Roadha Mihaaru
5 އަހަރު ތެރޭގައި 110،000 ބިދޭސީން އެތެރެވި!

5 އަހަރު ތެރޭގައި ރާއްޖެއަށް 110،000 ބިދޭސީން އެތެރެވި: ކޮމިޝަން

24 ޖުލައި 2020

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 110،000 ބިދޭސީން އެތެރެވެފައިވާ ކަމަށާއި އޭގެ ސަބަބުން ނުކުތް މައްސަލަތަކާ ގުޅިގެން ގޮތްތަކެއް ނިންމަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް 110،000 ބިދޭސީން އެތެރެވެފައިވާ ކަމަށާއި އޭގެ ސަބަބުން ނުކުތް މައްސަލަތަކާ ގުޅިގެން ގޮތްތަކެއް ނިންމަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް، އެސެޓް ރިކަވަރީ ކޮމިޝަނުން އިއްޔެ ބުނެފި އެވެ.

ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ 2014-2019 އާ ދެމެދު ރާއްޖެއަށް 110،000 ބިދޭސީން އެތެރެވެފައިވާ ކަމަށެވެ. އެއީ ރާއްޖޭގެ އާބާދީއަށް 25 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބިދޭސީން އެތެރެވުމުން އެ ދުވަސްވަރު އިގުތިސޯދު ކުރި އެރި މިންވަރާއި މީހުން އިތުރުވިވަރާ ހުރި ގުޅުން އެ ކޮމިޝަނުން ބަލާފައި ވެ އެވެ.

މިދިޔަ ހަތަރު ފަސް މަހުގެ ތެރޭގައި ހަގީގަތަށް ވެފައި ހުރި ކަންކަމަކީ ގިނަ އަދަދަކަށް ބިދޭސީން އެތެރެވުމުގެ ސަބަބުން ނުކުތް މައްސަލަތަކެއް ކަމަށް އަސްއަދު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތްކުރެއްވީ، ބިދޭސީންނަށް މުސާރަ ނުދިނުމާއި ސިއްހީ މައްސަލަތަކަށެވެ.

މާލޭގައި ކޮވިޑް-19 ފެތުރެން ފެށި ފުރަތަމަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި، އެ ބަލި އެންމެ ގިނައިން ފެންނަމުންދިޔައީ ތޮއްޖެހިގެން އުޅޭ ބިދޭސީންގެ ފަރާތުންނެވެ. ނަމަވެސް ރައްކާތެރި ތަންތަނަށް ބަދަލުކުރަން ފެށުމުން، ކޮވިޑް ޖެހޭ ބިދޭސީންގެ އަދަދު ދިޔައީ މަދުވަމުންނެވެ.

ބިދޭސީންގެ މުސާރައިގެ މައްސަލައިގައި މީގެ ކުރިން ނުހިނގާ ވަރުގެ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ދިވެހިންގެ ބަޔަކު ރަހީނުވެސް ކުރި އެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން ކުރުވާ ކަމެއް ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

ބ. ބޮޑުފިނޮޅުގައި މި ފަހުން ރިސޯޓެއް ތަރައްގީކުރަމުން އަންނަ ރިޒް ކުންފުނީގެ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނާއި ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓް އިމާރާތްކުރަމުން އަންނަ އައިލެންޑް އެކްސްޕާޓުގެ ގިނަ މުވައްޒަފުންތަކަކަށް މުސާރަ ނުދީގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިންގި އެވެ. އެ ހަމަނުޖެހުންތަކުގައި ބަޔަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ.

ނޮވެމްބަރު 17، 2018 ގައި އުފެއްދި ކޮމިޝަންގެ ރިޕޯޓު އިއްޔެ ރައީސަށް ފޮނުވާފައިވާއިރު، އޭގައި ބިދޭސީންގެ މައްސަލަތައް ވެސް ފާހަގަކޮށްފައި ވެ އެވެ.

"ޕަބްލިކް ހެލްތާ ގުޅުންހުރި މައްސަލަތަކާއި އެމީހުންނަށް މުސާރަ އާއި އުޖޫރަ ނުދިނުމާއި ނުވަތަ އެމީހުން ރަށުން އައުމުގައި އޮޅުވާލުމުގެ ސަބަބުން ހިއުމަން ރައިޓްސް މައްސަލަ ނުކުމެފައި ހުރިކަމާއި މިކަހަލަ މައްސަލަތައް ފާހަގަކޮށްފައި ހުންނާނެ. ހަމައެކަނި ކޮރަޕްޝަން އޭންގަލް އަށް ބަލައިގެން އިމިގްރޭޝަންގައި ތިބި މީހުން އެކަނި ގޯހޭ ދަންނަވައިގެން އެކަނި ވާވަރަށް ވުރެ ބޮޑު މައްސަލައެއް ކަމަށް ފެނިގެން އަޅުގަނޑުމެން ޖުމްލަކޮށް މި މައްސަލައާ ދޭތެރޭގައި ބެލީ،" ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުށުގެ ވެއްޓަށް ބެލި ކަމުގައި ވިއަސް ބިދޭސީންގެ ބައިވެރިވުން ވަރަށް ބޮޑެވެ. އޭގެ ތެރޭގައި ބަދުއަހުލާގީ އަމަލާއި ޑްރަގްގެ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހާ ހަމައަށް އައިރު ގާތްގަނޑަކަށް 65،000 ވަރަކަށް ބިދޭސީން ދައްކަންޖެހޭ ފީއާ އެއްޗެހި ނުދައްކައި އުޅުނު ކަމަށާއި އެއީ ސައްހަ ލިޔެކިޔުން ނެތް ނުވަތަ ގަނޫނާ ހިލާފަށް އުޅޭ މީހުން ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިދޭސީންގެ މައްސަލައިގައި ވަކި ފަރާތެއް ބަދުނާމުކޮށް ވާހަކަދެއްކުމުގެ ބަދަލުގައި އަމިއްލަ ފަރުދެއްގެ ގޮތުގައި ފައިދާވާ ކަމަކީ މުޅި މުޖުތަމައުގެ ގޮތުގައި އެންމެ ފައިދާ ހުރި މަންފާ ހުރި ގޮތްތޯ ބަލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ތިމާއަށް އެންމެ އަގުހެޔޮ ނުވަތަ މޮޅުގޮތް ކަމުގައި ވިއަސް މުޖުތަމައުއެއްގެ އެއީ ގޮތުގައި ވަރަށް ގެއްލުން ހުރި ކަމަކަށްވެ އާހިރުގައި ނިމޭއިރު އެންމެންނަށް އެ ގެއްލުން ލިބެމުންދާ ކަމެއްގެ ގޮތުގައި މިކަން ފާހަގަކުރެވި މިއަށް އަޅުގަނޑުމެން ވާނެ ރަައީސަށް ދަންނަވާފައި ހާއްސަކޮށް މިކަމަށް ވަކިން ގޮތްތަކެއް ނިންމަންޖެހެއޭ. މިއީ އެންމެ މިނިސްޓްރީއެއްގެ މައްސަލައެއް ނޫނޭ،" އަސްއަދު ވިދާޅުވި އެވެ.

ރާއްޖެ އަށް ބިދޭސީ މަސައްކަތްތެރިން އެތެރެކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައި ވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެއް ކަމަށް ފައްޔާޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.

"ކުރިއްސުރެ ވެސް ހިނގަމުން އަންނަ ކަމެއް، އެކަމަކު ބޮޑުތަކުން ގޯސްވެފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުގެ ފަހުކޮޅުގައި. ދެން އަޅުގަނޑުމެން އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކުރަމުން މި އަންނަނީ. ފުލުހުން،" މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވި އެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރު ވެސް ގަވާއިދާ ހިލާފަށް އުޅޭ 3،800 ބިދޭސީން، ކޮވިޑް-19 ގުޅިގެން ފޮނުވާލާފައި ވެ އެވެ. ސައްހަ ލިޔެކިޔުން އޮތަސް އަމިއްލައަށް ބޭނުން ވެގެން ވެސް ބައެއް މީހުން ގައުމަށް ގޮސްފައި ވެ އެވެ. އެހެންވެ މި ކުޑަ މުއްދަތުގެ ތެރޭގައި އަނބުރާ ގައުމަށް ދިޔަ ބިދޭސީންގެ އަދަދު 4،000 އަށްވުރެ އިތުރުވެގެންދާނެ އެވެ. އެ މަސައްކަތުގައި މިއަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.