Roadha Mihaaru
"ބަދާއީ ދޯ" ނިންމާލައި ރާޖާއި ބޫމީ ދެވަނަ ފިލްމަކަށް

"ބަދާއީ ދޯ" ނިންމާލައި ރާޖާއި ބޫމީ ދެވަނަ ފިލްމަކަށް

28 އޮކްޓޯބަރ 2021

އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަދާއީ ދޯ" އަދި ބެލުންތެރިންނަށް ގެނެސް ނުދެނީސް ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރް އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަދާއީ ދޯ" އަދި ބެލުންތެރިންނަށް ގެނެސް ނުދެނީސް ބޮލީވުޑްގެ ޒުވާން ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރް އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މި ފަހަރުގެ ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ އަނޫބަވް ސިންހާގެ "ބީޅް" އެވެ. ބޫމީ އާއި ރާޖާ އެކު މީގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރީތައް ވެފައިވާ އިރު، ކާމިޔާބު ފިލްމުތަކެއް ގެނެސްދިން ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ތާޕްސީ ޕައްނޫއާ އެކު ގެނެސްދިން "ތައްޕަޅު" އެވެ.

"ބީޅް" އަށް އަނޫބާވް ތައްޔާރުވި އިރު، އޭނާ އަޔޫޝްމަން ކްރާނާއާ އެކު ހެދި ދެވަނަ ފިލްމު "އަނޭކް" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް މަހުގެ 31 ގަ އެވެ.

ބޫމީ އާއި ރާޖް އެކީގައި ކުޅުނު ފުރަތަމަ ފިލްމު "ބަދާއީ ދޯ" އަކީ 2018 ގައި ރިލީޒްކުރި އަޔޫޝްމަންގެ "ބަދާއީ ހޯ" ގެ ސީކްއެލްކެކެވެ. އެކަމަކު އެ ފިލްމާ މުޅިން ތަފާތު ޕްލޮޓަކަށް، އަދި މުޅިން ތަފާތު ޓީމަކާ އެކު ގެނެސްދޭ ފިލްމަކީ ހާޝްވަރުދަން ކުލްކަރްނީގެ ޑައިރެކްޝަނެކެވެ. އޭގެ ޝޫޓިން މާޗް މަހުގެ ތެރޭގައި ނިންމާފައި އޮތަސް ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ "ހަމް ދޯ ހަމާރޭ ދޯ" ގެ ބަތަލު ރާޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މޮނިކާ، އޯ މައި ޑާލިން" އާއި "ހިޓް: ދަ ފަސްޓް ކޭސް" ހިމެނެ އެވެ. ބޫމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރަކްޝާ ބަންދަން" އާއި "މިސްޓަ ލޭލޭ" އަދި "ބަކްޝަކް" ހިމެނެ އެވެ.