Roadha Mihaaru
ކަރަންގެ އާ ފިލްމުގެ އިޝާރާތެއް ދީފި

ކަރަންގެ އާ ފިލްމުގެ އިޝާރާތެއް ދީފި

29 ޖެނުއަރީ 2024

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އާ ފިލްމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ އާ ފިލްމުގެ އިޝާރާތެއް އޭނާ ދީފި އެވެ.

ކަރަން އިއްޔެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ އަހަރުން ފެށިގެން މި ފިލްމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފިލްމާ ގުޅޭ އެއްވެސް ވާހަކައެއް މިހާތަނަށް އާންމުކޮށްފައި ނުވާނެ ކަމަށާއި ފިލްމުގެ ކްރޫއަށް ވެސް އަދި އެއްވެސް ކަމެއް ހިއްސާކޮށްފައި ނުވާނެ ކަމަށެވެ. އެއީ މި ފިލްމާ އެކު ޑައިރެކްޝަނަށް އަލަށް ނުކުންނަ ޑައިރެކްޓަރު ބޭނުންވި ގޮތް ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ ޕޯސްޓުގައި ވަނީ އެ ފިލްމުން ފެންނާނެ ބައެއް އެކްޓަރުންނާ ގުޅޭ "ހިންޓުތަކެއް" ވެސް ދީފަ އެވެ.

އޭގެން އެއް ހިންޓަކީ މި ފިލްމުގެ ލީޑު ރޯލެއް ކުޅޭ އެއް އެކްޓަރަކީ ދެކުނު އިންޑިއާގެ ސިނަމާގެ ސުޕަސްޓާރެކެވެ. އަދި އޭނާ ވަނީ މިފަހުން ވަރަށް ވަރުގަދަ ރޯލެއް ފިލްމެއްގައި ކުޅެފަ އެވެ. އެ ޕޯސްޓުގެ ކޮންމެންޓުތަކުގައި ފޭނުން ބުނެފައިވާ ގޮތުގައި، އެއީ މިފަހުން ނުކުތް ދެކުނު އިންޑިއާގެ ފިލްމެއް ކަމަށްވާ "ސަލާރު"ގައި ވަރުގަދަ ރޯލެއް ކުޅުނު ޕްރިތުވިރާޖަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މި ފިލްމުގައި ލީޑު އަންހެން ރޯލު ކުޅޭ ތަރިއަކީ ގިނަ ބަޔަކު ވަރަށް ލޯބިކުރާ އަދި އޭނާގެ ޖަރުބާތީ އެކްޓިންގެ ހުނަރުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިއެކެވެ. ބައެއް ފޭނުން ބުނާ ގޮތުގައި އެއީ ކާޖޮލް އެވެ.

ފިލްމުގެ ތިންވަނަ ލީޑަކީ ފިލްމީ ދާއިރާއަށް ނުކުތުމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ އަދި ނެޕޮޓިޒަމްގެ ޓެގު އެޅުމުގެ ފުރުސަތު ނުދީ އޭނާގެ ހުނަރުން ދާއިރާގައި ކުރިއަށް ދާން ބޭނުންވާ އެކްޓަރެއް ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. ފޭނުން ބުރަވާ ގޮތުގައި އެއީ ސައިފް އަލީ ހާންގެ ދަރިފުޅު، އިބްރާހިމް އަލީ ހާން އެވެ.

އިބްރާހިމް އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށިކަން އޭނާގެ ދައްތަ ސާރާ އަލީ ހާން ވަނީ މިދިޔަ އަހަރު ބުނެފަ އެވެ. ނަމަވެސް، އޭރު އެ ފިލްމާ ގުޅޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. އަދި އިބްރާހިމް ވަނީ މިދިޔަ އަހަރު ނުކުތް ކަރަންގެ ކާމިޔާބު ފިލްމު "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"ގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.