Roadha Mihaaru

ސަރުކާރުން ހިންގާ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނަން: ސައީދު

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

"މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީނުކުރާނަން"

ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީ ނުވަތަ ޕީއެސްއައިޕީ މަޝްރޫއުތަކުން އަމިއްލަ ކުންފުނިތައް ބާކީ ނުކުރާނެ ކަމުގެ ޔަގީންކަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.

ސަރުކާރުން މި އަހަރުގެ ތެރޭގައި ހިންގަން ރާވާފައިވާ ޕީއެސްއައިޕީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދަން ހަވާލު ކުރަމުންދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. އެކަމުގެ ސަބަބުން، މިފަދަ މަސައްކަތްތައް ކުރާ އަމިއްލަ ކުންފުނިތައް ހީނަރުވެ، ބަނގުރޫޓުވަމުންދާ ކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅު ކުރަމުންނެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެކަމާ ގުޅޭގޮތުން "މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވި ގޮތުގައި އަތޮޅު ތެރޭގައި ބަނދަރު މަރާމާތު ކުރުމާއި މަގު ހެދުން ފަދަ މަޝްރޫއުތަކަށް ބޭނުންވާ ބަޖެޓު ނެތިގެން ގިނަ ފަހަރު މަސައްކަތް ކުރިއަަކަށް ނުދެ އެވެ.

"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ވައުދުފުޅާ އެއްގޮތަށް މިފަދަ މަސައްކަތްތައް ކުރުން. މި މަސައްކަތް ކުރާއިރު، ޕްރައިވެޓް ސެކްޓާ ބާކީ ކުރާނެ ކަމަށް ބުނެ މީޑިޔާތަކުގައި ފެތުރޭ ވާހަކަތަކަކީ މުޅިން ރަނގަޅު ވާހަކަތަކެއް ނޫން،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ޕީއެސްއައިޕީ މަޝްރޫއުތައް ހަވާލުކޮށްގެން ކުރިއަށް ގެންދިޔުމަކީ ޕްރައިވެޓް ސެކްޓާ ނުވަތަ އަމިއްލަ ކުންފުނިތައް ބާކީކުރުން ކަމުގައި މާނަކޮށްގެން ނުވާނެ އެވެ.

"އެއީ މާނަކުރަންޖެހޭ ގޮތެއް ނޫންކަން ނޭނގެ. ބާކީއެއް ނުކުރާނެ،" ސައީދު ވިދާޅުވި އެވެ.

ޕްރައިވެޓް ސެކްޓާގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށްޓަކައި މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) ފަދަ އެސޯސިއޭޝަންތަކާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ އެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވައި، މަޝްވަރާ ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ ކުދި ވިޔަފާރިތަކާ ގަވާއިދުން ބައްދަލުކޮށް، ކަންބޮޑުވުންތަކުގެ އަޑު އަހައި، ދިމާވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.