިންމުން އިއްޔެ އިހުތިޖާޖު ކުރަނީ.

މިނިމަމް ވޭޖް ބޯޑުން ލަފާ ދިން ވަރަށް ވުރެ 900ރ. މަދުން ރިސޯޓުތަކުގެ ބައެއް މުވައްޒަފުންނަށް ދޭން ނިންމުން އިއްޔެ އިހުތިޖާޖު ކުރަނީ.

މިކަން ތަންފީޒު ވާނެތަ؟

މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި މިހާރު އޮތް ގޮތުން ހަމައެކަނި ބާރު އޮތީ ޓްރައިބިއުނަލާއި ކޯޓުތަކަށެވެ. މިކަމަށް އިކޮނޮމިކް މިނިސްޓްރީން އިންޓަވީންކޮށްގެން މައްސަލަތައް ބަލާ މިނިމަމް ވޭޖަށް ތަބާ ނުވާ ކުންފުނިތަކަށް ފިޔަވަޅު އެޅުމުގެ ޕްލޭނެއް މިވަގުތަކު ނެތެވެ.

ރިސޯޓު މުވައްޒަފަކު ބުނީ މި ވަގުތު ވެސް ޓޫރިޒަމް ދާއިރާ އަށް ކަނޑައަޅާފައިވާ ގިނަ ގަވައިދުތަކަށް އަމަލު ނުކުރާ އިރު މިނިމަމް ވޭޖް ވެސް ތަންފީޒު ވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"މިއުޅެނީ ސާވިސް ޗާޖު ވެސް އޮންނަ އުސޫލުގެ ތެރެއިން ނުދީގެން. ދިވެހި މުވައްޒަފުން ގެންގުޅެން ޖެހޭ ވަރަށް ނުގެންގުޅޭ. ދެން މިނިމަމް ވޭޖް ތަންފީޒު ކުރާނެ ކަމަށް އެއްވެސް ވަރަކަށް ގަބޫލެެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.

ޓްރައިބިއުނަލްތައް މެދުވެރިކޮށް މިކަމަށް އިންސާފު ހޯދަންޏާ މުވައްޒަފުންނަށް އިންސާފު ނުލިބި އެތައް ދުވަހަކު އުޅެން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ރިސޯޓްތަކުގެ ބައެއް މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިނިމަމް ވޭޖްގެ ބޯޑުން ދިން ލަފާ ބަދަލުކުރީ ރާއްޖޭގެ ބޮޑެތި ބައެއް މަހުޖަނުން އޭގެ ތެރެއަށް ވަދެ އެވެ. އަދި މިއީ ދިވެހި މުވައްޒަފުން ދެކެ "ރުޅި" އަންނަ ރިސޯޓްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެ މީހުން ސިފަ ކުރި އެވެ.

"އެއްވެސް ވަރަކަށް ހިޔެއް ނުކުރަން މިހެން މިކަން ވެދާނެ ކަމަކަށް. މިއީ ހަމަ ސަރުކާރުން ނަމަކަށް ކުރި ކަމެއް،" އޭނާ ބުންޏެވެ.

މިނިމަމް ވޭޖާ މެދު ރިސޯޓު މުވައްޒަފުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިނިމަމް ވޭޖާ އެކު އަންނަ ބަދަލުތައް ފެންނަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ. މިނިމަމް ވޭޖަކީ ރާއްޖެ އަށް މުޅިން އާ އެއްޗެއް ކަމަށް ވާތީ، މިކަމުން މުޅި އިގްތިސާދަށާއި ޓޫރިޒަމް ދާއިރާ އަށް ވެސް އަންނާނެ ހަގީގީ ބަދަލުތައް ފެންނަން ފަށާނީ އެކަމަށް އަމަލު ކުރަން ފަށާ ހިސާބުންނެވެ.

މިނިމަމް ވޭޖްގެ އެންމެ މަތީ ކެޓަގަރީ އަށް ބޯޑުން ދީފައިވާ ލަފާ ބަދަލުވި މައިގަނޑު އެއް ސަބަބަކީ، މިނިސްޓަރު އިއްޔެ ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު ވެސް އެންމެ ރަނގަޅު ވެފައި އަދި ނުވުމާއި ކޮވިޑާ ގުޅިގެން އައި ބަދަލުތަކެވެ. ފައްޔާޒު ވިދާޅުވި ގޮތުގައި މިކަން ފެށުމަށް މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. އެހެންވެ، މިހާރު އޮތް މިނިމަމް ވޭޖަކީ އެންމެން ހިތްހަމަޖެހޭ އެއްޗަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގައި އަޅުގަނޑުމެން މި ބެލީ އިގްތިސާދަށް،" އޭނާ ވިދާޅުވެފައި ވެ އެވެ.