Roadha Mihaaru
ބްރިޓްނީގެ ލޯބިވެރިޔާ އަށް ގިބްސަނާ އެކު ފިލްމެއް

ބްރިޓްނީގެ ލޯބިވެރިޔާ އަށް ގިބްސަނާ އެކު ފިލްމެއް

29 އޮކްޓޯބަރ 2021

އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރު ވަމުން އަންނަ ބައިވެރިޔާ ސާމް އަސްގަރީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަނާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ،

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސް އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރު ވަމުން އަންނަ ބައިވެރިޔާ ސާމް އަސްގަރީ ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެލް ގިބްސަނާ އެކު ފިލްމެއް ކުޅެން ސޮއިކޮށްފި އެވެ،

ޑެޑްލައިނުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ފިލްމަކީ އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ހޮޓް ސީޓް" އެވެ. ސާމްއާ އެކު ފިލްމުގެ ކާސްޓާ ގުޅުނު ތަރިންގެ ތެރޭގައި އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ކެވިން ޑިލަން، 56، ވެސް ހިމެނެ އެވެ. "ހޮޓް ސީޓް" އަކީ އިރާނަށް އުފަން 27 އަހަރުގެ ސާމް ހޮލީވުޑްގެ ފީޗާ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

ޕާސަނަލް ޓްރެއިނަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ސާމް ކުރިން ބައެއް ވީޑިއޯ ލަވަތަކާއި ސީރީޒްތައް ކަމަށްވާ "އެންސީއައިސް" އާއި "ދަ ފެމިލީ ބިޒްނެސް" ފަދަ އެއްޗެހީގައި މަސައްކަތް ކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރު އެޗްބީއޯގެ "ހެކްސް" އާއި ޝޯޓައިމްގެ "ބްލެކް މަންޑޭ" ގައި ވެސް އެކްޓް ކޮށްފައިވެ އެވެ.

ސާމް ދާދި ފަހުން ވެރައިޓީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ ކުރިން ކޮމެޑީ ރޯލުތަކުން ފެނުނަސް، އެކްޝަން ރޯލުތައް ކުޅެން ވަރަށް ބޭނުންވާ ކަމަށެވެ. އަދި ކޮމެޑީ އަށް ފަރިތަ އެކްޓަރުންނަކީ ކޮންމެ ކަހަލަ ފިލްމަކަށް ވެސް ހެޔޮވަރު މީހުން ކަމަށް ބުންޏެވެ.

ގިބްސަން، 65، އާ އެކު "ހޮޓް ސީޓް" ގައި މަސައްކަތް ކުރަން ލިބުމުން ސާމް މިހާރު ހުރީ ވަރަށް އުފަލުންނެވެ. ހޮލީވުޑްގެ ބޮޑު ފިލްމަކުން ފުރުސަތު ލިބުނު އިރު އޭނާގެ އުންމީދަކީ ވެސް އެކްޓަރެއްގެ ގޮތުގައި ކުރިއަށް ދިއުމެވެ.

"ހޮޓް ސީޓް" އަކީ ލިއޯން ލޭންގްފޯޑާއި ކޮލިން ވޮޓްސްގެ ވާހަކައަކަަށް ޖޭމްސް ކްލެން ބްރެޒެކް ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ ކުރިން ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2019 ގެ "ބިޔޯންޑް ދަ ލޯ" އާއި 2017 ގެ "ބިތޭނީ" ހިމެނެ އެވެ. ޖޭމްސްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ބްރޫސް ވިލިސްއާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ޓްރިލޮޖީ "ފޯޓްރެސް" ހިމެނެ އެވެ.

ޖޭމްސްގެ އާ ފިލްމު "ހޮޓް ސީޓް" އިން ސާމް އަށް ފުރުސަތު ލިބުނު އިރު އޭނާ އާއި ބްރިޓްނީ އެންގޭޖްވީ މިދިޔަ މަހުގެ ތެރޭގަ އެވެ. ސާމް ބުނެފައިވާ ގޮތުގައި ބްރިޓްނީ ވެސް އަލުން އެކްޓިން އަށް ނުކުންނަން އޭނާ ވަރަށް ބޭނުންވެ އެވެ.