Roadha Mihaaru
ޔޫކޭގެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު"

އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު"

24 އޮކްޓޯބަރ 2021

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުގައި އުފަންވި ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުގައި އުފަންވި ފިރިހެން ކުދިންނަށް ކިޔާފައިވާ އެންމެ މަގުބޫލު ނަންތަކުގެ ތެރޭގައި "މުހައްމަދު" ހިމެނިއްޖެ އެވެ.

އެ ނަން އޮތީ އެންމެ މަގުބޫލު 10 ނަމުގެ ލިސްޓްގެ ފަސް ވަނައިގަ އެވެ. މިއާ އެކު އެންމެ މަގުބޫލު 100 ފިރިހެން ނަމުގެ ތެރޭގައި ވެސް މުހައްމަދު އެ ނަން އިތުރު ދެ ގޮތަކަށް ހިމެނެ އެވެ. އެއީ ނަން ލިޔާ ގޮތުގައި ހުރި ތަފާތުތަކާ އެކީގަ އެވެ. އެގޮތުން ފަސް ވަނައިގައި އޮތް މުހައްމަދުގެ ސްޕެލިން އަކީ "Muhammad" އެވެ. އެ ނަން މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް 3،700 އަށް ވުރެ ގިނަ ކުދިންނަށް ކިޔާފައިވެ އެވެ. ގަދަ 100 ގެ 32 ވަނައިގައި އޮތް މުހައްމަދުގެ ސްޕެލިން އަކީ "Mohammed" އެވެ. އަދި 100 ގެ 75 ވަނަގައި އޮތް މުހައްމަދުގެ ސްޕެލިން އަކީ "Mohammad" އެވެ.

މުހައްމަދު މި ނަމަކީ މުސްލިމު ފިިރިހެނުންގެ ނަމުގެ ކުރިއަށް އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ އެއް ނަމެވެ. އަދި އެ ނަން އެންމެ ބޮޑަށް ނިސްބަތްވާ ފަރާތަކީ ކީރިތި ރަސޫލާ އެވެ. މި ނަމުގެ މަގުބޫލުކަން އިނގިރޭސިވިލާތުގައި ބޮޑުވަމުން އަންނަ އިރު އެމެރިކާގައި 2019 ގައި އެންމެ މަގުބޫލު ނަމަކީ ވެސް އެއީ އެވެ. އެ އަހަރު އެ ނަން އޮތީ އެންމެ މަގުބޫލު 10 ނަމުގެ ލިސްޓްގެ 10 ވަނައިގަ އެވެ.

މިދިޔަ އަހަރާއި މި އަހަރުގެ އެންމެ މަގުބޫލު ނަންތަކާ އެކު އިނގިރޭސިވިލާތުގެ ނެޝަނަލް ސްޓެޓިކްސް އޮފީހުން އާންމުކުރި ލިސްޓްގައިވާ ގޮތުން އެ ގައުމުގައި ފިރިހެން ކުދިންނަށް ކިޔާ ނަންތަކުގެ ތެރެއިން އެންމެ މަގުބޫލު ނަމަކީ އޮލިވާ އެވެ. ގަދަ 10 ގެ ތަރުތީބަކީ މިއެވެ؛ އޮލިވާ، ޖޯޖް، އާތާ، މުހައްމަދު، ލިއޯ، އޮސްކާ، ހެރީ، އާޗީ އަދި ޖެކް އެވެ.

އިނގޭސިވިލާތުގައި އެންމެ މަގުބޫލު އަންހެން ނަންތަކަށް ބަލާ އިރު ގަދަ 10 ގެ ތަރުތީބަކީ މިއެވެ؛ އޮލީވިއާ، އެމީލިއާ، އިޒްލާ، އަވާ، މިއާ، އައިވީ، ލިލީ، އީޒަބެލާ، ރޯޒީ އަދި ސޯފިއާ އެވެ.

އިނގިރޭސިވިލާތުގައި މިދިޔަ އަހަރާއި މި އަހަރު އެންމެ މަގުބޫލު 100 ފިރިހެން ނަމުގެ ތެރޭގައި މުސްލިމު އިތުރު ނަންތަކެއް ވެސް ހިމެނެ އެވެ. އެއީ 21 ވަނައިގައި އޮތް އިސާކް އާއި 94 ގައި އޮތް ޔޫސުފް އަދި 98 ގައި އޮތް އިބްރާހީމް އެވެ.