Roadha Mihaaru
އެންމެ ދަށް މުސާރަ އަކީ 4،500ރ.

އެންމެ ދަށް މުސާރައިގެ ގޮތުގައި 4،500ރ. ހަމަޖައްސައި އިއުލާންކޮށްފި

08 ނޮވެމްބަރ 2021

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖްތަކެއް ކަނޑައަޅައި، އެކަން ރަސްމީކޮށް މިއަދު އިއުލާންކޮށްފި އެވެ.

ހޮޓެލް ޖެންގައި މިހާރު ކުރިއަށް ދާ ރަސްމިއްޔާތެއްގައި މިނިމަމް ވޭޖް ގަރާރުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ސޮއިކުރައްވައިފަ އެވެ. ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖް ވަނީ ކަނޑައަޅައިފަ އެވެ.

މިނިމަމް ވޭޖް ކަނޑައެޅި ދާއިރާތަކާއި މިނިމަމް ވޭޖް:

- ކުދި ވިޔަފާރިތަކަށް، މަހަކު 4500ރ.

- މެދު ފަންތީގެ ވިޔަފާރިތަކަށް، މަހަކު 7000ރ.

- ބޮޑެތި ވިޔަފާރިތަކަށް، މަހަކު 8000ރ.

- ސިވިލް ސާވިސް، މަހަކު 7000ރ.

ބޮޑެތި ވިޔަފާރިތަކުގެ ގޮތުގައި ބަލަނީ 100 މުވައްޒަފުންނަށް ވުރެ އިތުރަށް ގެންގުޅޭ، 20 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުނިތަކަށެވެ.

މިނިމަމް ވޭޖް ކަމަށް ބަލައިފައި ވަނީ ފިކްސްޑް އެލަވަންސް އަށެވެ. އޭގެ ތެރޭގައި ފުޑް އެލަވަންސް، ރޯދަ މަހުގެ އިނާޔަތް، އިތުރުގަޑި، ސާވިސް ޗާޖް ކަހަލަ އިންކައިންޑް ބެނެފިޓްސް ނުހިމެނެ އެވެ.

"ފަތުރުވެރިކަމުގައި ހިމެނޭ ގާތްގަނޑަކަށް 13،000 މުވައްޒަފުންނަށް މިއިން ރަނގަޅުވާނެ،" މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިމަމް ވޭޖްގެ ވާހަކަ ދެކެވޭތާ ވިއްސަކަށް އަހަރުވެއްޖެ ކަމަށެވެ. އަދި އެކަން ތަންފީޒު ނުކުރެވި ލަސްވި ލަސްވުމަކީ، މިހާރު އެކަން ކުރަން ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ދަށް މުސާރަ އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންމެ ދަށް މުސާރަ އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އޭރު އެކަން ކުރެވުނު ނަމަ މިހާރު މިކަން ކުރަން އޮތް ގޮންޖެހުންތައް އެހާ ބޮޑެއް ނުވީސް،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު މިކަން އަޅުގަނޑުމެން ފަށާއިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި."

މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަޒީފާ އަދާކުރާ ބައެއް މީހުން، މި އަމުރުގައި ސއިކޮށްފާނެ ކަމާ ދޭތެރޭ ވެސް ޝަކު އުފެދިފައިވާ ކަމަށެވެ.

"ސަބަބަކީ އެކަން އެކި ސަބަބުތަކާ ހެދި ކުރިން އެއްވެސް ސަރުކާރަކަށް ކުރަން ކެރިފައި ނުވާތީ،" އޭނާ ވިދާޅުވި އެވެ.

އެންމެ ދަށް މުސާރަ އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު (މ) އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އަދި ހައުސިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެންމެ ދަށް މުސާރަ އިއުލާން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު (މ) އާއި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އަދި ހައުސިން މިނިސްޓަރު އަސްލަމް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިމަމް ވޭޖް ކަނޑައެޅިއިރު ވަރަށް ބޮޑަށް ވިސްނެވި ކަމަށާއި މިކަމާ ގުޅިގެން އެކި ގޮތްގޮތަށް މަޝްވަރާތައް ކުރެވުނު ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދު އޮތް ގޮތުން އެނގުނީ އެއް ވޭޖެއް ކަނޑައެޅުމުން ދިމާވެދާނެ ހުރަސްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ އަޅުގަނޑުމެން ބަލަން ޖެހުނީ އިގްތިސާދަށް ކިހާވަރެއްގެ މިނިމަމް ވޭޖެއްތޯ ކަނޑައެޅޭނީ،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިއުލާންކުރި މިނިމަމް ވޭޖްގެ އަދަދުތަކަކީ އިގްތިސާދަށާއި ވަޒީފާ އަދާކުރާ އަދި ވަޒީފާ ދޭ ފަރާތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ އަދަދުތަކެއް ކަމަށެވެ.