Roadha Mihaaru
ޗައިނާގައި އުސް އިމާރާތްތައް ހެދުން މަދުކުރަނީ

ޗައިނާގައި އުސް އިމާރާތްތައް ހެދުން މަދުކުރަން ނިންމައިފި

29 އޮކްޓޯބަރ 2021

އިމާރާތް ކުރުމުގެ ދާއިރާ އިން މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ގައުމެއްގެ ގޮތުގައި މަޝްހޫރު ޗައިނާ އިން އުސް އިމާރާތްތައް ހެދުން މަދުކުރަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިމާރާތް ކުރުމުގެ ދާއިރާ އިން މުޅި ދުނިޔޭގައި ވެސް ފާހަގަ ކޮށްލެވޭ ގައުމެއްގެ ގޮތުގައި މަޝްހޫރު ޗައިނާ އިން އުސް އިމާރާތްތައް ހެދުން މަދުކުރަން ނިންމައިފި އެވެ.

ތިމާވެއްޓަށް ވެސް ދޭ އިސްކަމެއްގެ ތެރެއިން އަލަށް އަމަލު ކުރަން ނިންމި އުސޫލުގެ ދަށުން ކުރިއަށް އޮތް ތަނުގައި ކުދި ސިޓީތަކުގައި ބޮޑެތި އުސް އިމާރާތްތައް ހެދުން ވަރަށް ބޮޑަށް މަދުކުރާނެ އެވެ. އެގޮތުން ޗައިނާގެ ހައުސިން އެންޑް އާބަން-ރޫރަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ގުޅިގެން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މިހާރު ނިންމާފައި އޮތީ ތިން މިލިއަނަށް ވުރެ މަދު އާބާދީއެއް އޮންނަ ސިޓީތަކުގައި 150 މީޓަރު (492 ފޫޓް) އަށް ވުރެ އިސްކޮށް އިމާރާތްތައް ނެހެދުމަށެވެ. އަދި ތިން މިލިއަނަށް ވުރެ އާބާދީ ބޮޑު ސިޓީތަކުގައި ކުރިއަށް އޮތް ތަނުގައި 250 މީޓަރަށް ވުރެ އުސްކޮށް އިމާރާތްތައް ނެހެދޭނެ އެވެ.

ގައުމުތަކުގެ ހަބައިތަކާއި ތަރައްގީގެ ކުލަވަރު އެންމެ ބޮޑަށް ދައްކުވައި ދިނުން ގުޅިފައި އޮންނަނީ އެ ގައުމަކުން ފެންނަ އުސް އިމާރާތްތަކާ ކަމަށް ވިޔަސް ޗައިނާގެ އަމާޒަކީ ދެން މަންޒަރު ޗާލުކޮށްދޭ ކަހަލަ އުސް "ވެނިޓީ" އިމާރާތްތައް ހެދުން ވަރަށް ބޮޑަށް މަދުކުރުމެވެ.

އެ ގައުމުގައި މިހާރު ވެސް ހަމަޖައްސާފައި އޮންނަ އެއް އުސޫލަކީ 500 މީޓަރަށް ވުރެ އިމާރާތްތައް އުސް ނުކުރުމެވެ. އެކަމަކު ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަކީ މިހާރު ވެސް ދުނިޔޭގެ ނިސްބަތުން އުސް އިމާރާތްތަކެއް ހުރި ގައުމެކެވެ. އޭގެ ތެރޭގައި 632 މީޓަރުގެ ޝަންހާއީ ޓަވަރާއި ޝެންޒެންގައި ހުންނަ 599.1 މީޓަރުގެ ޕިންގް އަން ފައިނޭންޝަލް ސެންޓަރު ހިމެނެ އެވެ.

ޗައިނާގެ މީޑިއާތަކުން ބުނި ގޮތުގައި ވަކިން ބޮޑަށް އާބާދީ މަދު ސިޓީތަކުގައި އުސް އިމާރާތްތައް ހެދުން ކޮންޓްރޯލް ކުރަން ނިންމި ސަބަބަކީ އެފަދަ ސިޓީތަކަށް ބިމުގެ ދަތިކަން ވެސް ނެތުމުންނެވެ. ނަމަވެސް ޝަންހާއީ އާއި ޝެންޒެން ފަދަ އާބާދީ ބޮޑެތި ސިޓީތަކުގައި މިހާރު ބިމުގެ ދަތިކަން އޮތުމުން އެފަދަ ސިޓީތަކުގައި އުސް އިމާރާތް ހެދުން އިސްތިސްނާވާނެ އެވެ.

ހައުސިން އެންޑް އާބަން-ރޫރަލް ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި އިމަޖެންސީ މެނޭޖްމަންޓް މިނިސްޓްރީން ބުނީ އަލަށް ހަމަޖެއްސި އުސޫލާ ހިފާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވައި ފިޔަވަޅު އަޅާނެ ކަމަށެވެ.