Roadha Mihaaru
ޝެރްލީންގެ އަތުން 50 ކްރޯޑް ހޯދަން ޝިލްޕާ ކޯޓަށް

ޝެރްލީންގެ އަތުން 50 ކްރޯޑް ރުޕީސް ހޯދަން ޝިލްޕާ ޝެޓީގެ ދެމަފިރިން ކޯޓަށް

21 އޮކްޓޯބަރ 2021

ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދި ކަމަށް ބުނާ މައްސަލައެއްގައި ޖުލައި މަހުގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން އޭނާއާ ބެހޭ ގޮތުން ބަތަލާ ޝެރްލީން ޗޯޕްޅާ ދެއްކި ވާހަކަތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަށް 50 ކްރޯޑް ރުޕީސް ހޯދަން ޝިލްޕާގެ ދެމަފިރިންގެ ކޯޓަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަރަހަނާ ފިލްމު ހަދައިގެން އާމްދަނީ ހޯދި ކަމަށް ބުނާ މައްސަލައެއްގައި ޖުލައި މަހުގެ ތެރޭގައި ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި ފަހުން އޭނާއާ ބެހޭ ގޮތުން ބަތަލާ ޝެރްލީން ޗޯޕްޅާ ދެއްކި ވާހަކަތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލަށް 50 ކްރޯޑް ރުޕީސް ހޯދަން ޝިލްޕާގެ ދެމަފިރިންގެ ކޯޓަށް ހުށަހަޅައިފި އެވެ.

ޝެރްލީން ވަނީ ރާޖް އޭނާ އަށް ޖިންސީ ގޯނާ ވެސް ކުރި ކަމަށް ތުހުމަތުކޮށް ޖުލައި މަހުގެ ފަހުކޮޅު އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. އަދި ބަރަހަނާ ފިލްމު ކުޅުވަން ގަދަކަމުން އެގްރިމަންޓް ހަދުވާފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ. ޖުލައި މަހުގެ 19 ގައި ރާޖް ހައްޔަކުރި ފަހުން ޝެރްލީން ވަނީ ޝިލްޕާއާ ބެހޭ ގޮތުން ވެސް އެތައް ވާހަކައެއް ދައްކައިފަ އެވެ.

އެގޮތުން އޭނާގެ ފިރިމީހާ ބަރަހަނާ ފިލްމު ހަދައި، އެ އެއްޗެހީގެ ޒަރީރާ އިން އާމްދަނީ ހޯދާ ކަމަށާއި އެކަމަކީ ސީދާ ޝިލްޕާގެ ބައިވެރިވުން ވެސް އޮވެގެން ކުރަމުން ދިޔަ މަސައްކަތެއް ކަމަށް ތަކުރާރުކޮށް ބުނެފައިވެ އެވެ. މީގެ އިތުރުން ޝިލްޕާ އާއި ރާޖްގެ ކައިވެނީގައި މައްސަލަތައް ޖެހި، ޝިލްޕާގެ ފަރާތުން ރާޖަށް ލޯބި ވެސް ނުލިބޭ ކަމަށް ރާޖް ބުނެފައިވާ ކަމަށާއި ދެމަފިރިންގެ ޒާތީ ގިނަ ވާހަކަތަކެއް ވެސް ޝެރްލީން ދައްކާފައިވެ އެވެ.

ރާޖް ހައްޔަރު ކުރިތާ ދެ މަހެއްހާ ދުވަސް ފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 20 ގަ އެވެ.

ޝެރްލީންއާ ދެކޮޅަށް ޝިލްޕާގެ ދެމަފިރިން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ހާއްސަކޮށް ރާޖްގެ ކޭހާ ގުޅިގެން ޝިލްޕާއާ ބެހޭ ގޮތުން ދައްކާފައި ވަނީ މުޅިން ވެސް ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރާޖްއާ ބެހޭ ގޮތުން ޝެރްލީން ދެއްކި ވާހަކަތަކުގައި ވެސް ސާބިތު ހިފޭ އެއްވެސް ހެއްކެއް ނެތް ކަމަށާއި އޭނާގެ ބޭނުމަކަށްވީ އެ ދެމަފިރިންގެ އަގު އާންމުންގެ ތެރޭގައި ވައްޓާލުން ކަމަށް ބުންޏެވެ.

އެހެންވެ އަބުރަށް ހުތުރުވާ ގޮތަށް ޝެރްލީން ދެއްކި ވާހަކަތަކާ ގުޅުގެން ގެއްލުމުގެ ބަދަލަށް އޭނާގެ އަތުން 50 ކްރޯޑް ރުޕީސް (6.66 މިލިއަން ޑޮލަރު) ނަގައިދޭން އެދިފައިވެ އެވެ.

މީގެ ކުރިން ޝިލްޕާ ވަނީ ރާޖް ހައްޔަރުކުރި ދަނޑިވަޅާ ދިމާކޮށް ބައެއް މީޑިއާތަކަށް ވެސް ދައުވާކޮށްފަ އެވެ. އެއީ އޭނާއާ ބެހޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރި ކަމަށް ބުނެ އެވެ. އޭރު އެދިފައި ވަނީ ގެއްލުމުގެ ބަދަލަށް 25 ކްރޯޑް ރުޕީސް (3.33 މިލިއަން ޑޮލަރު) ނަގައި ދިނުމަށެވެ.