Roadha Mihaaru
ސާޖިދަށް އަނެއްކާ ވެސް ޖިންސީ ގޯނާގެ ތުހުމަތު

ސާޖިދު ޚާނަށް އަނެއްކާ ވެސް ޖިންސީ ގޯނާގެ ތުހުމަތު

12 ސެޕްޓެމްބަރ 2020

މީގެ ދެ އަހަރު ކުރިން ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވި ފިލްމީ ދާއިރާ އިން އެކަހެރިވެފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސާޖިދު ޚާނަށް އަނެއްކާ ވެސް އެފަދަ ތުހުމަތުތަކެއްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވި ފިލްމީ ދާއިރާ އިން އެކަހެރިވެފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު ސާޖިދު ޚާނަށް އަނެއްކާ ވެސް އެފަދަ ތުހުމަތުތަކެއްކޮށްފި އެވެ.

މި ފަހަރު ސާޖިދާ ބެހޭ ގޮތުން ވާހަކަ ދައްކާފައި ވަނީ މުމްބާއީގެ މޮޑެލްއެއް ކަމަށްވާ ޕައުލާ އެވެ. އޭނާ އިންސްޓަގްރާމްގައި ބުނީ ސާޖިދުގެ ފަރާތުން ޖިންސީ ގޯނާއާ ކުރިތިލާން ޖެހުނީ އުމުރުން އެންމެ 17 އަހަރުގައި ކަމަށެވެ. އެގޮތުން ސާޖިދުގެ "ހައުސްފުލް" ސީރީޒްގެ ފިލްމަކުން ރޯލެއް ލިބޭތޯ ހުށަހެޅުމުން އޮޑިޝަނަކަށް ގެންގޮސް ސާޖިދުގެ ފަރާތުން ވަރަށް ބޭއަދަބީ ކަންކަން ތަޖުރިބާކުރަން ޖެހުނު ކަމަށް ޕައުލާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޖިންސީ ގޮތުން ހުތުރު ވާހަކަތަކެއް ދެއްކުމަށް ފަހު، ގަޔަށް އަތްލާން ވެސް ސާޖިދު މަސައްކަތްކުރުމުގެ އިތުރަށް އޭނާގެ ކުރިމަތީގައި ބަރަހަނާވާން ވެސް އެދުނު ކަމަށެވެ. ނަމަވެސް ކުރިން އެ ވާހަކަ ނުދައްކައި މިހާރު ދައްކަން ނިންމީ ސާޖިދުގެ ފަރާތުން ކުރިމަތިވި ކަންކަމުން އަމިއްލަ ނަފުސަށް ދިމާވަމުންދާ އުނދަގޫތަކާ ހެދި ކަމަށް ބުންޏެވެ. އަދި ސާޖިދުގެ ފަރާތުން ގޯނާ ލިބުނު އިރު ބޮޑު މީހަކަށް ވެސް ނުވާ ކަމަށާއި އެކަމަކު ދެން އެފަދަ ވާހަކަތައް ނުދައްކައި މަޑުން ނުހުންނާނެ ކަމަށް ޕައުލާ ބުންޏެވެ.

އޭނާ ބުނީ ސާޖިދު ފަދަ މުޑުދާރު މީހުންނަކީ ފިލްމީ ދާއިރާ އަށް ނުކުންނަން ބޭނުންވާ އެތައް އަންހެން ކުދިންނެއްގެ ހުވަފެންތައް ފޭރި ގަންނަ ބައެއް ކަމަށާއި އެފަދަ މީހުންގެ ވާހަކަ ސިއްރު ނުކޮށް ދައްކަން ޖެހޭ ކަމަށެވެ. އަދި ކުރެވުނު ކުށަކީ މިހާތަނަށް ސާޖިދާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައި، ހިމޭނުން ހުރެވުން ކަމަށް ޕައުލާ ބުންޏެވެ.

ސާޖިދުގެ މައްޗަށް ޕައުލާ ކުރި ފަދަ ތުހުމަތުތަކެއް 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާން އަންހެނުން ކޮށްފައިވެ އެވެ. އަދި ސާޖިދުގެ 2014 ގެ ފިލްމު "ހަމްޝަކަލްސް" ގައި ރޯލެއް ކުޅުނު ބަތަލާ ބިޕާޝާ ބާސޫ ވެސް ވަނީ ސާޖިދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭނާގެ އަމިއްލަ ތަޖުރިބާ ވެސް ކިޔައި ދީފަ އެވެ.

ސާޖިދަކީ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ޚާންގެ ކޮއްކޮ އެވެ. ސާޖިދުގެ މައްޗަށް ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވުނީ "ހައުސްފުލް 4" ގެ ޝޫޓިން ކުރިއަށް ދަނިކޮށެވެ. އަދި އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވުމުން ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރި ފިލްމުގެ ޑައިރެކްޓަރުގެ މަގާމުން ސާޖިދު ވަކިކުރި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު "ހައުސްފުލް 4" ގެނެސްދިނީ ސްކްރީންރައިޓަރު ފަރުހާދު ސަމްޖީ ލައްވައި ފިލްމު ނިންމައިގެންނެވެ. "ހައުސްފުލް" ސީރީޒްގެ ހަތަރު ފިލްމެއް ގެނެސްދިން އިރު އޭގެ ތެރެއިން ދެ ފިލްމު ޑައިރެކްޓްކުރީ ސާޖިދެވެ. އަދި ތިން ވަނަ ފިލްމު ޑައިރެކްޓްކުރީ ހަތަރު ވަނަ ބައި ވެސް ޑައިރެކްޓްކުރި ފަރުހާދެވެ.

ސާޖިދުގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އިންޑިއަން ފިލްމު އެންޑް ޓެލެވިޝަން ޑިރެކްޓާޒް އެސޯސިއޭޝަން (އައިއެފްޓީޑީއޭ) ގެ މެމްބަރުކަމުން 2018 ގައި ސާޖިދު ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ.