Roadha Mihaaru
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ

ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަން ޗައިނާއަށް ދެނީ

27 ޖުލައި 2024

ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅައި ގުޅާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅާ ދެމެދު ބްރިޖެއް އަޅައި ގުޅާލަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގުޅިފަޅާއި ގިރާވަރުފަޅުން ވަނީ ގޯތި ދޫކޮށްފަ އެވެ. އަދި އުތުރުތިލަފަޅު ހިއްކައި އެ ތަނުން ގޯތި ދޭން ވެސް ނިންމި އެވެ. އެ ތަންތަން ގުޅައިލުމުގެ ވިސްނުން އެ ސަރުކާރުން ވެސް ގެންގުޅުނެވެ. އެކަމަކު އެ މަޝްރޫއު ބަޔަކާ ހަވާލުކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ކުންފުންޏަކުން މިހާރު ކުރިއަށް ގެންދާ ވިލިމާލެ ބްރިޖުގެ މަޝްރޫއުގައި ގުޅައިލަން ނިންމާފައިވަނީ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުޅިފަޅާއި ގިރާވަރު ފަޅު އަދި އުތުރުތިލަފަޅު ވެސް ގުޅައިލަން ޖެހޭ ކަމަށާއި އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރާނެ ކަމަށެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އާ އެކު މަޝްވަރާކޮށް، މިހާރު ވަނީ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދީފައި ކަމަށް ރައީސް ވިދާޅުވި އެވެ. އުއްމީދަކީ 2026 ގައި އަމަލީ މަސައްކަތް ފަށައި، ގިނަވެގެން ތިން އަހަރު ތެރޭ މަޝްރޫއު ނިންމާލުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ވީ އެއްބަސްވުމެއް ދަށުން އެމްއެންޑީއެފްގެ ޑޮކްޔާޑެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ އުތުރުތިލަފަޅު އިތުރަށް ހިއްކައިގެން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރަން އެ ސަރުކާރުން ނިންމާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކޮށް، ޗައިނާއާ އެކު ދަނޑުވެރިކަމުގެ މަޝްރޫއުއެއް އެ ތަނުގައި ހިންގަން ވަނީ ނިންމަވައިފަ އެވެ.

އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރަން ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް)އެއް ގާއިމްކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމްއައިޑީ) އާއި ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ވަނީ އެއްބަސްވުމެއް މި ސަރުކާރުން ހަދައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށާއި އެ ތަން ހިއްކައި މަސައްކަތް ފެށުމުން އަމިއްލަ ފުދުންތެރިކަން އިތުރުވެ، ބޭރަށް ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށެވެ. އެހެންވީމާ އެ ތަން ބްރިޖަކުން ގުޅާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.