Roadha Mihaaru
ޔޫކޭގެ އެންމެ ބޮޑު އާއިލާގައި 17 ދަރިން

ޔޫކޭގެ އެންމެ ބޮޑު އާއިލާގައި 17 ދަރިން

20 ޖޫން 2016

އިނގިރޭސި ވިލާތުގެ އެންމެ ގިނަ ކުދިން ތިބި އާއިލާގެ ރެކޯޑް މިހާރު ވަނީ ނިއޯލް ރެޑްފޯޑާއި އޭނާގެ އަންހެނުންނަށް ލިބިފަ އެވެ. މި ދެމަފިރިންގެ 17 ދަރިން އެބަތިއްބެވެ. އަދި 18 ވަނަ ކުއްޖާ ޖުލައި މަހު އުފަން ވާނެ އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

އިނގިރޭސި ވިލާތުގެ އެންމެ ގިނަ ކުދިން ތިބި އާއިލާގެ ރެކޯޑް މިހާރު ވަނީ ނިއޯލް ރެޑްފޯޑާއި އޭނާގެ އަންހެނުންނަށް ލިބިފަ އެވެ. މި ދެމަފިރިންގެ 17 ދަރިން އެބަތިއްބެވެ. އަދި 18 ވަނަ ކުއްޖާ ޖުލައި މަހު އުފަން ވާނެ އެވެ.

ކުދިންގެ ބައްޕަ ރެޑްފޯޑު ބުނަނީ އޭނާއަށް މިހާ ގިނަ ކުދިން ބެލުމަކީ މާބޮޑު ކަމެއް ނޫން ކަމަށެވެ. އަދިވެސް އިތުރު ކުދިން ހޯދަން ވިޔަސް އޭނާ އަށް މައްސަލައެއް ނެތެވެ.

އުމުރުން 45 އަހަރުގެ ރެޑްފޯޑާއި އަންހެނުން ސުއީ ދިރިއުޅެނީ އިނގިރޭސި ވިލާތުގެ ލެންކެޝެއާގެ މޮރަކަމީގަ އެވެ.

ޑެއިލީމެއިލްގައިވާ، މި ދެމަފިރިންނާ ގުޅޭ ރިޕޯޓުގައިވާ ގޮތުން އަދިވެސް އާއިލާ ރޭވުމާ ބެހޭ ގޮތުން މި ދެމަފިރިން އެއްވެސް ވަރަކަށް ނުވިސްނަ އެވެ.

"އަހަރެމެން އެންމެ ފުރަތަމަ ރޭވީ ތިނެއް ނުވަތަ ހަތަރު ކުދިން ވަރު ހޯދަން. ނަމަވެސް ހަތަރު ކުދިން ލިބުނީމަ ހިތަށް އެރީ މިއީ ވަރަށް ހިތް އުފާވާ ކަމެކޭ. އެހެންވެ ކުދިން ހޯދަމުން ގެންދިޔައީ،" ރެޑްފޯޑް ބުނެފައިވެ އެވެ.

ނަމަވެސް ރެޑްފޯޑް ބުނަނީ ބަލިވެ އިނުމުން އޭނާގެ އަންހެނުން ކުރިން އުފާވާ ވަރަށް މިހާރު އުފާ ނުވާ ކަމަށެވެ.

"ފުރަތަމަ އަހަރެމެން ހިތަށް އެރީ ތިން ކުދިން ހޯދައިފިއްޔާ ފަސޭހަ ވާނޭ. ތިން ކުދިން އެކުގައި ކުޅެލަ ކުޅެލަ ތިބޭނޭ ފޫހިނުވެ. ބޮޑެތި އާއިލާތަކުގެ ވަރަށް ބޮޑު އެޑްވާންޓޭޖެއް މިއީ،" ރެޑްފޯޑް ބުނެފައި ވެ އެވެ.

ރެޑްފޯޑްގެ އާއިލާގައި އެންމެ ދޮށީ ކްރިސް، 27، އެވެ. ކްރިސް އަށް ފަހު އަހަރު ދެކޮޅު ވިހަމުން ގޮސް އެންމެ ހަގު ދަރިފުޅުގެ އުމުރުން އަދި 1 އަހަރެވެ.

ރެޑްފޯޑް އާއިލާގެ ހުރިހާ މެމްބަރުން ޓީވީ ޝޯއެއްގައި ބައިވެރިވަނީ

ރެޑްފޯޑް އާއިލާގެ ހުރިހާ މެމްބަރުން ޓީވީ ޝޯއެއްގައި ބައިވެރިވަނީ

ރެޑްފޯޑާއި އަންހެނުންގެ އަމިއްލަ ބޭކަރީއެއް ހުރެ އެވެ. އަދި 15 ސީޓުގެ މިނީ ބަހެއް މި އާއިލާ ދުއްވަން ހޯދާފައިވެ އެވެ. ހަފުތާއަކު 120 ޕައިންޓް ކިރު މި އާއިލާއިން ބޭނުންކުރެ އެވެ.

މި އާއިލާގެ 18 ވަނަ ކުއްޖާގެ ޖިންސު މިދިޔަ ފެބްރުއަރީ މަހު، މިހާރު ތިބި 17 ކުދިންނަށް ހާމަކުރީ ވެސް ވަރަށް ސްޓައިލްގަ އެވެ.

މި އާއިލާގެ ޔޫޓިއުބް ޗެނަލްއަށް ލާފައިވާ ޚާއްސަ ވީޑިއޯއެއްގައި އެކުދިންގެ މަންމަގެ ކުޑަ ވާހަކަކޮޅަކަށް ފަހު މި ވީޑިއޯ ބަލަން ވަށް ބުރަކަށް ތިބި 17 ކުދިންގެ މެދުގައި އިން އެންމެ ހަގު ކުއްޖާއަށް މުށި ކުލައިގެ ކަރުދާހުގައި ބަންދުކޮށްފައިވާ ޚާއްސަ ހަދިޔާއެއް ދެ އެވެ. އެހެން ކުދިން ވަރަށް އުފަލުން ބަލަން ތިއްބާ އެ ކުއްޖާ މި ހަދިޔާ ކަނޑާލާއިރު އޭގެ ތެރޭގައި އޮންނަނީ ރެއިންބޯ ޓެޑީ ބެއާ އެކެވެ. އެ ޓެޑީ ބެއާ ލައްވާފައިވާ ހުދު ޓީޝާޓްގައި "އިޓްސް އަ ގާލް" ލިޔެފައިވެ އެވެ. ކުދިންތަކަށް މިތަން ފެނިފައި ހުރިހާ ކުދިން އެއްފަހަރާ "އަންހެންކުއްޖެކޭ" ކިޔާފައި ހަޅޭއްލަވައިގަނެ އެވެ.

ޗެނަލް 4 ގެ ޑޮކިއުމެންޓްރީ ސީރީޒްއެއް ކަމަށްވާ "16 ކިޑްސް އެންޑް ކައުންޓިން"ގައި މި އާއިލާ ބައިވެރިވި ފަހުން ވަރަށް ބޮޑު މަޝްހޫރުކަމެއް ވަނީ ލިބިފަ އެވެ.

ދިހަ ކޮޓަރީގެ ގެއެއްގައި ދިރިއުޅޭ މި އާއިލާއަށް ބެލެހެއްޓުމަށް އަހަރަކު 30،000 ޕައުންޑް ޚަރަދުވެ އެވެ. ކައްކަން ހަފުތާ އަކު ގަންނަ ސާމާނަށް އެކަނިވެސް 300 ޕައުންޑް ޚަރަދުވެ އެވެ. ކޮންމެ ދުވަހަކު ބޮޑު ދެ ފޮށީގެ ސީރިއަލް އާއި 18 ޕައިންޓް ކިރު މި ހުރިހާ ކުދިންގެ ކެއުމަށް ދެ އެވެ.

ކުދިންގެ އުފަން ދުވަސް ފާހަގަކުރުމަށް ކޮންމެ ކުއްޖަކަށް ވެސް ކަނޑައެޅިފައި އޮންނަނީ 100 ޕައުންޑްގެ ބަޖެޓެކެވެ.

ކޮންމެ އަހަރަކު ވެސް މި ހުރިހާ ކުދިން ގޮވައިގެން ދެމަފިރިން ބޭރު ކޮންމެވެސް ގައުމަކަށް ޗުއްޓީ ހޭދަކޮށްލަން ވެސް ދެ އެވެ.

ރެޑްފޯޑް ފަޚުރުވެރިކަމާއެކު ބުނަނީ އޭނާ ދަރިންނަށް ޚަރަދުކުރަނީ ބޭކަރީ ހިންގައިގެން ލިބޭ ފައިސާއިން ކަމަށެވެ. ސަރުކާރުގެ އެހީ ބޭނުން ނުކުރާ ކަމަށެވެ.

ރެޑްފޯޑް އާއިލާގެ އެއް ދުވަސް

ކޮންމެ ދުވަހަކު ފަތިހު ރެޑްފޯޑް ބޭކަރީއަށް ގޮސް މަސައްކަތް ފަށަ އެވެ. އަދި ހެނދުނު 7.45 ވާއިރަށް އަނބުރާ ގެއަށް ދެ އެވެ. ނާސަރީ އަށާއި ސްކޫލަށް ދާ ކުދިންގެ ކަންތައްތައް ކުރުމަށެވެ. ޔުނިފޯމްތައް ރޭގަނޑު ދޮވެ އިސްތިރިކޮށްފައި ބަހައްޓާފައި ހުރެ އެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރަނީ ދެ ބަޔަކަށެވެ.

ހަ ކުދިން ދަނީ އެއް ޕްރައިމަރީ ސްކޫލަކަށެވެ. އެއީ އެ ގެ އާއި 10 ވަރަކަށް މިނިޓް ދުރުގައިވާ ސްކޫލެކެވެ. ފަސް ކުއްޖަކު ސެކަންޑަރީ ސްކޫލަށް ދެ އެވެ. މިނީ ބަހުގައި ރެޑްފޯޑް މި ނުވަ ކުދިން ސްކޫލަށް ގެންދެ އެވެ.

ކޮންމެ ދުވަހަކު ވެސް ހައެއް ނުވަތަ 12 ވަރަކަށް މެޝިން ލޯޑް މި އާއިލާއިން ދޮންނަން ޖެހެ އެވެ. ކޮންމެ މަހަކު 30 ފުޅީ ވޮޝިން ލިކުއިޑް ގަނެ އެވެ. އަދި ދުވާލަކު ހަތަރު ޓޮއިލެޓްރޯލު ބޭނުންކުރެ އެވެ. ކުދިން ރޭގަނޑުގެ ހައެއް ޖަހާއިރު ފެންވަރުވަން ފަށަ އެވެ. އެންމެ ފުރަތަމަ ފެންވަރުވަނީ އެންމެ ހަގު ކުދިންނެވެ. ހުރިހާ ކުދިން ފެންވަރުވާފައި ހަތެއް ޖަހަން ވާއިރަށް ނިދަން ބައިތިއްބަ އެވެ. ތަންކޮޅެއް ދޮށީ އުމުރުގެ ކުދިން ނުވައެއް ޖަހަންދެން ހޭލާ ތިބެ އެވެ.

ރެޑްފޯޑްގެ ދެމަފިރިން ބުނަނީ އެ ދެ މީހުން ވެސް 10 ޖަހާއިރު ނިދަން އޮށޯންނަ ކަމަށެވެ.

މިހާރު މި ދެމަފިރިންނަށް މާމަ ކާފަ ކިޔާފައި ވިޔަސް އެމީހުން އަދިވެސް ކުދިން ހޯދުން ހުއްޓާލާކަށް ގަސްތެއް ނުކުރެ އެވެ. ދެ ވަނަ އަށް އެންމެ ދޮށީ ސޯފީ އަށް ވެސް މިހާރު ތިން ކުދިން ލިބިއްޖެ އެވެ.