Roadha Mihaaru
ސާޖިދުގެ އާ ފިލްމު މާޗްގައި ފަށަނީ

ޖިންސީ ގޯނާގެ ތުހުމަތުތަކާ އެކު ގެއްލުނު ސާޖިދުގެ އާ ފިލްމު މާޗްގައި ފަށަނީ

04 ނޮވެމްބަރ 2021

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވި ބޮލީވުޑުން މިހާރު "ގެއްލިފައިވާ" ޑައިރެކްޓަރު ސާޖިދު ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާގެ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވި ބޮލީވުޑުން މިހާރު "ގެއްލިފައިވާ" ޑައިރެކްޓަރު ސާޖިދު ޚާން އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށާއި އޭނާގެ އާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފަށާނެ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ބައެއް މީޑިއާތަކުން ފިލްމުގެ ތައްޔާރީތަކަށް ސާޖިދު ވަރަށް އަވަހަށް ލަންޑަނަށް ވެސް ދާނެ ކަމަށާއި އާ ފިލްމުގެ މަސައްކަތް ފަށާނީ ވެސް އެތަނުގައި ކަމަށެވެ. ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަދި ވަކި ނަމެއް އިއުލާން ނުކުރާ މި ކޮމެޑީ އަކީ ސާޖިދުގެ ފިލްމުތަކުން އާންމުކޮށް ފެންނަ އޭނާގެ ގާތް އެކުވެރިޔާ ރިތޭޝް ދޭޝްމުކްގެ އިތުރުން ޖޯން އަބްރަހަމް ލީޑް ރޯލު ކުޅޭނެ އެއްޗެކެވެ. ރިތޭޝް އާއި ޖޯން އަކީގައި ސާޖިދުގެ 2012 ގެ "ހައުސްފުލް 2" ގައި ވެސް މަސައްކަތްކުރި އެވެ.

ހަންގާމާ އިން ބުނީ އޭނާގެ އާ ފިލްމުގެ ޕްރޮޑިއުސަރަކީ ދާދި ފަހުން ބުޝަން ކުމާރުގެ ޓީ ސީރީޒާ ގުޅިގެން ޝާހިދު ކަޕޫރްގެ "ބުލް" ހަދަން އިއުލާންކުރި ޕްރޮޑިއުސަރު އަމަރު ބުޓާލާ ކަމަށެވެ.

މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮ ސާޖިދު، 50، އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2014 ގެ "ހަމްޝަކަލްސް" އެވެ. އޭނާގެ މައްޗަށް ޖިންސީ ގޯނާގެ އެތައް ތުހުމަތުތަކެއް ކުރެވި ބޮލީވުޑުން އެކަހެރިވީ 2018 ގައި "ހައުސްފުލް 4" ގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ތުހުމަތުތަކާ ގުޅިގެން ފިލްމުގެ ޑައިރެކްޝަނުން ސާޖިދު ވަކިކޮށް، 2019 ގައި ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ ފަރުހާދު ސަމްޖީ ޑައިރެކްޓް ކޮށްގެންނެވެ.

އަމަރް ޕްރޮޑިއުސްކުރާ ފިލްމަކުން ސާޖިދު އަލުން ފިލްމީ މަސައްކަތްތަކަށް ނުކުންނަ އިރު، ޕްރޮޑިއުސަރު ފީރޯޒް ނަދިއަދުވާލާ ވެސް ސާޖިދާ އެކީ މަސައްކަތް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ކުރިން އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި ސާޖިދު ޑައިރެކްޝަނަށް ނުކުތީ 2007 ގެ "ހޭ ބޭބީ" އިންނެވެ. އޭގެ ފަހުން އޭނާ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2010 ގެ "ހައުސްފުލް" އާއި 2013 ގެ "ހިންމަތުވާލާ" ވެސް ހިމެނެ އެވެ.