Roadha Mihaaru

ކަޝްމީރްގައި ދިން ހަމަލާއާއެކު ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު އިންޑިއާގައި މަނާކޮށްފި

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި 26 މީހަކު މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަން ކުޅުނު ފިލްމު އިންޑިއާގައި ދެއްކުން މަނާކޮށްފި އެވެ.

ފަވާދު ބޮލީވުޑަށް އެނބުރި އަންނަ ފިލްމު މަނާކޮށްފި

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި 26 މީހަކު މަރާލި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ މަޝްހޫރު އެކްޓަރު ފަވާދު ހާން ބޮލީވުޑަށް އެނބުރި އަންނަން ކުޅުނު ފިލްމު އިންޑިއާގައި ދެއްކުން މަނާކޮށްފި އެވެ.

އިންޑިއާގެ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނީ ފަވާދު އެނބުރި ބޮލީވުޑަށް އަންނަ ފިލްމު "އަބީރް ގުލާލް" އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް، އިންޑިއާގެ ކަމާ ބެހޭ އިދާރާއަކުން ރަސްމީކޮށް އަދި މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މި ހަމަލާއާ ގުޅިގެން އިންޑިއާ އިން މިހާރު ވެސް ވަނީ ޕާކިސްތާނަށް ބައެއް ފިޔަވަޅުތައް އަޅައި، ޕާކިސްތާނު ރައްޔިތުންނަށް އިންޑިއާގެ ވިސާ ދިނުން ވެސް މެދުކަނޑާލައިފަ އެވެ.

ޓޫރިޒަމަށް މަޝްހޫރު ޕަހަލްގާމްގައި އަންގާރަ ދުވަހު، ހަތިޔާރު އަޅައިގެންތިބި ބަޔަކު 26 މީހަކު މަރާލާފައި ވާއިރު ނޭޕާލް މީހަކު ފިޔަވައި ދެން އެންމެންނަކީ އިންޑިއާ މީހުންނެވެ. މިއީ މުސްލިމުން ގިނަ އެ ސަަރަހައްދުގައި 2000 ވަނަ އަހަރުގެ ފަހުން އާންމުންނަށް އަމާޒުކޮށް ދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ.

ފަވާދު އެނބުރި އަންނަނީ ބޮލީވުޑްގެ އެކްޓްރެސް ވާނީ ކަޕޫރާ އެކު ކުޅޭ ފިލްމަކުންނެވެ. އެއީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ.

"އަބީރް ގުލާލް" ޑައިރެކްޓުކުރަނީ މިދިޔަ އަހަރު "ޗަލްތީ ރަހޭ ޒިންދަގީ" ކިޔާ ހިންދީ ފިލްމެއް ގެނެސްދިން އާރްތީ އެސް ބަގްދީ އެވެ.

ފަވާދު ވަނީ ކުރިން ވެސް ބޮލީވުޑްގެ ތިން ފިލްމެއް ކުޅެފަ އެވެ. ނަމަވެސް، 2016 ވަނަ އަހަރު ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރުން އިންޑިއާގެ ފިލްމު އެސޯސިއޭޝަނުން މަނާކުރުމުން އޭނާ ބޮލީވުޑްގައި މަސައްކަތްކުރުން ހުއްޓާލީ އެވެ. އެކަމަކު، މުމްބާއީގެ ހައިކޯޓުން މިދިޔަ އަހަރު ވަނީ އެ ނިންމުން ބާތިލުކޮށްފަ އެވެ.