Roadha Mihaaru
"ޔޭ ރިޝްތާ" ގެ އާ ފެށުން 27 ގައި

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ އާ ފެށުން 27 ގައި

24 އޮކްޓޯބަރ 2021

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ކާސްޓަށް އަންނަ ބަދަލާ އެކު، އެ މުޅިން އާ ފެށުމަކުން މި މަހުގެ 27 އިން ފަށަން ތައްޔާރު ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގެ ކާސްޓަށް އަންނަ ބަދަލާ އެކު، އެ މުޅިން އާ ފެށުމަކުން މި މަހުގެ 27 އިން ފަށަން ތައްޔާރު ވެއްޖެ އެވެ.

ކާސްޓްގައި މި ފަހަރު ލީޑް ކުރާނީ ޒުވާން ތިން ތަރިއެކެވެ. އެއީ އަބިމަންޔޫގެ ރޯލުން ފެންނާނެ ހަރްޝަދު ޗޯޕްޅާ އާއި އަރޯހީގެ ރޯލުން ފެންނާނެ ޕްރަނާލީ ރާތޯޑްގެ އިތުރުން އަކްޝަރާގެ ރޯލުން ފެންނާނެ ކަރިޝްމާ ސާވަންތު އެވެ. ހަރުޝަދު، 38، އަކީ ކުރިން "ބޭޕަނާ" އާއި "ތޭރޭ ލިޔޭ" އަދި "ކިސް ދޭޝް މޭ ހޭ މޭރާ ދިލް" ފަދަ ސިލްސިލާތަކުން ފެނިފައިވާ އެކްޓަރެވެ. ޕްރަނާލީ އަކީ ސޮނީން މި އަހަރުގެ އޮގަސްޓްގައި ނިންމައިލި ސިލްސިލާ "ކިޔު އުތެ ދިލް ޗޯޅު އާއީ" ގެ ރޯލެއް ކުޅުނު ބަތަލާ އެވެ.

އާ ކާސްޓާ އެކު "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގެ ޕްރޮމޯއެއް ވެސް އަންނަނީ ދައްކަމުންނެވެ. މި ފަހަރު ވާހަކައިން އަށް އަހަރުގެ ލީޕެއް ފެނިގެންދާނެ އެވެ. ފާހަގަ ކޮށްލެވޭ އަނެއް ކަމަކީ ކަރިޝްމާގެ ރޯލު އަކްޝަރާގެ ކެރެކްޓާ އަކީ ސިލްސިލާގައި 2015 އާ ހަމައަށް ލީޑް ރޯލު ކުޅުނު ހީނާ ޚާންގެ ކެރެކްޓާގެ ނަންކަމެވެ.

އެ ކެރެކްޓާ އަކީ 2016 އިން ފެށިގެން "ޔޭ ރިޝްތާ ކިޔާ ކެހެލާތޭ ހޭ" ގައި ލީޑް ބަތަލާގެ ރޯލު ކުޅެމުން އައި ޝިވާންގީ ޖޯޝީ (ނައިރާ) ގެ މަންމަގެ ރޯލެވެ.

ސިލްސިލާ އާ ފެށުމަކުން ފަށާ އިރު، މީގެ ވާހަކަ އަށް ބޮޑު ބަދަލެއް މި އަންނަނީ ޝިވާންގީ އާއި މުހުސިން ޚާން (ކާތިކް) އެއިން ވަކިވާތީ އެވެ. ދެ ތަރިން ސިލްސިލާ ދޫކޮށްލަން ނިންމީ ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ބޭނުންނުވުމުންނެވެ.

ކުރިން މީގެ ލީޑް ކުޅުނު ހީނާ އާއި ކަރަން މެހެރާ (ނައިތިކް) ވެސް "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ދޫކޮށްލީ ބޮޑެތި ދަރިންތަކެއްގެ މައިންބަފައިންގެ ރޯލު ކުޅެން ބޭނުންނުވުމުންނެވެ.

މި ސިލްސިލާ އަކީ ސްޓާ ޕްލަސް އިން ގެނެސްދޭތާ މިހާރު އެންމެ ދުވަސްވީ ސިލްސިލާ އެވެ. ބެލުންތެރިންގެ މެދުގައި މަގުބޫލު ސިލްސިލާ ފެށީ 2009 ގަ އެވެ.