Roadha Mihaaru
ޖެނުއަރީން ފެށިގެން ލިބޭނީ މިނިމަމް ވޭޖް: ފައްޔާޒު

ޖެނުއަރީން ފެށިގެން ލިބޭނީ މިނިމަމް ވޭޖް: ފައްޔާޒު

21 އޮކްޓޯބަރ 2021

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެންމެންނަށް ވެސް ލިބޭނީ މިނިމަމް ވޭޖް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެއްގޮތަށް، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން އެންމެންނަށް ވެސް ލިބޭނީ މިނިމަމް ވޭޖް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ، މިނިމަމް ވޭޖެއް ކަނޑައަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ. އަންނަ އަހަރުން ފެށިގެން މިނިމަމް ވޭޖެއް ކަނޑައަޅަން ގާނޫނުން ވަނީ ލާޒިމްކޮށްފަ އެވެ.

"ގާނޫނުގައި އޮތް ގޮތަށް 1 ޖެނުއަރީ ﷲ އިރާދަކުރެއްވިއްޔާ އުފަން ވާނީ މިނިމަމް ވޭޖާއެކު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އއ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ވަފުދުގައި އުޅުއްވާ ފައްޔާޒް ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާ ދޭން އޮންނަ މިނިމަމް ވޭޖް ބޯޑުން އެންމެ ކުޑަ އުޖޫރައާ މެދު ގޮތެއް ނިންމީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މީގެ ކުރިން ފައްޔާޒް ވިދާޅުވެފައިވަނީ ވޭޖް ބޯޑުގެ ނިންމުން ލިބުނުހާ އަވަހަކަށް މިނިމަން ވޭޖެއް ކަނޑައެޅޭނެ ކަމަށެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައެޅީ 7،000ރ. އެވެ. އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000ރ. ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000ރ. އެވެ. އަދި އެންމެ ބޮޑެތި ކުންފުނިތަކުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 8،900ރ. އެވެ.

ވޭޖް ބޯޑުން ނިންމާފައިވާ ގޮތުން، ރާއްޖޭގެ ގިނަ ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރިތަކުގެ ތެރޭގައި ކަމަށް ވާތީ ރިސޯޓުތަކުގެ އެންމެ އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް އެންމެ ކުޑަ މުސާރައިގެ 8،900ރ. ލިބޭނެ އެވެ. އެ އަދަދާ މެދު ކަންބޮޑުވާކަން ރިސޯޓުތައް ހިންގާ ފަރާތްތަކުން ފާޅުގައި ހާމަނުކުރި ނަމަވެސް "މިހާރު"އާ ވާހަކަދެއްކި ބައެއް ވިޔަފާރިވެރިން ވަނީ މިއީ އިންސާފުވެރި އަދަދުތަކެއް ނޫން ކަމަށް ބުނެފަ އެވެ. އަދި އެފަރާތްތަކުގެ ކަންބޮޑުވުންތައް މިހާރު ވަނީ ޓޫރިޒަމް މިނިސްޓަރަށް ވެސް ހުށަހަޅައިފަ އެވެ.