Roadha Mihaaru
ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟

ހޮލީވުޑްގެ އާ ލޯބިވެރިންނަކީ ކްރިސް އާއި ސެލީނާ؟

09 އޮކްޓޯބަރ 2021

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް އާއި ލަވަކިޔުންތެރިޔާ ސެލީމާ ގޮމޭޒް ލޯބީގެ ގޮތުން ގުޅިގެން ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް އިވަންސް އާއި ލަވަކިޔުންތެރިޔާ ސެލީމާ ގޮމޭޒް ލޯބީގެ ގޮތުން ގުޅިގެން ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ބައެއް މީޑިއާތަކުން ބުނީ ދެ ތަރިން އިންސްޓަގްރާމުން ފޮލޯކުރަން ފަށާފައިވާ އިރު ދާދި ފަހުން އެކީގައި ޑޭޓް ނައިޓަކަށް ނުކުމެ އުޅެނިކޮށް ވެސް ފެނިފައިވާ ކަމަށެވެ. ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުނި ގޮތުގައި "ދި އެވެންޖާޒް" ގައި ކެޕްޓަން އެމެރިކާގެ ރޯލު ކުޅުނު ކްރިސް އާއި ސެލީނާގެ މެދުގައި ހާއްސަ ގުޅުމެއް އުފެދި، އެ ގުޅުން ބަދަހިވާން ފެށީ ދެ ތަރިން މިހާރު އެކީގައި ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން ފެށުމާ ވެސް އެކީގަ އެވެ. އެކަމަކު އެއީ ކޮން ޕްރޮޖެކްޓެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ލަވަކިޔުންތެރިއެއްގެ ގޮތުގައި ސެލީނާ މަޝްހޫރަސް އޭނާ އަކީ އެކްޓް ވެސް ކުރާ ފަންނާނެކެވެ. ސެލީނާ ކުރިން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެންމެ މަޝްހޫރު މީހަކީ 2019 ގައި މޮޑެލް ހެއިލީ ބޯލްޑްވިންއާ ކައިވެނިކުރި ޖަސްޓިން ބީބާ އެވެ.

ކޮންމެއަކަސް ސެލީނާ އާއި ކްރިސްގެ ގުޅުމުގެ ވާހަކައިގެ އަޑުގަދަ ވަމުން އަންނަ ފޭނުން އަންނަނީ ޓްވިޓާގައި މިއީ ކުރިން ވެސް ވާނެ ކަމަށް ކަމަށް އުންމީދުކުރި ކަމެއް ކަމަށް ބުނެ ޓްވިޓާގައި ފޯރި ނަގަމުންނެވެ. އެގޮތުން 2015 ގައި "ވޮޗް ވަޓް ހެޕެންސް ލައިވް!" ގައި ކްރިސް އަަކީ ވަރަށް ބޮޑު ކްރަޝްއެއް ކަމަށް ސެލީނާ ބުނި ވާހަކަތައް ވެސް ބައެއް މީހުން ޓްވިޓާގައި ހަނދާނަށް ގެނެސްފައިވެ އެވެ.

ބައެއް މީހުން ބުނީ ސެލީނާ، 29، އާއި ކްރިސް، 40، ކޮންމެވެސް ހިސާބަކުން ލޯބީގެ ގޮތުން ގުޅޭނެ ކަމަށް އެ މީހުން ކުރިން ވެސް ލަފާ ކޮށްގެން ތިބި ކަމަށާއި އެހެންވެ މިހާރު އެކަން ވުމަކީ ހައިރާން ވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.

މީގެ ދެ އަހަރު ކުރިން ދީފައިވާ އިންޓަވިއުއެއްގައި ކައިވެންޏަކާ ދޭތެރޭ ވިސްނާ ކަމަށް ކްރިސް ބުނެފައިވެ އެވެ. އޭނާ ކުރިން ރައްޓެހިވި ކަމަށް ބުނާ މީހުންގެ ތެރޭގައި ޖެސިކާ ބިއެލް އާއި ލިލީ ކޮލިންސް އަދި މިންކާ ކެލީ ހިމެނެ އެވެ.