Roadha Mihaaru
ސާންޑްރާ ބުލޮކް އެކްޓިން އާ ދުރަށް

އާއިލާ އަށް ވަގުތު ދޭން ސާންޑްރާ ބުލޮކް އެކްޓިން އާ ދުރަށް

17 މާޗް 2022

ހޮލީވުޑްގެ މަޝްހޫރު ބޮޑެތި ފިލްމުތަކުން ފެނިފައިވާ އެކްޓްރެސް ސާންޑްރާ ބުލޮކް އެކްޓިން އިން ބްރޭކެއް ނަގަން ނިންމައިފި އެވެ.

އަހްމަދު ޖައިޝަން އަހްމަދު ޖައިޝަން

ހޮލީވުޑްގެ މަޝްހޫރު ބޮޑެތި ފިލްމުތަކުން ފެނިފައިވާ އެކްޓްރެސް ސާންޑްރާ ބުލޮކް އެކްޓިން އިން ބްރޭކެއް ނަގަން ނިންމައިފި އެވެ.

މަޝްހޫރު ތަރި ޗޭނިން ޓޭޓަމްއާ އެކު ސާންޑްރާ ކުޅެފައިވާ ކޮމެޑީ ފިލްމު "ލޮސްޓް ސިޓީ"ގެ ޕްރޮމޯޝަން ތެރެއިން ސާންޑްރާ ވަނީ އެކްޓިން އިން ބްރޭކެއް ނެގުމަށް ނިންމާފައިވާ ކަން އިއުލާންކޮށްފަ އެވެ.

ސާންޑްރާ ބުނެފައި ވަނީ މި ވަގުތު އެންމެ ބޮޑަށް ވަގުތު ދޭން ބޭނުންވަނީ ދަރިންނާއި އާއިލާ އަށް ކަމަށެވެ. ސާންޑްރާގެ 12 އަހަރުގެ ފިރިހެން ކުއްޖަކާއި 10 އަހަރުގެ އަންހެން ކުއްޖެއް ހުރެ އެވެ.

މިހާރުގެ ހާލަތަށް ވިސްނާ ނަމަ، ހުރިހާ ވަގުތެއް ދެވެން އޮތީ އަމިއްލަ ދިރިއުޅުމަށް ކަމަށް ފާހަގަކޮށް ސާންޑްރާ ބުނީ އަނބުރާ ސްކްރީނަށް އަންނާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. އަދި މިއީ އެކްޓިން އިން ސީދާ އެއްކޮށް ދުރަށް ދިޔުން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެންގެ މަސައްކަތް ވަރަށް ސީރިއަސްކޮށް ނަގަން. އެކަމަކު މިވަގުތު ލޯބިވާ އެންމެނަށް ވަގުތު ދޭން ބޭނުމީ. އެހެންވީމަ މަސައްކަތަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭނެ. އެހެންވީމަ އެކްޓިން އާ ދުރުވާން މި ވިސްނީ،" ސާންޑްރާ ބުންޏެވެ.

ސާންޑްރާގެ އެންމެ ފަހުގެ ފިލްމު "ލޮސްޓް ސިޓީ"، މި މަހުގެ 25 ގައި ސިނަމާތަކުގައި ދައްކަން ފަށާނެ އެވެ.