Roadha Mihaaru

ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ލަންކާއާ އެކު މަޝްވަރާއެއް ނުކުރޭ: ސައީދު

ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކުރަމުން އަންނަ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް ޒޯނެއްގެ މަޝްވަރާ ލަންކާއާ އެކު ނުކުރޭ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 ޖޫން 2025

ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ރާއްޖެ އާއި ސްރީލަންކާއާ ދެމެދު މަޝްވަރާކުރަމުން އަންނަ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފައި ވިޔަސް އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރީ އިކޮނޮމިކް އަދި ފްރީ މޫވްމަންޓް ޒޯނެއް ހެދުމަށް ރާއްޖެ އާއި ލަންކާއާ ދެމެދު ކުރަމުން އަންނަ މަޝްވަރާތައް ހަގީގަތަކަށް ވެއްޖެ ނަމަ އެއީ މި ސަރަހައްދުގައި މިހާތަނަށް ދެ ގައުމަކުން ހަދާ އެންމެ ތާރީހީ އިގްތިސާދީ އެއްބަސްވުމަށް ވެގެން ދާނެ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ނުވަތަ ވޯކް ޕާމިޓް ބޭނުންނުކޮށް އެއްގައުމުން އަނެއް ގައުމަށް ގޮސް ދިރިއުޅުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި، މުދާ މިލްކުކުރުމާއި، ވިޔަފާރި ހިންގުމާއި، އާންމު ހިދުމަތްތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ބުނެ ރިޕޯޓްކޮށްފައިވެ އެވެ.

"ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ކޮމާޝަލް ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން ދިވެހިސަރުކާރުން މަސައްކަތްކުރާ ވާހަކައަކީ ރަނގަޅުވާހަކައެއްނޫން. އެއީ މިހާތަނަށް ހިޔާލުކުރެވި ނުވަތަ މަޝްވަރާކުރެވިފައިވާކަމެއް ވެސް ނޫން،" މީޑިއާ ރިޕޯޓްތައް ދޮގުކުރައްވައި، އެކްސްގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

ލަންކާގެ ރިޕޯޓުތައް ބުނާ ގޮތުން އެއްބަސްވުމާ ގުޅޭ މަޝްވަރާތަކެއް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ދަތުރުގައި ކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މުދަލުން ނަގާ ހުރިހާ ޑިއުޓީއަކާއި ޓެކްސްއެއް އުވާލައި ބައިލެޓަރަލް ފްރީ އިކޮނޮމިކް ޒޯން (އެފްއީޒެޑް) އާއި ކޮމަން ކަސްޓަމްސް ޔޫނިއަންއެއް ގާއިމުކުރުން ފަދަ ކަންކަމާ މެދު ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.