Roadha Mihaaru
ފިރިމީހާ ހައްޔަރުކުރިޔަސް ޝިލްޕާ ފަސްޖެހުމެއް ނެތް

ފިރިމީހާ ހައްޔަރުކުރިޔަސް ޝިލްޕާ ފަސްޖެހުމެއް ނެތް

24 ޖުލައި 2021

މީގެ ކުރިން ވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށާއި ދެން ވެސް އެފަދަ ކަންކަމާ ކުރިމަތިލައި ދިރިއުޅުމައިގެން ކުރިއަށް ދާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި ކަމަށާއި ދެން ވެސް އެފަދަ ކަންކަމާ ކުރިމަތިލައި ދިރިއުޅުމައިގެން ކުރިއަށް ދާނެ ކަމަށް ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ބުނެފި އެވެ.

އޭނާގެ ފިރިމީހާ ރާޖް ކުންދުރާ ބަރަހަނާ ފިލްމު ހަދައި އެއިން އާމްދަނީ ހޯދަމުން ދިޔަ މައްސަލަގަނޑެއް ފަޅާއަރައި މިދިޔަ ހޯމަ ދުވަހު ހައްޔަރުކުރުމާ ގުޅިގެން މީޑިއާތަކާ ދުރަށް ދިޔަ ބަތަލާ އިންސްޓަގްރާމް ސްޓޯރީގައި ހުކުރު ދުވަހު ކުރި ޕޯސްޓެއްގައި ބުނީ އޭނާ އަކީ ދިމާވާ ކަމަކުން ހަޔާތުގައި ފަހަތަށް ޖެހެނޭނެ މީހެއް ނޫން ކަމަށެވެ.

"ދިރިހުރީތީ އުފާކުރަން. ކުރިން ވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވި. ދެން ވެސް ދިމާވާ އެފަދަ ކަންކަމާ ކުރިމަތިލައި ދިރިއުޅުމައިގެން ކުރިއަށް ދާނަން،" ދެ ކުދިންގެ މަންމަ ބުންޏެވެ. "ކުރިމަތިވާ ކަމަކާ ހެދި އަހަރެންގެ މި ދިރިއުޅުމެއް ނުހުއްޓޭނެ."

ޝިލްޕާގެ ޕޯސްޓްގައި ލިޔުންތެރިޔާ ޖޭމްސް ތާބާގެ ފޮތަކުން ނަގާފައިވާ އިބާރާތެއް ވެސް ހިމަނާފައިވެ އެވެ. އޭގައި އޮތީ ރުޅިވެރިކަމާ އެކު ފަހަތަށް ބެލުމެއް ނެތް ކަމަށާއި ބިރުން ހުރެ ކުރިއަށް ދިއުމެއް ވެސް ނެތް ކަމަށާއި ކަންކަމާ ކުރިމަތިލާން ވާނީ އެކަމަކަށް ހޭލައިގެން ހުރެގެން ކަމަށެވެ.

ސާދަ އަހަރަށް ފަހުން ޝިލްޕާ ކުޅުނު ފުރަތަމަ ފިލްމު "ހަންގާމާ 2" ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިކޮށްފައިވާ އިރު، ފިރިމީހާގެ ހައްޔަރާ އެކު ޝިލްޕާ ވަނީ ފިލްމުގެ ޕްރޮމޯޝަނުގައި ވެސް ބައިވެރިވުން ހުއްޓާލައި، އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޮނީ ޓީވީގެ "ސުޕަ ޑާންސާ 4" ގެ މަސައްކަތުން ވެސް އެކަހެރިވެފަ އެވެ. ޝިލްޕާ ނެތްތަން ޝޯގައި ދެން ފޫބައްދައިދޭނީ ކުރީގެ ބަތަލާ ކަރިޝްމާ ކަޕޫރެވެ.

ޝިލްޕާގެ ފިރިމީހާ ރާޖް ހައްޔަރުކޮށް، ތަހުގީގު ކުރިއަށްދާ އިރު އޭނާގެ އެކައުންޓްތަކެއް ވެސް މިހާރު ވަނީ ފްރީޒްކޮށްފަ އެވެ. އަދި ރާޖްއާ ދެކޮޅަށް އެތައް ބަޔަކު މިހާރު ދަނީ ވާހަކަ ދައްކަމުންނެވެ. މިހާތަނަށް އޭނާއާ ދެކޮޅަށް ގިނަ އަންހެނުންތަކެއް ބުނެފައި ވަނީ އެ މީހުން ލައްވައި ބަރަހަނާ ފިލްމު ކުޅުވަން ގަދަކަމުން ކޮންޓްރެކްޓް ހަދަން މަޖުބޫރުކޮށްފައިވާ ކަމަށެވެ.

ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނީ ބަރަހަނާ ފިލްމު ހަދައި އެ ދައުރުކޮށް ރާޖް ގެންދިޔައީ ދުވާލެއްގެ މައްޗަށް 6-8 ލައްކަ ރުޕީސްގެ އާމްދަނީއެއް ހޯދަމުން ކަމަށެވެ. އޭނާގެ މި މައްސަލަ މުމްބާއި ކްރައިމް ބްރާންޗަށް ފުރަތަމަ ރިޕޯޓްކުރީ މި މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޝިލްޕާ އާއި ރާޖް ކައިވެނިކުރީ 2009 ގަ އެވެ. މިއީ ޝިލްޕާގެ އަލަތު ކައިވެނި ނަމަވެސް ރާޖްގެ ދެވަނަ ކައިވެންޏެވެ. ރާޖް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އަލަތު ކައިވެނި ރޫޅުނީ އަންހެނުން ކޮއްކޮ ފިރިމީހާއާ ސިއްރު ލޯބީގެ ގުޅުންތަކެއް ހިންގާކަން ފަޅާއެރުމުން ކަމަށެވެ. އެ ކައިވެނި ރޫޅުނު އިރު ދަރިޔަކު ވެސް ހުއްޓެވެ.