Roadha Mihaaru
ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅޭނެ

ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅޭނެ

24 ނޮވެމްބަރ 2021

ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި އާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ގައި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ކްރިކެޓް ކުޅުންތެރިންގެ ރޯލު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަރަންް ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އިއުލާންކުރި އާ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" ގައި ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯ ކްރިކެޓް ކުޅުންތެރިންގެ ރޯލު ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ޖާންވީ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑައިރެކްޓަރު ޝަރަމް ޝަރުމާގެ ދެވަނަ ފިލްމެވެ. "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ޖާންވީ އާއި ރާޖް އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ މި އަހަރުގެ މާޗްގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އެވެ.

މިދިޔަ ހަފުތާގައި ބަތަލާ ޕަޓްރަލޭކާއާ ކައިވެނިކުރި ރާޖް، ޖާންވީއާ އެކު ކުޅެން ސޮއިކުރި ދެވަނަ ފިލްމަކީ ކަރަންގެ ދަރުމާ އަށް އޭނާ ކުޅޭ ފުރަތަމަ ފިލްމެވެ. އެކަމަކު މީގެ ކުރިން ވެސް އެ ސްޓޫޑިއޯގެ ފިލްމަކުން ރާޖަށް ފުރުސަތު ލިބުނެވެ. އެއީ ޖާންވީ ބަތަލާގެ ރޯލު ކުޅޭ "ދޯސްތާނާ 2" އެވެ. އެ ފިލްމުގެ އެއް ބަތަލަކަށް ނެގި ކާތިކް އާރިޔަން ފިލްމުން ވަކިކުރުމާ ގުޅިގެން އޭގެ މަސައްކަތް ހުއްޓިފައި އޮތް އިރު، ކާތިކްގެ ރޯލަށް ދެން ނަގައިފާނެ ކަމަށް ބުނާ އެކްޓަރުންގެ ތެރޭގައި ވެސް ރާޖް ހިމެނެ އެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ "މިސްޓަ މިސިޒް މާހީ" އަކީ ދަރުމާ އިން ކުރިން ކާތިކާ އެކު ހަދަން ޕްލޭންކުރި ފިލްމެއް ކަމެވެ. އެކަމަކު އޭނާގެ ފަރާތުން ދަރުމާ އަށް ހިތްހަމަނުޖެހޭ ކަންތައްތަކެއް ފެނުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އެ ސްޓޫޑިއޯގެ އެއްވެސް ފިލްމަކުން ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

"މިސްޓަ އެންޑް މިސިޒް މާހީ" ގެ ޝޫޓިން ފަށާނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އަދި ސިނަމާތަކަށް ފިލްމު ގެންނާނީ އޮކްޓޯބަރު 7 ގަ އެވެ. މީގައި ޖާންވީގެ ކެރެކްޓާގެ ނަމަކީ މަހީމާ އެވެ. އަދި ރާޖަކީ މަހެންދުރަ އެވެ.