Roadha Mihaaru
ހިއުމަން ޓްރެފިކިން އަށް މަގު ހުޅުވޭ ނިންމުމެއް!

ބިދޭސީންނަށް އެންމެ ކުޑަ މުސާރަ ކަނޑަނޭޅުމަކީ ހިއުމަން ޓްރެފިކިން ގޯސްވާނެ ކަމެއް: ޖަމިއްޔާތައް

10 ނޮވެމްބަރ 2021

ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑަނޭޅުމަކީ ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބުނެ، މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އިސްލާހުކުރަން ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑަނޭޅުމަކީ ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބުނެ، މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އިސްލާހުކުރަން ޖަމިއްޔާތަކުން މިއަދު ގޮވާލައިފި އެވެ.

ހަތަރު ޖަމިއްޔާއެއް ގުޅިގެން ނެރުނު ބަޔާނުގައި ބުނީ ގައުމެއްގައި ހުންނަ ގަވައިދުތަކާއި ގާނޫނުތަކަކީ އެންމެންނަށް ވެސް ހަމަހަމަކޮށް އެއްވަރަކަށް ތަންފީޒުކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ކަނޑައަޅާ މިނިމަމް ވޭޖުގެ ނިޒާމުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރާ އެންމެން ހިމެނެން ޖެހުނަސް، ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ އެ މީހުންނާ ދޭތެރޭ އޮންނަ ތަފާތުކުރުންތައް އިތުރުވެގެންދާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

"އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އެ މީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ދިވެހި ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމެކެވެ. ބިދޭސީ މަސައްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމެކެވެ،" މިޝަން ފޯ މައިގްރެންޓް ވޯކާސް އާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން ގުޅިގެން ނެރުނު ބަޔާނުގައިވެ އެވެ.

"މީގެ ސަބަބުން ވަޒީފާދޭ ފަރާތްތަކުން، މަސައްކަތްތެރިންނަށް މިނިމަމް ވޭޖް ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ އެވެ،"

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖުތަކެއް ކަނޑައަޅައި، އެކަން މިދިޔަ ހޯމަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އޭގައިވާ ގޮތުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ދިވެހި މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނީ 4،500ރ. އެވެ.

ހަތަރު ކެޓަގަރީއަކުން މިނިމަމް ވޭޖުތަކެއް ކަނޑައެޅި ނަމަވެސް، ބިދޭސީންނަށް މުސާރަ ދޭއިރު އެއިން އެއްވެސް ކަމަކަށް ބަލާކަށް ނުޖެހޭނެ އެވެ.

ހަތަރު ޖަމިއްޔާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ މިނިމަމް ވޭޖެއްގެ ބޭނުމަކީ މަސައްކަތްތެރިން، މަސައްކަތްކުރާ ގައުމުގައި އަބުރުވެރިކޮށް ދިރިއުޅުވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނާޒުކުކަމުގެ ވާހަކަތައް ބާރަށް ދެކެވޭ ދުވަސްވަރެއްގައި، މަސައްކަތްތެރިންނަށް ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ކަނޑައެޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ. ދެކޮޅު ނުޖެހޭ މުސާރައެއް ނުލިބޭ މީހުންނަށް ދުޅަހެޔޮ، ތިމާވެއްޓާ ރައްޓެހި ވެއްޓެއްގައި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބައްޓަންކުރަން ދަތިވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް މިނިމަމް ވޭޖު އިސްލާހުކުރުމަށް އެދިފައިވެ އެވެ.

"މި ސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށް ފުރިހަމަކުރަންޖެހޭ ގާނޫނީ ކަންކަން ފުރިހަމަކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. އަދި މި ގޮތުް ކަނޑައަޅާ އަދަދަކީ ދިވެހިރާއްޖޭގައި ދިރިއުޅެވޭ ވަރުގެ އުޖޫރައެއް ނުވަތަ ލިވަބަލް ވޭޖެއްކަން ޔަގީންކޮށް އެންމެހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.