01 ނޮވެމްބަރ 2016
އައިހަވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސިންގަޕޫރުގެ ބޮޑު ކުންފުންޏަކާ މީގެ އިރުކޮޅެއް ކުރިން ހަވާލުކޮށްފި އެވެ.
އައިހަވަން މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް، ގާތްގަނޑަކަށް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ސިންގަޕޫރުގެ ބޮޑު ކުންފުންޏަކާ މީގެ އިރުކޮޅެއް ކުރިން ހަވާލުކޮށްފި އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި ކުރިއަށް ގެންދާ ރަސްމިއްޔާތެއްގައި، އައިހަވަންގެ މާސްޓަ ޕްލޭންގެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގް ކުންފުންޏާ އެވެ. ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ސުރުބަނާ ޖުރޮންގް ތަމްސީލުކުރެއްވީ އެ ކުންފުނީގެ އާބަން ޕްލޭނިން އެންޑް ޑިޒައިން ބައިގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ވައިއެމް ޓޭން އެވެ.
އައިހަވަންގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު (ކ) އާއި ސުރުބަނާ ޖުރޮންގުގެ އާބަން ޕްލޭނިން އެންޑް ޑިޒައިން ބައިގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ވައިއެމް ޓޭން ސޮއިކުރައްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އެކަމަކު، މި މަޝްރޫއު ސުރުބަނާ ޖުރޮންގްއާ ހަވާލުކުރި އަގެއް އަދި ހާމައެއް ނުކުރެ އެވެ.
މި ރަސްމިއްޔާތުގައި، އެ ކުންފުނީގެ ފަރާތުން ދެއްކި ޕްރެޒެންޓޭޝަނެއްގައިވާ ގޮތުން، ހއ. އަތޮޅުގެ އިހަވަންދިއްޕޮޅު ސަރަހައްދުގައި ތަރައްގީކުރާ އައިހަވަންގެ މާސްޓަ ޕްލޭން ހަދާނީ ތިން ބަޔަކަށް ބަހާލައިގެން ތިން ހަފުތާގެ ތެރޭގަ އެވެ. އެ ގޮތުން، ފުރަތަމަ ހަފުތާގައި އިހަވަންދިއްޕޮޅަށް ގޮސް، ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ އެވެ. ޖެހިގެން އަންނަ ހަތަރު ހަފުތާގައި ކުރިއަށް ގެންދަން ރާވާފައި ވަނީ އެ ތަނުގެ މިހާރުގެ ހާލަތާއި ޑޭޓާ ހޯދައި އެއްކުރުމުގެ އިތުރަށް މިހާރު ހަދާފައިވާ ފީސިބިލިޓީ ރިޕޯޓު މުރާޖައާ ކުރުމެވެ. ކޮންސެޕްޓް މާސްޓަ ޕްލޭނާއި އޭގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ތަފްސީލީ މާސްޓަ ޕްލޭން ހަދާނީ އެންމެ ފަހު ހަފުތާގަ އެވެ.
އައިހަވަންގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެ ކުންފުނީގެ އާބަން ޕްލޭނިން އެންޑް ޑިޒައިން ބައިގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ވައިއެމް ޓޭން ޕްރެޒެންޓޭޝަނެއް ދެއްވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ސުރުބަނާ ޖުރޮންގުން މަސައްކަތް ކުރާނީ މައިގަނޑު ތިން ޓީމެއް ހިމެނޭ ގޮތަށެވެ. އެއީ ޑިޒައިނަރުންނާއި ޕްލޭން ކުރާ ފަރާތްތައް ހިމެނޭ ގޮތަށް އެކުލަވާލާ އާބަން ޕްލޭނިން އެންޑް ޑިޒައިނިން ޓީމަކާއި ދަތުރުފަތުރުގެ ދާއިރާގެ ތަޖުރިބާކާރަކާއި އުމްރާނީ ވަސީލަތްތަކާ ބެހޭ ތަޖުރިބާކާރަކު ހިމެނޭ ޓްރާންސްޕޯޓް އެންޑް އިންފްރަސްޓްރަކްޗާ ޓީމެއްގެ އިތުރުން، ލޭންޑްސްކޭޕް ކުރުމުގެ ތަޖުރިބާކާރަކާއި ތިމާވެށީގެ ތަޖުރިބާކާރަކު ހިމެނޭ ލޭންޑްސްކޭޕް އެންޑް އެންވަޔަރަމެންޓަލް ޓީމެކެވެ.
މި ރަސްމިއްޔާތުގައި ސުރުބަނާ ޖުރޮންގުން އޭޝިއާ އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސީއީއޯ މަހޭޝްވަރަން ވިދާޅުވި ގޮތުގައި އެ ކުންފުނިން ދެކެނީ މާސްޓަ ޕްލޭނެއް އެކުލަވާލުމަކީ ކަރުދާހުގައި އެއްޗެއް ލިއުން ނުވަތަ ކުރެހުން އެކަނި ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެއީ، އޭނާ ސިފަކުރެއްވި ގޮތުގައި، އެ ކުންފުނީގެ ހިދުމަތް ލިބިގަންނަ ފަރާތާ އެކު އުފެދޭ ބަދަހި ގުޅުމެކެވެ.
"ދުނިޔޭގެ އެކި ހިސާބުތަކުން އަޅުގަނޑުމެންނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ އަލީގައި ރާއްޖޭން ބޭނުންވާ ފަދަ ފުރިހަމަ މާސްޓަ ޕްލޭނެއް ހަދައިދޭނަން،" މަހޭޝްވަރަން ވިދާޅުވި އެވެ.
އައިހަވަންގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނިން އޭޝިއާ އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސީއީއޯ މަހޭޝްވަރަން ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އައިހަވަން މަޝްރޫއު ކުރިއަށް ގެންދާ ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަނޑުއޮޅިއެއް ކަމަށެވެ. ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ވިޔަފާރީގެ ދާއިރާ އިން ނެގެން އޮތް ފައިދާއެއް ނެގުން މުހިއްމު ކަމަށާއި ވިޔަފާރި އާއި އިގުތިސޯދީ ތަރައްގީގެ ވަރަށް މުހިއްމު މަޝްރޫއަކަށް އައިހަވަން ވަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސިންގަޕޫރުގައި އޮތް އިންވެސްޓްމަންޓް ފޯރަމްގައި ހުޅުވައިލި ފަސް ޕްރޮޖެކްޓްގެ ތެރޭގައި މި ޕްރޮޖެކްޓް ހިމެނީ ވެސް އޭގެ މުހިއްމުކަން ބޮޑުކަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ އައިހަވަންގެ މާސްޓަ ޕްލޭން ނިމުމުން، ހިއްކަން ޖެހޭ ބިމުގެ ބޮޑުމިން އެނގޭނެ ކަމަށެވެ. އަދި ބަނދަރާއި އެއާޕޯޓް އަޅާނެ ތަނާއި ޔޮޓުފަހަރު ބަނދަރު ކުރަން ކަނޑައަޅާނެ ތަނާއި އެ ތަންތަނުގެ ބޮޑުމިން އަދި އެ ނޫން ވެސް ފަންނީ މައުލޫމާތުތައް އެނގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއާ އެކު އީއައިއޭ ވެސް ހަދާނެ. އެހެންވީމަ މިއީ ރާއްޖޭގެ ވެއްޓަށް އެލާޖިކް ނުވާނެ ގޮތަށް، ރާާއްޖެ އަށް ފައިދާވާނެ ގޮތަށް ކުރިއަށް ގެންދެވޭ ޕްރޮޖެކްޓެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވަނީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް އެއްބާރުލުން ދިނުމުގެ މުހިއްމުކަން ފާހަގަކުރައްވައިފަ އެވެ. އެއީ، އޭނާ ވިދާޅުވި ގޮތުގައި، އައިހަވަން އާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) ތަރައްގީކުރުން ފަދަ މަޝްރޫއުތަކުން ހާސިލް ކުރެވެނީ ދިވެހިން ބޭނުންވާ ތަރައްގީ ކަމަށް ވާތީ އެވެ.
"ސަރުކާރުން ހިންގާ ހުރިހާ މަސައްކަތެއްގެ އަމާޒު ވެސް މި ހުރީ ރައްޔިތުންގެ ލާބަ އަށް. ރާއްޖޭގެ އެއްވެސް ތަނެއް ނެތް ތަރައްގީގެ މަޝްރޫއެއް ނުހިންގާ ތަނެއް. ރައީސް އެ ކުރައްވާ މަސައްކަތް ބަލައިގަންނަން ޖެހޭ. މިއީ ގައުމު ދެކެ ލޯބިވާ، މި ކަންކަން ކުރަން އެނގޭ، ދަންނަ ބޭފުޅަކާ ވެރިކަން ހަވާލުކުރީމާ ވާ ގޮތް. އެއީ ސިންގަޕޫރުން ވެސް ކުރި ކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އައިހަވަންގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ސިންގަޕޫރުގެ ސުރުބަނާ ޖުރޮންގާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ދުނިޔޭގެ 40 ގައުމެއްގައި 95 އޮފީސް ހިންގާ އަދި 13،00 އަށް ވުރެ ގިނަ މުވައްޒަފުން ގެންގުޅޭ ސުރުބަނާ ޖުރޮންގަކީ ސިންގަޕޫރު ސަރުކާރުގެ ކުންފުންޏެކެވެ. މައިގަނޑު ގޮތެއްގައި އާބަން ޕްލޭނިން އާއި ޑިޒައިނިންގެ ހިދުމަތް ދޭ މި ކުންފުނިން ދުނިޔޭގެ ގާތްގަނޑަކަށް 90 ގައުމުގައި އެކި މަޝްރޫއުތަކަށް ޕްލޭނިން އަދި ޑިޒައިން ކުރުމުގެ ހިދުމަތް ދެމުން ގެންދެ އެވެ. ސުރުބަނާ ޖުރޮންގުން މިހާތަނަށް ހިންގާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ރުވާންޑާގައި މާލީ މަރުކަޒެއް ބިނާކުރަން ހަދައިދިން މާސްޓަ ޕްލޭނާއި އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ވެރިރަށެއްގެ ގޮތުގައި އަމަރަވާތީ ތަރައްގީކުރުމުގެ މަޝްރޫއު އަދި މިޔަންމާގެ ބައިނަލްއަގުވާމީ ބަނދަރާއި ސިނާއީ ސަރަހައްދު ހެދުމުގެ މަޝްރޫއު ހިމެނެ އެވެ.
އައިހަވަންގެ ފީސިބިލިޓީ ދިރާސާ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕާ (ބީސީޖީ)އާ ހަވާލުކޮށްގެން ކުރިން ވަނީ ހަދައިފަ އެވެ. މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމީ އެ ދިރާސާ އަށް ބަލައިފަ އެވެ. މީގެ އިތުރުން، އައިހަވަން މަޝްރޫއުގެ ދަށުން ބިން ހިއްކަން އަންނަ ޑިސެމްބަރު މަހު ފަށާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
އައިހަވަން މާސްޓަ ޕްލޭނަށް 10 ފަރާތެއް ކުރިމަތިލައިފި
ދެ ކޮމާޝަލް ޕޯޓުގެ މަސައްކަތް ވަރަށް އަވަހަށް ފަށަނީ
އައިހެވަންގެ މާސްޓަ ޕްލޭން މިމަހު ނިމޭނެ
އައިހެވަންގެ މާސްޓަ ޕްލޭން ހަދާނެ ބަޔަކު ހޯދަނީ
ޑިވެލޮޕްމަންޓް ބޭންކު އުފެއްދުމުގެ ލައިސަންސަށް އެދިއްޖެ
މަހެއް ތެރޭގައި ބަންކަރިންގެ ހިދުމަތް ފަށާނެ: ސައީދު
އެސްއީޒެޑްގެ ބިޔަ ދެ މަޝްރޫއެއް ދުބާއީ ކުންފުންޏަކަށް
ބަންކަރިން ޕްރޮޖެކްޓު ވިޓޯލް ކުންފުންޏާ ހަވާލުކޮށްފި
ޖުލައިގައި އިހަވަންދިއްޕޮޅުގައި ބަންކަރިން ފަށަނީ
އިހަވަންދިއްޕޮޅު ތަރައްގީކުރަން ފްރީޒޯން ކުންފުންޏަށް