Roadha Mihaaru
މިނިމަމް ވޭޖް 15 ވަރަކަށް ދުވަސްތެރޭ ކަނޑައެޅޭނެ

ފައްޔާޒު ވިދާޅުވަނީ 15 ވަރަކަށް ދުވަސް ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެކަމަށް

01 މާޗް 2020

މަޖިލީހުގެ ލަފާ ލިބި 15 ވަރަކަށް ދުވަސް ތެރޭ މިނިމަމް ވޭޖް ކަނޑައެޅޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މަޖިލީހުގެ ލަފާ ލިބި 15 ވަރަކަށް ދުވަސް ތެރޭ މިނިމަމް ވޭޖް ކަނޑައެޅޭނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެ ކަމަށް މިދިޔަ މަހުގެ 11 ވަނަ ދުވަހު ފައްޔާޒު ވިދާޅުވެފައި ވިޔަސް މަސް ނިމިގެން ދިޔައިރު ވެސް މިނިމަމް ވޭޖް އިއުލާނެއް ނުކުރެ އެވެ. އެއާއެކު އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން އޭނާ ވަނީ މާފަށް އެދިވަޑައިގެންފަ އެވެ.

ފައްޔާޒު "މިހާރު" އަށް ވިދާޅުވީ މިނިމަމް ވޭޖާ ގުޅޭގޮތުން ތައްޔާރުކުރި ރިޕޯޓުތަކާއި ހިޔާލުތައް މީގެ ހަފުތާއެއްހާ ދުވަސް ކުރިން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަމުގައި މަޖިލީހުގެ ތެރެއިން އެއްވެސް ލަސްވުމެއް ނެތް ކަމަށާއި ހާއްސަ އިސްކަމެއްދީގެން މަޖިލީހުން އެ ރިޕޯޓުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު ކުރިއަށް އޮތް 10-15 ދުވަސް ތެރޭގައި މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށެވެ.

"މަޖިލީހުގެ ރައުޔަކާ ނުލައި ކުރެވޭ ވަރަށް ބޮޑު ކަމެއް މިއީ. [އުޖޫރަ] ލިބެންވީ ފަރާތާއި ދޭންވީ ފަރާތުގެ ކަންބޮޮޑުވާ ކަންތައްތައް އެބަހުރި،" ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިދިޔަ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައެޅޭނެ ކަމަށް އުއްމީދުކުރެއްވި އެވެ.

އެ މަސައްކަތްތައް ކުރި އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާދީފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި 6،400ރ. ހަމަޖެއްސުމަށެވެ. މި އަދަދަކީ ވަކި ދާއިރާއެއް އިސްތިސްނާކުރުމެއް ނެތި ހުރިހާ ދާއިރާއަކަށް ހުށަހެޅި އަދަދެވެ.

އިންޓަނޭޝަނަލް ލޭބަ އޯގަނައިޒޭޝަން (އައިއެލްއޯ) އިން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނަށް ވަކި އަދަދެއް ކަނޑައަޅާ ނަމަ އެކަމަށް 6،400ރ. އާއި 8،600ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ބޯޑުން ލަފާދީފައިވެ އެވެ. "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި، ރިސޯޓްތަކުން ތިބީ ސާވިސް ޗާޖާ އެކު 10،000ރ. މިނިމަމް ވޭޖްގެ ގޮތުގައި ދޭން ތައްޔާރަށް ކަމަށާއި އެކަމަކު އެގޮތަށް އެކަން ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.