Roadha Mihaaru
ކަރަން އާއި ގުނީތު ގުޅިގެން ތިންވަނަ ފިލްމެއް

ކަރަން އާއި ގުނީތު ގުޅިގެން ތިންވަނަ ފިލްމެއް ގެނެސްދެނީ

22 އޮކްޓޯބަރ 2023

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އާއި ޕްރޮޑިއުސަރު ގުނީތު މޮންގާ ގުޅިގެން ތިންވަނަ ފިލްމެއް ގެނެސްދޭން ނިންމާފައިވާ ކަން އިއުލާންކޮށްފި އެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރު އާއި ޕްރޮޑިއުސަރު ގުނީތު މޮންގާ ގުޅިގެން ތިންވަނަ ފިލްމެއް ގެނެސްދޭން ނިންމާފައިވާ ކަން އިއުލާންކޮށްފި އެވެ.

ކަރަން އާއި ގުނީތު ޕްރޮޑިއުސްކޮށް 2013 ވަނަ އަހަރު ގެނެސްދިން "ލަންޗުބޮކްސް" އާއި މިދިޔަ މަހު ގެނެސްދިން "ކިލް" އަކީ ކްރިޓިކުން ތައުރީފު އޮހުނު ފިލްމުތަކެވެ. އެ ފިލްމުތަކަށް ވަރަށް މަތީ ރޭޓިންއެއް ވެސް ލިބިފައިވެ އެވެ.

އެ ދެމީހުން ޕްރޮޑިއުސްކުރާ ތިންވަނަ ފިލްމެއް ގެނެސްދޭކަން މި އިއުލާންކުރީ މިދިޔަ މަހު ބޭއްވި ޓޮރޮންޓޯ ފިލްމު ފެސްޓިވަލުގައި "ކިލް" އަށް ލިބުނު ބޮޑު ތަރުހީބަށް ފަހުގަ އެވެ.

ގުނީތު ޕްރޮޑިއުސްކުރި ޑޮކިއުމެންޓްރީ "ދި އެލިފެންޓް ވިސްޕާސް" އިން މި އަހަރު އޭނާ އަށް ވަނީ އޮސްކާ އެވޯޑު ވެސް ލިބިފަ އެވެ.

ކަރަން އާއި ގުނީތު ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމީހުން ދެން ޕްރޮޑިއުސްކުރާ ފިލްމަކީ ފްރާންސްގެ މަޝްހޫރު ފިލްމު "ދި އަންޓަޗެބަލްސް"ގެ ހިންދީ އެޑަޕްޓޭޝަނެއް ކަމަށެވެ.

"ދި އިންޓަޗެބަލްސްގެ އިންޑިއަން ވާޝަންއެއް ގެނެސްދިނުމަކީ އުފެއްދުންތެރި ކަމުގެ ގޮތުން ގޮންޖެހުންތައް ބޮޑުވާނެ އެކަމަކު އެހާ ޝައުގުވެރިވާނެ ފުރުސަތެއް. އިންޑިއާގެ ސަގާފަތްތަކާ ގުޅޭ ގޮތަށް، ބެލުންތެރިންނަށް ކަމުދާނެ ރަހަތަކާ އެކު މި ފިލްމު ގެނެސްދިނުމަށް މަސައްކަތް ކުރާނަން،" އެ ނޫސްބަޔާނުގައި ކަރަން ބުންޏެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕީކޭ"، "ތަލާޝް"، "ސަންޖޫ"، "ބާގް މިލްކާ ބާގް" އަދި "އެންއެޗު10" ކަހަލަ ފިލްމުތަކުގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ކޮލިން ޑިކޫނާ އެވެ.

"ދި އިންޓަޗެބަލްސް" އަކީ ޕާޝިއަން ދަރިކޮޅުގެ ގަދަރުވެރި މީހަކު ޕެރަގްލައިޑިން ކުރަނިކޮށް ހިނގާ އެކްސިޑެންޓެއްގައި އޭނާ އަށް އަނިޔާވެ، ނުހިނގޭ ހިސާބުން ފުރޮޅުލީ ގޮޑިއެއްގައި އިންނަން ޖެހުމުން އޭނާގެ އެހީތެރިއަކަށް ގެންނަ މީހަކާ ދިމާވާ ފަހުން ހިނގާ ކަންތައްތަކެއް ދައްކާ ފިލްމެކެވެ. ފްރާންސްގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި މި ފިލްމު ނުކުތީ 2011 ވަނަ އަހަރެވެ.