Roadha Mihaaru
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް

130 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތައް ހިންގަން: ޗައިނާ ސަފީރު

18 ޖެނުއަރީ 2024

ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަކީ ދިވެހި ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދިން އެހީއެއް ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ސަރުކާރުން ރާއްޖެ އަށް ދިން 130 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަކީ ދިވެހި ސަރުކާރުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގަން ދިން އެހީއެއް ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ވާންގް ލީޝިން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް އެ ގައުމަށް މިދިޔަ ހަފުތާގައި ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން 130 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަން ހާމަކުރައްވައިފަ އެވެ.

އެ ދަތުރުފުޅާ ގުޅޭ މައުލޫމާތުތައް ދިވެހި މީޑިއާއާ ހިއްސާކުރުމަށް ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އިންތިޒާމްކޮށްގެން އިއްޔެ ހަވީރު ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ލީޝިން ވިދާޅުވީ ހިލޭ އެހީ ގޮތުގައި 130 މިލިއަން ޑޮލަރު ދޭން ނިންމީ ރާއްޖެ އިން ބޭނުންވާ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ހިންގުމަށް ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާ އެކު.

ރައީސް ޑރ. މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ އާ އެކު.

"އެ 130 މިލިއަން ޑޮލަރަކީ ދިވެހި ސަރުކާރަށް ދިން ހަދިޔާއެއް. އެ ފައިސާ ދިނީ މަޝްރޫއުތައް ހިންގަން. އެ މަޝްރޫއެއް ނޫނީ މަޝްރޫއުތަކެއް ކަނޑައަޅާނީ ދިވެހި ސަރުކާރުން،" ސަފީރު ވިދާޅުވި އެވެ.

ޗައިނާއިން ދޭން ނިންމާފައިވާ ހިލޭގެ އެހީގެ ބޮޑު ބައެއް ހޭދަކުރާނީ މާލޭގެ މަގުތައް ހެދުމުގެ މަސައްކަތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަށް އިޝާރާތް ކުރައްވައި، ލީޝިން ވިދާޅުވީ އެ ފައިސާ ބޭނުންކުރާނެ މަޝްރޫއުއެއް ކަނޑައަޅުމުގެ ފުރިހަމަ އިހުތިޔާރު ދިވެހި ސަރުކާރަށް އޮންނާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ ބޮޑު ހައުސިން މަޝްރޫއު ކަމަށްވާ ރަސްމާލޭގައި 30,000 ހައުސިން ޔުނިޓް އިމާރާތް ކުރުމާ ގުޅޭ އެމްއޯޔޫއެއްގައި ޗައިނާ ސަރުކާރާ އެކު ސޮއި ކުރި އެއްބަސްވުމާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވި ގޮތުގައި އެކަމުގެ ހުރިހާ ތަފުސީލެއް އަދި ނުނިމޭ ކަމަށެވެ.

ރައީސް މުއިއްޒާއި ޗައިނާގެ ސަފީރު ވާންގް ލީޝިން ސަލާން ކުރައްވަނީ.

ރައީސް މުއިއްޒާއި ޗައިނާގެ ސަފީރު ވާންގް ލީޝިން ސަލާން ކުރައްވަނީ.

"ދަތުރުފުޅުގެ ތެރެއިން ނުލިބޭ އެ ހުރިހާ ތަފުސީލުތަކެއް ނިންމާނެ ވަގުތެއް. އެހެންވީމާ އަޅުގަނޑުމެން ދިވެހި ސަރުކާރާ އެކު މަޝްވަރާތައް ކުރަމުން މި ދަނީ އެ މަޝްރޫއު ކުރިއަށް ގެންދާނެ ތަފުސީލުތަކަށް ދިޔުމަށްޓަކައި،" ސަފީރު ވިދާޅުވި އެވެ.

ލީޝިން ވިދާޅުވި ގޮތުގައި އެ މަޝްރޫއު ހިންގުމަށް ޗައިނާގެ ބައެއް ކުންފުނިތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ތަފާތު 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ސަފީރު ވިދާޅުވީ އެ އެއްބަސްވުންތަކަށް ވީ އެންމެ އަވަހަކަށް އަމަލުކުރުމަށްޓަކައި ޗައިނާ އެމްބަސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ކަމާ ގުޅޭ އެހެން ވުޒާރާތަކާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.

ޗައިނާ އިން އެހީވާނެ ދާއިރާތައް:

- މަސްވެރިކަން.

- ޑިޖިޓަލް އިކޮނޮމީ.

- ޕަބްލިކް ސާވިސް މީޑިއާ ތަރައްގީކުރުން.

- 1،000 ސިވިލް ސާވަންޓުންނަށް ފުލީ ފަންޑެޑް ސްކޮލާޝިޕް.

- އިކޮނޮމިކް ޑިވެލޮޕްމަންޓް، އެގްރިކަލްޗަރަލް ދާއިރާ ފުޅާކުރުން.

- ޓޫރިޒަމް ފުޅާކުރުން، ޗައިނާ ޓޫރިސްޓުން އިތުރުކޮށް ޑައިރެކްޓް ފްލައިޓް އިތުރުކުރުމާއި މާކެޓިން ފުޅާކުރުން.

- ރަސްމާލޭގައި 30،000 ސޯޝަލް ހައުސިން ހެދުން.

- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން.

- ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮމާޝަލް ޑިސްޓްރިކްޓެއް ތަރައްގީކުރުން.

- މާކެޓިން އިތުރުކުރުން.

- ބޭންކިން ދާއިރާ.

- ތިލަފުށީ ޕޯޓް.

- އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އެސްޓަބްލިޝްމަންޓެއް ގާއިމުކުރުން.

- ފޫޖޯ އާއި މާލެ ސިޓީގެ ސިސްޓާ ސިޓީ ގާއިމުކުރުމަށް ނިންމުން.

- ކުޅިވަރުގެ ދާއިރާއިން އެހީވާން ނިންމުން.

- ރިނުއަބަލް އެނާޖީ ދާއިރާއިން އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރި.

- ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ހެދުން.

- 17 ރަށެއްގެ ސިއްހީ މަރުކަޒުގެ ލެބޯޓްރީތަކަށް ބޭނުންވާ ހުރިހާ ސާމާނެއް ހިލޭ ދިނުން.

- ހަތަރު ރަށެއްގެ ޝޯ ޕްރޮޓެކްޝަން އަދި ވޭސްޓް މެނޭޖްމަންޓް ހިލޭ އެހީ ހަމަޖެހުން.

- ރަސްމާލެ އާއި ގުޅިފަޅުގައި ޑިޒައިންކުރުމާއި ކޮންސްޓްރަކްޝަން ހިމެނޭ ގޮތަށް ކަރަންޓާއި ފެނާއި މަގުހެދުމާއި އަލިފާން ނިއްވާ ނިޒާމު ހެދުމަށް އެެއްބަސްވުން.

ޗައިނާ ސަފީރު ވިދާޅުވި، ދެ ސަރުކާރުގެ ދެމެދުގައި ހެދި އެއްބަސްވުންތަކާ އެކު، އެ އެއްބަސްވުންތަކުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކުރިއަށް އޮތް ތަނުގައި ބުރަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެހެންވެ، ޗައިނާގެ ކަމާ ގުޅޭ އިދާރާތަކުގެ ޓީމުތައް ރާއްޖެ ވަރަށް ގިނައިން އައިސް މަޝްވަރާތައް ބާއްވާނެކަން އޭނާ ފާހަގަކުރެއްވި އެވެ.